ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑުއަޑީގެ ހޮހަޅަޔަށް މީގެ ކުރިން ވަދެފައިވާ ރަޝިޔާގެ ތަޖުރިބާކާރު ޑައިވަރު ވްލަޑިމިއާ ޓޮޗިލޯވް އެތަނުގެ ނުރައްކާތެރިކަމާއި ބިރުވެރިކަން ސިފަކޮށްދިނީ މިގޮތަށެވެ؛ އެއީ ފުންމިން ބުނެދޭން ނޭނގޭ، ނުކުމެވޭނެ ގޮތެއް ފެންނަ ނެތް، ނާމާން ކަނު އަނދިރިގަނޑެކެވެ. ބިރުވެރި ދަތުރެކެވެ.
"ހޮހަޅައިގެ މާ އެތެރެއަށް ވަދެވުމުން، ވަދެވުނު ދިމާލުން ވެސް އެއްވެސް އަލިކަމެއް ނުފެންނާނެ. އެ ހިސާބުން ދެން ދަތުރުކުރަން ޖެހޭނީ މުޅިން ކަނު އަނދިރިގަނޑެއްގެ ތެރޭގައި،" އަލިމަތިމާ ކައިރީގައި އޮތް ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން ގޮސް އުޅެނިކޮށް އިޓަލީގެ ހަތަރު ޑައިވަރަކާއި ހަމަ އެ ގައުމުގެ ޑައިވިން އިންސްޓްރަކްޓަރެއް މަރުވި ހާދިސާއާ ބެހޭ ގޮތުން ސީއެންއެން އަށް ދިން އިންޓަވިއުއެއްގައި ޓޮޗިލޯވް ބުނެފައިވެ އެވެ.
އެ ތަނަށް 2014 އަހަރު ފީނި ޓޮޗިލޯވްގެ ޑައިވިންގް ކުންފުނި ކަމަށްވާ "ނެވާ ޑައިވާސް" އިން ޔޫޓިއުބަށް ދޫކޮށްލާފައިވާ ވީޑިއޯތަކުން ވެސް ފެންނަ ގޮތުގައި، މި ހޮހަޅައިގެ އެތެރެއަކީ ހަނި، ނޭވާ ހާސްވާފަދަ ބިރުވެރި ތަނެކެވެ. އާދައިގެ ޑައިވަރުންނަށް އޮންނަ 30 މީޓަރުގެ ލިމިޓަށްވުރެ މާ ފުން ތަނެއް ކަމަށްވާ މި ހޮހަޅައަށް އެއްވެސް ތައްޔާރުވުމެއް ނެތި ދިޔުމަކީ ޓޮޗިލޯވް ބުނި ގޮތުގައި ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ.
ޓޮޗިލޯވް ބުނި ގޮތުގައި މިފަދަ ތަނަކަށް ފީނަން ޖެހޭނީ އެކަމަށް ބޭނުންވާ ތަމްރީނާއި އާލާތްތަކާ އެކު އަދި ނަފްސާނީ ގޮތުން ވެސް ތައްޔާރުވެގެންނެވެ.
"މި ހޮހަޅައަށް ވަންނަންވާނީ އެކަށީގެންވާ ތައްޔާރީތައްވެ އެކަމުގެ ތަޖުރިބާ ހުރި، އަދި މި ހޮހަޅައަށް ރަނގަޅަށް ފީނުމަށް ޕްލޭންކޮށްގެން އަންނަ ޓެކްނިކަލް ކޭވް ޑައިވަރުން އެކަނި،" ޓޮޗިލޯވް ބުންޏެވެ.
އޭނާ ސިފަކުރި ގޮތުގައި އެ ހޮހަޅައިގެ ނިމޭ ހިސާބެއް ނޭނގެ އެވެ. ވަކި ހިސާބަކަށް ދެވުމުން ދެން ނުކުންނާނެ ދޮރެއް ނުފެންނާނެ އެވެ.
