ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވައްދަން ސޮއިކުރެއްވި 50 މެމްބަރުންގެ ތެރޭގައި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) ހިމެނިއްޖެ އެވެ.

އެ ލިސްޓުގެ 50 ވަނާގައި އޮތީ ޖޭފޯގެ ނަން ކަމަށް ވާއިރު، އެމްޑީޕީއާ އޭނާ ގުޅިވަޑައިގެންފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި އަދި އެ ޕާޓީ އަށް ޖޭފޯ ސޮއެއް ނުކުރައްވަ އެވެ. އެކަމަކު، އެމްޑީޕީގެ ލީޑަޝިޕާ ގާތްގުޅުމެއް އުފެދި، އެ ޕާޓީ އަށް އޭނާ ވަރަށް އަވަހަށް ސޮއިކުރައްވާނެ ކަމަށް އެނގިފައި ވެ އެވެ.

މަޖިލީހުގައި ޕާޓީތައް މިހާރުވާ ތަމްސީލްވާ ގޮތް:

- އެމްޑީޕީ: 55

- ޕީޕީއެމް: 6

- ޕީއެންސީ: 2

- ޖުމްހޫރީ ޕާޓީ: 2

- އެމްއެންޕީ: 3

- ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުން: 17

ޖޭފޯގެ ސިޔާސީ ހަޔާތް ފެށީ ޑީއާރުޕީންނެވެ. އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އެވެ. ދެން ސިޔާސީ މަސްރަހަށް އައި ބަދަލާ އެކު، ބަދަލުވީ އެމްއެންޕީ އަށެވެ. ޔާމީންގެ ވެރިކަމުގައި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ވެސް ޖޭފޯ ފުރުއްވި އެވެ.

މަޖިލިހުގެ ނައިބު ރައީސް އީވާ މަގާމުން ވަކިކުރުމަށްޓަކައި ސޮއިކުރެއްވި 50 މެމްބަރުންގެ ތެރޭގައި ޖޭފޯ ނޫނީ ދެން މުޅިން ވެސް ތިއްބެވީ އީވާގެ ކުރީގެ ޕާޓީ އެމްޑީޕީގެ 49 މެމްބަރުންނެވެ.

ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީގެ ބައްދަލުވުމެއްގައި އީވާ.
ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީގެ ބައްދަލުވުމެއްގައި އީވާ.

މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ ޖަލްސާ އަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށް ވާއިރު، ހުރިހާ މެމްބަރުން ހާޒިރުވެ ވޯޓުގައި ބައިވެރިވެއްޖެ ނަމަ އީވާ މަގާމުން ދުރުކުރަން 44 ވޯޓު ބޭނުންވާނެ އެވެ. ރައްޔިތުންގެ މަޖިލިހުގައި މިހާރު އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ އިއްޔެ މަޖިލިހުގައި އިއުލާން ކުރި ގޮތުން ނަމަ 55 އެވެ.

އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ފެކްޝަންގެ އަރައިރުންގަނޑުގެ ތެރޭގައި އީވާއާ އެކު، އެ ޕާޓީގެ 12 މެމްބަރަކު މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެމްޑީޕީ ދޫކުރައްވައިފަ އެވެ. އެ ބޭފުޅުން އަލަށް އުފައްދަން މަސައްކަތް ކުރައްވަނީ "ދަ ޑިމޮކްރެޓްސް" އެވެ.

މަޖިލިހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވެއްދިއިރު، އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަގާމުން ވަކިކުރުމުގެ މައްސަލަ ވެސް މަޖިލިހަށް ވަނީ ހުށަހަޅައިފަ އެވެ. އެއީ 13 މެމްބަރުންގެ ސޮޔާ އެކު އެވެ.