އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ރިޝްވާން އެ މަގާމުން މިރޭ އިސްތިއުފާ ދެއްވައިފި އެވެ.
ޕީސީބީން ދެންމެ ބުނީ، މިދިޔަ އަހަރުގެ ފެބްރެއަރީ މަހުގެ ތިން ވަނަ ދުވަހު އެމްޕީއެލްގެ އެމްޑީގެ މަގާމަށް އައްޔަންކުރި ރިޝްވާން މިރޭ އިސްތިއުފާ ހުށަހެޅުއްވުމާ އެކު، އޭނާގެ އިސްތިއުފާ އެ ބޯޑުން ގަބޫލު ކޮށްފައިވާ ކަަމަށެވެ.
އެނގިފައިވާ ގޮތުގައި ރިޝްވާން އިސްތިއުފާ ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަކަށެވެ.
ރިޝްވާނަކީ މި ސަރުކާރުގައި އެމްޕީއެލްގެ އެމްޑީގެ މަގާމު ފުރުއްވި ދެވަނަ ފަރާތެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ އެމްޕީއެލްގެ އެމްޑީގެ މަގާމުގައި ހުންނެވި މުހައްމަދު ވަޖީހު އިބްރާހިމް ވަކިކުރުމަށް ފަހު އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމަން ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއާ އެކު، ދައުލަތުގެ އެކި ކުންފުނިތަކުގެ އެމްޑީގެ މަގާމުން ބައެއް ބޭފުޅުން މިއަދު ވަނީ ވަކިކޮށްފަ އެވެ.
އޭގެ ތެރޭގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އާއި އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް)ގެ މެނޭޖިން ޑިރެކްޓަރު ހުސައިންދީދީ ހިމެނެ އެވެ.
މީގެ އިތުރުން ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ޖެނީވާގައި އދ. އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވެސް މިއަދު މަގާމުން ވަކިކުރި އެވެ.
މުންދުއަކީ ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދުދާއިރާގެ ޕީއެންސީގެ މެމްބަރު އަސްމާ ރަޝީދުގެ ދަރިިކަލުންނެވެ. އަދި ސަލްމާއަކީ އަސްމާގެ ކޮއްކޮއެކެވެ.
އެ ދެ ބޭފުޅުންނާ މެދު ފިޔަވަޅު އެޅި ސަބަބެއް ސަރުކާރުން ރަސްމީކޮށް ހާމަނުކުރި ނަމަވެސް ޕީއެންސީ އަށް ވޯޓު ނުދިނުމަށް އެދިވަޑައިގެން އަސްމާ މީހަކާ ވާހަކަ ދައްކަވާ އޯޑިއޯއެއް ދާދި ފަހުން ވަނީ ސޯޝަލް މީޑިއާ އަށް ލީކުކޮށްލައިފަ އެވެ.