ރާއްޖޭގެ އިލްމުވެރިންނަކީ މުރުތައްދު ވެފައިވާ ބައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އެމްޑީޕީ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވި މައްސަލަ ބަލައިދިނުމަށް އެދި އިލްމުވެރިންގެ ގުޅުމުން ފުލުހުންނަށް ހުށަހަޅައިފި އެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ އެމްޑީޕީ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ ރާއްޖޭގައި ތިއްބެވި ދީނީ އިލްމުވެރިންނަކީ އަމިއްލަ މަންފާއަށްޓަކައި "އިންޖީނު ދޯންޏެއްހެން" ކުއްލިއަކަށް ހަދީސްތަކާއި އާޔަތްތައް ބަދަލުކޮށްގެން ވާހަކަދައްކާ ބައެއް ކަމަށެވެ.

އަދި ސިޔާސީ ގޮތުން ނުކުންނަ ދަންނަބޭކަލުންނަކީ ގައުމަށް އޮތް "ބޮޑު މުސީބާތެއް" ކަމަށް ވިދާޅުވެ، އެ ބޭފުޅުން ގޭގައި މަޑުން ތިއްބެވުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.

އިސްލާމީ މަރުކަޒުގެ ބައެއް އިމާމުން "ބޮޑު މުސާރަ" ނަންގަވައިގެން ތިއްބެވުމަކީ ޖުވާ ކުޅުން ފަދަ ކަމެއް ކަމަށް ސިފަ ކުރައްވަމުން މޫސަ ވަނީ ރާއްޖޭގެ ބައެއް ދަންނަބޭކަލުންނަކީ "މުރުތައްދުވެފައިވާ" ބައެއް ކަމަށް ވެސް ތުހުމަތު ކުރެއްވައިފަ އެވެ.

އިލްމުވެރިންގެ ގުޅުމުން ނެރުނު ބަޔާނުގައި ބުނީ ރީކޯ މޫސަ އެ ގޮތަށް ވާހަކަ ދެއްކެވި މައްސަލަ ތަހުގީގުކޮށް، އޭނާ އަށް ފިޔަވަޅު އެޅުމަށް އެދި ކަމަށެވެ.

އެ ޖަމިއްޔާއިން ބުނީ އެއީ ދީނީ އިލްމުވެރިންނާ މެދު ނަފުރަތު އުފެއްދުމަށް ދައްކަވާފައިވާ ދަށުދަރަޖައިގެ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށެވެ.

"އިލްމުވެރިންނާ މެދު މިފަދަ ނުރައްކާތެރި ތުހުމަތުތައް ކުރުމަކީ [ރަހުމުކުޑަ ގޮތަކަށް މަރާލާފައިވާ] ޑރ. އަފްރާޝީމް އަލީ އެކޭ އެއްފަދައިން، މިހާރު ތިއްބެވި ދީނީ އިލްމުވެރިންގެ ފުރާނައަށް ވެސް ނުރައްކާވެދާނެ ފަދަ ޖަރީމާތަކަށް މަގުފަހިވެގެން ހިނގައިދާނެ ކަމެކެވެ،" އިލްމުވެރިންގެ ޖަމިއްޔާ އިން ބުންޏެވެ.

މޫސަ ދައްކާފައިވާ ވާހަކަތައް ލައިވްކޮށް ބްރޯޑްކާސްޓްކުރި ޗެނަލްގެ މައްސަލަ ތަހުގީގުކޮށް، އެކަމާ ގުޅުން ހުރި މީހުންނަށް ގާނޫނީ ފިޔަވަޅު އެޅުމަށް ވެސް އެ ޖަމިއްޔާއިން ގޮވައިލި އެވެ.