މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕްރިޒްންސްގެ މަގާމަށް މުހައްމަދު އާސިފް ޕްރޮމޯޓް ކޮށްފި އެވެ. މިއީ، ގައިދީން ބަލަހައްޓާ އިދާރާގެ އޭސީޕީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރި ފުރަތަމަ ފަހަރެވެ.

ކޮމިޝަނާ އޮފް ޕްރިޒްންސްގެ މަގާމުގައި މިހާރު ހުންނެވީ އަބްދުﷲ މުނާޒެވެ.

ސްޕުރިޓެންޑެންޓްގެ މަގާމުގައި ހުންނެވި އާސިފް، އެސިސްޓަންޓް ކޮމިޝަނާ އޮފް ޕްރިޒްންސްގެ މަގާމަށް ޕްރޮމޯޓްކޮށް އޭނާ އަށް ލިޔުން ހަވާލުކޮށްފައި ވަނީ ކަރެކްޝަނަލް ސާވިސްގެ 48 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން މާފުށީ ޖަލުގައި އިއްޔެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.

މާލޭ ޖަލު ހިންގުމާ މިހާރު ހަވާލުވެ ހުންނެވި، އާސިފަށް އޭސީޕީގެ މަގާމުގެ ލިޔުން ހަވާލުކޮށް ދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

އާސިފްގެ އިތުރުން 113 އޮފިސަރަކަށް މަގާމުގެ ކުރިއެރުން ދީފައިވެ އެވެ. އާސިފް ވަނީ 13 އަހަރަށް ވުރެ ގިނަ ދުވަހު ކަރެކްޝަނަލް ސާވިސްގައި ހިދުމަތް ކުރައްވައިފަ އެވެ.

އެމްސީއެސްގެ އަހަރީ ދުވަހު ބޭއްވި ޖަލްސާގައި، އެ އިދާރާގައި ދިގު މުއްދަތަށް ވަޒީފާ އަދާކޮށްފައިވާ އޮފިސަރުންނަށާއި މުވައްޒަފުންގެ ހިދުމަތުގެ އަގު ވަޒަންކޮށް ހަނދާނީ ފިލައެއް ދިނެވެ.