އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބާއި އެހެން މަގާމަކަށް ވެސް ވާދަކުރެއްވުމުގެ ފުރުސަތު އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކް (ރީކޯ މޫސަ)އަށް ނުދޭން ނިންމައިފި އެވެ.
އެމްޑީޕީގެ މާލެ ސިޓީ ރައީސް ކަމަށް ވާދަކުރައްވަން ފޯމު ހުށަހެޅުއްވުމުން އެ ފުރުސަތު އޭނާއަށް ނެތް ކަން އަންގައި އެ ޕާޓީން ދިން ޖަވާބުގެ ފޮޓޯއެއް މޫސަ މިއަދު ވަނީ "އެކްސް" ގައި ޕޯސްޓްކުރައްވައިފަ އެވެ.
އެމްޑީޕީން މޫސަށް ދިން ޖަވާބުގައި ބުނެފައި ވަނީ، އެ ޕާޓީން 2014 ވަނަ އަހަރު މޫސަ ވަކިކުރީ އަނބުރާ ޕާޓީއާ ގުޅިވަޑައިގެންފި ނަމަ ވެސް އެ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހަށް އެއްވެސް މަގާމަކަށް އަދި އިންތިހާބަކަށް ވާދަ ނުކުރެއްވޭ ގޮތަށް ކަމަށެވެ.
ފިޔަވަޅު އަޅާ ކޮމިޓީގެ އެ ނިންމުމަށް ބަދަލު ގެންނަން ނުފެންނަ ކަމަށް އެމްޑީޕީގެ އިސްތިއުނާފް ކޮމިޓީ އަށް ފެންނާތީ، ނޮވެމްބަރު 9، 2022 އިން ފެށިގެން ފަސް އަހަރު ދުވަހަށް ޕާޓީގެ އެއްވެސް އިންތިހާބެއްގައި ބައިވެރި ނުވެވޭނެ ކަމަށް މޫސައަށް ވަނީ އަންގައިފަ އެވެ.
އެހެންވެ މާލެ ސިޓީގެ ރައީސް ކަމަށް ކުރިމަތިލެއްވުމުގެ ހުށަހެޅުން ގަބޫލު ނުކުރާ ކަމަށް މޫސައަށް ދިން ޖަވާބުގައި ބުނެފައިވެ އެވެ.
މޫސަ 2014 ގައި އެމްޑީޕީން ވަކިކުރީ ރައްޔިތުންގެ މަޖިލީހުގެ ވޯޓަކަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ވިޕްލައިނާ ހިލާފުވި މައްސަލައެއްގަ އެވެ.
އެމްޑީޕީން މޫސަ ވަކި ކުރުމުން އަމިއްލަ މެންބަރެއް ގޮތުގައި ހުންނެވުމަށް ފަހު، އޭނާ އެންމެ ފުރަތަމަ ގުޅިވަޑައިގަތީ ޕީޕީއެމްއާ އެވެ. އެހެން ނަމަވެސް 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި އޭރުގެ ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބުވުމުން ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވައި އަލުން އެމްޑީޕީއާ ގުޅިވަޑައިގަތެވެ.
އެންމެ ފަހުން ބޭއްވި، އެމްޑީޕީއަށް ނާކާމިޔާބުވި ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ވެސް އެ ޕާޓީގެ ހަރަކާތްތަކާއި ދަތުރުތަކުގައި މޫސަ އިސްކޮށް އުޅުއްވި އެވެ.