ޓޮޗިލޯވްގެ ކިޔައިދިނުމުން އެންމެ ބޮޑަށް ސާފުވާ ކަމަކީ، ހޮހަޅަ ނުހަނު ދިގުވެފައި އެތަން އުފެދިފައިވާ ގޮތުގެ އޮޅުންބޮޅުން ބޮޑުކަމެވެ. ގާތްގަނޑަކަށް 200 މީޓަރު ދިގު، އަދި އެތައް ބޮޑެތި ޗެމްބާސްތަކަކަށް ބެހިގެންވާ ހޮހަޅައިގެ މާ އެތެރެއަށް ވަދެވުމުން، ވަދެވުނު ދިމާއެއް ނުވަތަ ނުކުންނަންވީ ދިމާއެއް އެއްގޮތަކަށް ވެސް ނުފެންނާނެ ކަމަށް އޭނާ ބުނެ އެވެ.
"ހޮހަޅައިގެ މާ އެތެރެއަށް ވަދެވުމުން، ވަން ދިމާލުން ވެސް އަލިކަމެއް ނުފެންނާނެ. އެ ހިސާބުން ދެން ދަތުރުކުރަން ޖެހޭނީ މުޅިން ކަނު އަނދިރިގަނޑެއްގެ ތެރޭގައި." ޓޮޗިލޯވް ބުންޏެވެ.
މިފަދަ އަނދިރިކަމެއްގެ ތެރޭގައި މަގު އޮޅުމަކީ ވަރަށް ކައިރީގައިވާނެ ކަމެއް ކަން އޭނާ ފާހަގަކުރި އެވެ.
"ކަނު އަނދިރި ކޮޓަރިއެއްގެ ތެރޭގައި މީހަކު ބަހައްޓާފައި، އޭނާ އަނބުރާފައި، ނުކުންނާނެ ދޮރު ހޯދަން ބުނެފި ނަމަ، ކޮންމެ މީހަކަށް ވެސް އެކަން ކުރަން ވަރަށް އުނދަގޫވާނެ." ހޮހަޅަ ތެރޭ ޑައިވަރުންނާ ކުރިމަތިވާނެ ބިރުވެރިކަން ހިއްސާ ކުރަމުން ޓޮޗިލޯވް ބުންޏެވެ.
ރާއްޖެއަކީ އާންމުކޮށް ކޭވް ޑައިވިންއަށް މަގުބޫލުކަން އޮންނަ ތަނަކަށް ނުވިޔަސް، މި ވަކި ހޮހަޅައަށް ގިނަ ބައެއްގެ ޝައުގުވެރިކަން އޮވެ އެވެ. ޓޮޗިލޯވް ފާހަގަކުރި ގޮތުގައި މި ހޮހަޅަ ހާއްސަ ވަނީ އެތަނުގެ އެކަހެރި ސިފަތަކުގެ ސަބަބުންނެވެ.
"މިއީ ބެލެވޭ ގޮތުގައި މި ސަރަހައްދުގައި ހުރި މިފަދަ ހަމައެކަނި ހޮހަޅަ. ސައިންސްވެރިންނާއި ބަޔޮލޮޖިސްޓުންނާއި ދިރާސާކުރާ މީހުން ހިމެނޭ ގޮތަށް ޑައިވަރުންގެ ސަމާލުކަން މިތަނަށް ހުއްޓުނު ސަބަބަކީ ވެސް އެއީ ކަމަށް ވެދާނެ،" ޓޮޗިލޯވް ބުންޏެވެ.
"މި ހޮހަޅައިގެ ބޭރުން ނުފެންނަ ހާއްސަ ދިރުންތަކެއް މި ހޮހަޅައިގެ އެތެރޭގައި ހުރޭ."
ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި ކަނޑުމަތީގެ އެންމެ ހިތާމަވެރި މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި މަރުވި މީހުންގެ ތެރޭގައި އިޓަލީގެ ބޯގޯމަނޭރޯގެ ޑައިވަރު ފެޑެރިކޯ ގުއަލްޓިއޭރީގެ އިތުރުން ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރު މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ އަންހެން ދަރިފުޅު ޖޯޖިއާ ސޮމާކަލް އާއި އިޓަލީގެ ޓޫރިންގެ މިއުރިއަލް އޮޑެނީނޯ އަދި އިޓަލީގެ ޕަޑުއާގެ ޖިއަންލޫކާ ބެނެޑެޓީ ހިމެނެ އެވެ.
