ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި "ފްރެންޑް 4" ސަޕްލައި ދޯނި އަޑިއަށްދިޔަ ސަރަހައްދުގެ ފުން މިނުގައި ގާތްގަނޑަކަށް 1،645 މީޓަރު ހުންނާނެ ކަމަށް އެމްްއެންޑީއެފުން ބުނެފި އެވެ.
ހިލަ އާއި ހިލަވެލި ބަރުކޮށްގެން ޅ. އަތޮޅު ހަނޑަސް ކިޔާ ފަޅު ރަށަކަށް ދަތުރުކުރި އެ ދޯންޏަށް ރާޅެއް އަރައިގެން ދިޔަވާތީ ދޯނި ސަލާމަތްކުރުމަށް އެ ރަށް ކައިރީ އެމްއެންޑީއެފާއި ފުލުހުން މަސައްކަތް ފެށި އެވެ. އެ މަސައްކަތުގައި އުޅެނިކޮށް ސިފައިންގެ މީހަކާއި ފުލުހަކާއި ދޯނީގެ ކައްޕި ގެއްލުނީ މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު އެވެ.
އެމްއެންޑީއެފުން ބުނީ އެ ދޯނި ބަންޑުން ޖަހާލީ ގއ. ކުޑަލަފަރީގެ 4.1 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. އެ ސަރަހައްދުގެ ފުންމިނުގައި 1،645 މީޓަރު (5،489 ފޫޓު) ހުންނާނެ ކަމަށް އެމްއެންޑީއެފުން ލަފާ ކޮށްފައި ވާއިރު މިހާތަނަށް ކުރި މަސައްކަތުން ދޯނި ވެސް، އަދި ގެއްލުނު ތިން މީހުން ވެސް ފެނިފައި ނުވާ ކަމަށް ބުންޏެވެ.
"ދޯނި ދިޔައީ ކިހާ ފުންމިނަކަށް ކަމެއް ބުނާކަށް ނޭނގޭ، އެ ތަނުގެ އަސްލު ފުން މިން ވެސް ނޭނގޭތީ. އެމްއެންޑީއެފުން އެ ތަނުގައި ހުރި ފުންމިން ކަމަށް ލަފާކުރާ ވަރަށް ބަލައި ދޯނި މައްޗަށް ނެގުމަކީ ކުރެވޭނެ ކަމެއް ނޫން،" އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.
އެ ދޯނީގައި ކައްޕި މުހައްމަދު ހަމްދޫނާއި ހަތް ބިދޭސީންނާ އެކު ޖުމްލަ އަށް މީހަކު ތިއްބެވެ. ނަމަވެސް، ހަމްދޫން ފިޔަވައި އެންމެން ސަލާމަތްވި އެވެ. އެ ހާދިސާއަށް ފަހު، ދޯނި ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ގެއްލިގެން ހޯދަނީ އެމްއެންޑީއެފްގެ އިބްރާހިމް އަހުމަދު އަދި ފުލުހެއް ކަމަށްވާ އަލީ ނާފިއު އެވެ. އެ ތިން މީހުން ވެސް ވަނީ ކަނޑަށް ގެއްލިފަ އެވެ.
އެމްއެންޑީއެފުން ރޭ ބުނެފައި ވަނީ ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަނުގައި ވައިގެމަގުން 5،212 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް އަދި ކަނޑުމަގުން 1،070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް މިހާތަނަށް ބެލި ނަމަވެސް ގެއްލުނު މީހުން އަދި ފެނިފައި ނުވާ ކަމަށެވެ.
އެ ތިން މީހުން ގެއްލުނީ ފެތެމުން ދިޔަ ދޯނި ސަލާމަތްކުރަން، ދިޔަ ހިއްކަން އުޅުމުގެ ތެރޭގައި ކަމަށް އެކަމުގެ މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ބުނެފައިވެ އެވެ. އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ދޯންޏަށް ދިޔަވަމުން ގޮސް ދޯނީގެ އެއްކޮޅު އަޑިއަށްދެ އެވެ. އަދި ހިނދުކޮޅެއްގެ ތެރޭ ދޯނި އެ ހުރި ގޮތަށް އޮލަނބަށް ކަނޑުގެ ތެރެއަށް ދަނީ އެވެ. އޭރު ދޯނި ކައިރީ އެހެން އުޅަނދެއް އުޅޭތީ ވެސް ފެނެ އެވެ.
"އެ މީހުން ތިބީ ދޯނި ދިޔަވާތީ ޕަމްޕުކުރަން ކަމަށް މައުލޫމާތު ލިބެނީ. އެހެން ތިއްބާ ދޯނި އަރިއަޅާލި ގަޑީގައި ގެއްލުނީ ކަމަށް. ވެލި ބަސްތާތައް ހުރި ކަމަށް މައުލޫމާތު ލިބެނީ ދޯނީގެ މެދުތެރޭގައި،" އޭނާ ބުންޏެވެ.
މީގެ 17 އަހަރު ކުރިން ބަން އެ ދޯނިން ސަލާމަތްވީ އަރިއަޅާލުމާ އެކު، ފުރަތަމަ ނުކުމެވުނު މީހުން ކަމަށް އެކަމުގެ މައުލޫމާތު އެނގޭ އެ މީހާ ބުންޏެވެ.