ކ. ގާފަރު ކައިރިއަށް އިއްޔެ ބަންޑުން ޖަހާލި ކޮޅުވެއްޓިއަކުން ގެއްލުނު ދެ މީހުން ހޯދަން ކަނޑުގެ ބޮޑު ސަރަހައްދެއް ބަލާފައިވީ ނަމަވެސް، މިހާތަނަށް އެ މީހުން ފެނިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ގެއްލުނު ދެ ބިދޭސީން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ހުއްޓުމެއް ނެތި ކުރަމުން އަންނަ ކަމަށެވެ. ކަނޑާއި ވައިގެމަގުން މިހާތަނަށް ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އެ ދެ މީހުން ހޯދުމުގެ މަސައްކަތުގައި ކަނޑުމަގުން ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި ފާސްޓް އިންޓަސެޕްޓާ ކްރާފްޓުން މިހާރު ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ތިލަފުށިން ފުރައިގެން ދަތުރުކުރި ކޮޅުވެއްޓިއެއް ދިޔަވެ ގާފަރު ކައިރިއަށް އަޑިއަށް ދިޔައިރު އެ އުޅަނދުގައި 10 މީހަކު ތިއްބެވެ. އެއީ 8 ބިދޭސީންނާއި ދެ ދިވެހިންނެވެ.
މި ހާދިސާ ހިނގިއިރު މެޓުން ވަނީ މޫސުން ގޯސްވެ ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފަ އެވެ. އަދި ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށާއި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރަން އަންގައިފަ އެވެ.
މެޓް އޮފީހުން ބުނެފައިވާ ގޮތުގައި ހުޅަނގު މޫސުމާ ގުޅިގެން ރާއްޖޭގެ އުތުރާއި އިރުދެކުނުގައި އުފެދިފައިވާ ލޯޕްރެޝާ ޓްރަފްގެ ސަބަބުން ރާއްޖޭގެ ހުޅަނގުގައި ގިނަ އަދަދަކަށް ބޯވިއްސާރަ ވިލާ ދަނީ އުފެދެމުންނެވެ. އެއާ އެކު މިއަދާއި މާދަމާ ވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވެ އެވެ.