މީހުން ހޯދުމުގެ އޮޕަރޭޝަންގައި އުޅެނިކޮށް އެމްއެެންޑީއެފްގެ ކޯސްޓްގާޑުގެ އެންމެ ތަޖުރިބާކާރު އެއް ޑައިވަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ މިދިޔަ ހޮނިހިރު ދުވަހު ނިޔާވުމާ ގުޅިގެން އޮޕަރޭޝަން މެދުކަނޑާލި އެވެ.
އޭގެފަހުން އޮޕަރޭޝަން ފެށީ ފިންލޭންޑުގެ ތަޖުރިބާކާރުން ޑައިވަރުންގެ ޓީމަކާއި އެމްއެންޑީއެފް ޑައިވަރުންނާއި ފުލުހުން ގުޅިގެންނެވެ. އެ އޮޕަރޭޝަނުގައި އެންމެންގެ ހަށިތައް ވެސް ހޮހަޅައިން ވަނީ ނަގައިފަ އެވެ.
ތައިލެންޑުގައި 2018 ވަނަ އަހަރު، ފެނުގެ އަޑީގެ ހޮހަޅައެއްގެ ތެރޭ ތެރޭގައި ތާށިވި ޒުވާން ފުޓްބޯޅަ ޓީމު ސަލާމަތްކުރުމުގެ މަސައްކަތުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެކަކު ކަމަށްވާ ބްރިޓިޝް ކޭވް ރެސްކިއު ކައުންސިލްގެ ޑައިވިން އޮފިސަރު ޖޯން ވޮލަންތެން ވެސް ސީއެންއެން ބުނީ ކަނޑުގެ ފުން ހިސާބުތަކުގައި ހުންނަ ހޮހަޅަތަކަށް ފީނުމުގައި ވަރަށް ބޮޑެތި ނުރައްކާތައް ހުންނާނެ ކަމަށެވެ.
ފުން ކަނޑުތަކަށް ފީނުމުގައި ދިމާވާ އެއް ނުރައްކަލަކީ "ގޭސް ނާކޯސިސް" އެވެ. މިއީ ކޮމްޕްރެސްކޮށްފައި ހުންނަ ގޭހަށް، ފުން ހިސާބުތަކުގައި ނޭވާލުމުގެ ސަބަބުން މަސްތުވުން ފަދަ އިހުސާސެއް ޑައިވަރުންނަށް ކުރިމަތިކުރުވާ ކަމެކެވެ. މިކަމުން ސަލާމަތްވުމަށް، ޑައިވަރުން އާންމުކޮށް ހީލިއަމް، ނައިޓްރޮޖަން އަދި އޮކްސިޖަން އެކުލެވޭ "ޓްރައިމިކްސް" ފަދަ ހާއްސަ ގޭސް މިކްސްތައް ބޭނުންކުރެ އެވެ.
ވޮލަންތެން ބުނި ގޮތުގައި، އިޓަލީގެ ޑައިވަރުންނަށް ހޮހަޅައިގެ މާ ފުނަށް ވަދެވުނު ފަހުން، ވާނުވާ ނޭނގި އޮޅުންބޮޅުންވީ ކަމަށް ވެދާނެ އެވެ.
"މާ ފުނަށް ފީނަން ފެށުމުން، އެ ކުރިމަތިވާ ނާކޯސިސްގެ އަސަރުގެ ސަބަބުން ހާސްވެ ހާސްކަން ޕެނިކް އުފެދުން އެކަށީގެންވޭ. އަދި އޭގެ އިތުރުން، ހޮހަޅައިން ބޭރަށް ނުކުންނާނެ މަގު ހޯދަން އެމީހުންނަށް އުނދަގޫވުން ވެސް އެއީ ވެދާނެ ކަމެއް،" ވޮލަންތެން ބުންޏެވެ.