ފުލުހުންގެ ހިދުމަތުގެ ގާނޫނުގައިވާ ގޮތުގެ މަތިން ޕޮލިސް ބޯޑުގައި އާއްމުންގެ ފަރާތުން ހުންނަވާ މެމްބަރުގެ ގޮތުގައި އެމްޑީޕީގެ ބައިނަލް އަގުވާމީ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އާއްމުންގެ ތެރެއިން ޕޮލިސް ބޯޑުގައި ތިއްބަވާ ދެ މެމްބަރުން އައްޔަންކުރުމުގެ ބާރު ގާނޫނުން ދީފައި އޮތީ ރައްޔިތުންގެ މަޖިލީހަށެވެ. އެހެންވެ، އެ މަގާމަށް ކުރިމަތިލާން މަޖިލީހުން އާއްމުކޮށް ހުޅުވައިލި އެވެ. އެގޮތުން ހުޅުވައިލުމުން އެ މަގާމަށް ފަސް ބޭފުޅަކު ކުރިމަތިލެއްވި އެވެ.
މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން އެ ފަސް ބޭފުޅުންނާ ވެސް އިންޓަވިއު ކުރުމަށް ފަހު އޭގެ ތެރެއިން ބޭފުޅަކު އައްޔަން ކުރުމާ މެދު ކޮމިޓީގައި ނެގި ވޯޓުގައި ތިން ބައިކުޅަ ދެބައި ވޯޓް ލިބިވަޑައިގަތީ ހަމަ އެކަނި ހާމިދަށެވެ.
އެގޮތަށް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓް މަޖިލީހުން މިއަދު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެން ނެވި 41 މެމްބަރުންގެ އިއްތިފާގުންނެވެ.
ޕޮލިސް ބޯޑަށް ކުރިމަތިލެއްވި ބޭފުޅުން
1- ލަބީގް މުހައްމަދު މާހިދު. މ. މަނަދޫ ވިއު
2- ޒުބައިރު އަހުމަދު މަނިކު. ގ.މަލްވިނަ
3- ޒީނަތު އަލީ . ދަފްތަރު. 2616
4- އަލީ މުހައްމަދު މަނިކު. ދަފްތަރު.1851
5- ހާމިދު އަބްދުލް ޣަފޫރު. ހ. ޝޭޑީ ކޯނަރު
ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުން ހާމިދުގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވީ ޕޮލިސް ބޯޑަށް ކުރިމަތިލެއްވި ބޭފުުޅުންނާއި މެދު މެދު އާއްމުންގެ އެއްވެސް ޝަކުވާއެއް އޮތްތޯ ބަަލަން މަޖިލީހުން އިއުލާނުކުރުމުން އެއްވެސް ޝަކުވާއެއް ލިބިފައި ނުވާތީ އެވެ. މަޖިލީހުގެ ތަޅުމަށް އެ ރިޕޯޓް ހުށަހަޅުއްވަމުން ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ޕޮލިސް ބޯޑަށް ކުރިމަތިލެއްވި ފަސް ބޭފުޅުންނަކީ ވެސް އެ މަގާމަށް ޝަރުތުހަމާ ބޭފުޅުން ކަމަށެވެ. އެކަމަކު ކޮމިޓީގައި ފަސް ބޭފުޅުންނަށް ވަކި ވަކިން ވޯޓެއް ނެގުމުން ތިންބައިކުޅަ ދެބައި ވޯޓު ލިބިވަޑައިގެންނެވީ ހާމިދަށް އެކަނި ކަމަށެވެ.
ޕޮލިސް ބޯޑަށް އާއްމުންގެ ފަރާތުން ނަގަން ޖެހޭ ދެވަނަ މެމްބަރު ނެގުމަށް ޓަކައި އެ މަގާމަށް ކުރިމަތިލާން މަޖިލީހުން މިއަދު އިއުލާނުކުރާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.