"ކޯއްޗެއްބާ" ގެ ނަމުގައި ޑިޓިއުން ބޭންޑުން ޕްރޮމޯޓްކުރި ވީޑިއޯ އަކީ ކޯއްޗެއްކަން ދުވަސްތަކެއް ފަހުން، ރޭ ހާމަކޮށްފި އެވެ. މި ފަހަރު ވެސް ހަމަ ވީޑިއޯ ލަވައެކެވެ. މީގެ ކުރިން ވެސް، ފަސް މެމްބަރުން ހިމެނޭ ބޭންޑުން ވަނީ އާންމުންގެ މެދުގައި ވަރަށް މަގުބޫލުވި ވީޑިއޯ ލަވަތަކެއް ގެނެސް ދީފަ އެވެ.
އޭގެ ތެރޭގައި "ނަށާލާ" އާއި "ވައި ސޯންގް" އަދި "އައްޗި ޗީ ޗީ" ހިމެނެ އެވެ.
ނަމަވެސް ރޭ އާންމުންނަށް ދޫކޮށްލި ލަވައަކީ ކުރީގެ ލަވަތަކާ މާ ބޮޑަށް ވެސް ތަފާތު ލަވައެކެވެ. ""ހިޔަމަ" ގެ ނަން ދީފައިވާ ލަވައިގެ އެންމެ ހާއްސަ ކަމަކީ ލަވައިގެ ވާހަކަ ދިވެހި ގޮތަކަށް އަދި ދިވެހިންގެ ތެރޭގައި ހުރި އިޖުތިމާއީ މައްސަލަތަކުގެ ތެރެއިން ގެނެސް ދީފައިވާތީ އެވެ.
ޑިޓިއުން ބޭންޑްގެ "ނަށާލާ" ލަވަ ވެސް ޑައިރެކްޓް ކުރި މުހައްމަދު މުންތަސިރު (މުންކޮ) ޑައިރެކްޓްކޮށްފައިވާ "ހިޔަމަ" އިން ދައްކަނީ ދަހިވެތިކަން ބޮޑު މީހެއްގެ ވާހަކަ އެވެ. ރޭ ޝްވެކް ސިނަމާގައި މި ލަވަ ލޯންޗްކޮށްދެއްވީ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އެވެ.
ޑިޓިއުން ބޭންޑުގެ ފިރިހެން ލީޑް ވޯކަލިސްޓް އަހުމަދު ފުރްގާން (ފުޖީ) ކިޔާފައިވާ ލަވައިގެ ސްކްރިޕްލޭން ހަދާފައި ވަނީ މަޝްހޫރު ސްކްރީން ރައިޓަރު މަހުދީ އަހުމަދެވެ. ލަވައިގެ ސްޓޯރީ އެކުލަވާލައި އޮތް ގޮތާއި މުންކޮ ލަވަ ހުށަހަޅައި ދީފައި އޮތް ގޮތް ވަރަށް ވެސް ހަމަ ފުރިހަމަ އެވެ. ލަވައިގައި ދިވެހި ރަހަ އެކުލެވުން އެއީ ހަމަ ހާއްސަވާ ސަބަބެކެވެ. ލަވައިގެ ކޮސްޓިއުމާއި މޭކަޕް ހަދާފައި ވަނީ އިސްމާއީލް ޖުމައިހް (ޖުމާ) އާއި އިބޫ އެވެ.
"ހިޔަމަ" ފުރިހަމަވުމުގައި ލަވައިގެ ސިނަމޮޓޯގްރަފީ ވަރަށް ފާހަގަކޮށްލެވެ އެވެ. ލަވައިގެ މަންޒަރުތައް ނަގާފައި ހުރިލެއް ޝައުގުވެރި އެވެ. މި މަސައްކަތުގެ ފަހަތުގައި ތިބީ އިބްރާހީމް ވިސާމް (ކަނޑި) އާއި މުހައްމަދު ޝިވާޒް (މާސްކޭ) އެވެ.
ލަވައިގެ ޗާލުކަމާއި ރީތިކަން ދައްކައި ދޭން އަހުމަދު ސާޖިދު (ސާޖީ) ގެ އޯކޭޒް އިންކް ޓީމުން ކުރި މަސައްކަތުން "ހިޔަމަ" އެ އޮތީ އިބުރަތެއް ހާސިލްކޮށްލަން ބޭނުން މީހަކަށް އެންމެ ފުދޭ މިންވަރަށެވެ.
މި ލަވައިން ފެނިގެން ދަނީ ޑިޓިއުން ބޭންޑްގެ ފަސް މެމްބަރުންނެވެ. ލަވައިގެ އަސްލު "ހީރޯ" އަކީ ބޭންޑްގެ ހަމައެކަނި އަންހެން ލަވަ ކިޔުންތެރިޔާ ފާތުމަތު ފެޒްލީން (ފެޒޫ) އެވެ.