ރާއްޖެއިން ނައްތާލާފައިވާ ކަމަށް އިއުލާނުކޮށްފައިވާ ހިބަހި އަލުން ފެނުމުން މިހާރު އެންމެން ވެސް ބޭޭނުން ވަނީ ވެކްސިން ޖަހާށެވެ. އެކަމަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނާ ގޮތުގައި ވެކްސިން ދިނުން މުހިއްމީ ވަކި އުމުރަކުން ފެށިގެން ދަށުގެ މީހުންނަށެވެ.

ހިމަބިހި އަލުން ފެތުރެން ފެށުމާ ގުޅިގެން ކޮންމެ ދުވަހު ބާއްވާ ނޫސް ކޮންފަރެންސްތަކުގެ ތެރެއިން މިދިޔަ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ފާތިމަތު ނަޒްލާ ރަޝީދު ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބަލާ މިންގަނޑުން ނަމަ ރާއްޖޭގައި ހިމަބިއްސަށް ވެކްސިން ދިނުން އެންމެ މުހިއްމީ އުމުރުން 25 އަހަރުން ދަށުގެ މީހުންނަށެވެ. އެކަމަކު 40 އަހަރުން ދަށުގެ އެންމެނަށް ވެކްސިން ދޭން މަސައްކަތް ކުރަނީ ޔަގީންކަން ބޮޑުކުރުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑަބްލިއުއެޗްއޯ އިން ބުނާ ގޮތުގައި ގާތްގަނޑަކަށް 25 އަހަރުގެ މި ކެޓަގަރީގެ މީހުންނަށް އެންމެ ފުރުސަތު ބޮޑީ [ބަލި ޖެހުމުގެ]. އެކަމަކު އަޅުގަނޑުމެން އެއަށް ސޭފްޓީ މާޖިން ލާފައި 40 އަހަރަށް ހަދާފައި، މިހާރު ހަމަ އެންމެ އެމަޖެންސީކޮށް ދޭން ރިސްކް ބޮޑު ކެޓަގަރީ އަކީ 40 އަހަރުން ދަށް ކަމަށް ނިންމީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވެކްސިން ދޭނެ އުމުރު ފުރާ ކަނޑައެޅުމުގައި ޑަބްލިއުއެޗްއޯއިން ބަލަނީ އެ ބަލި ރާއްޖޭގައި ފެތުރުނު ދުވަސްވަރަށެވެ. އެގޮތުން އެބަލި ރާއްޖޭގައި ހަލުވިކޮށް ފެތުރުނު ދުވަސްވަރު ތިބި އެންމެނަށް ވެސް ކޮންމެވެސް ވަރަކަށް އެ ބަލީގެ އަސަރު ވާނީ ކޮށްފައި ކަމަށް، ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.

ހިމަބިހީގެ އަސަރު އެއް ފަހަރު ވެސް ކޮށްފި ނަމަ، ބަލިން ދިފާއުވުމުގެ ނިޒާމު އެމީހެއްގެ ހަށިގަނޑުގައި އުފެދެ އެވެ.

"ޑަބްލިއުއެޗްއޯއިން މިގޮތަށް ކޮން އުމުރު ފުރައެއްތޯ ރިސްކް ހުންނަނީ ހިމަ ބިއްސަށް، ބަލާ ބެލުމުގައި އެމީހުން ނަގާ އެކައްޗަކީ ކޮން އިރަކުތޯ އެ ގައުމަކަށް ވެކްސިން ކަނޑައެޅީ؟ ކިހާ ތާކު އެ ގައުމުގައި ހިމަބިހި ފެތުރިފައި ވޭތޯ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ރާއްޖޭގައި ހިމަބިހީގެ ހާލަތު

1981: ހިމަބިހީގެ ވެކްސިން ދޭން ފެށި

1985: ތަފާތު އެކި ބަލިތަކުން ކުޑަކުދިން ދިފާއުކުރަން ވެކްސިން ޕްރޮގްރާމް ފެށި

1994: ސްކޫލަށް ވައްދާ އިރު ވެކްސިން ފުރިހަމަކޮށްފައިވޭތޯ ބަލަން ފެށި

2005-2006: އުމުރުން 6-25 އަހަރުގެ ފިރިހެނުން އަދި 6-35 އަހަރުގެ އަންހެނުންނަށް އަމާޒުކޮށް އެމްއާރު ވެކްސިން ދިނުމުގެ ބޮޑު ކެމްޕޭނެއް ހިންގި

2007: އެމްއެމްއާރު ވެކްސިން ތައާރަފުކުރި

2017: ރާއްޖެ އިން ހިމަބިހި ނައްތާލެވުނުކަން އިއުލާންކުރި

ޖެނުއަރީ 2020: ހިމިބިހި ޖެހިފައިވާ ތިން އަހަރުގެ އަންހެން ކުއްޖަކު ފެނުނު

ޖެނުއަރީ 13، 2020: ރާއްޖޭގައި ހިމަބިހި ފެތުރޭކަން ރަސްމީކޮށް އިއުލާންކުރި

އޭނާ ވިދާޅުވި ގޮތުގައި ހިމަބިއްސަކީ ވަރަށް ފަސޭހައިން ފެތުރޭ އެއްޗަކަށް ވާތީ، އޭރުގެ ބޮޑެތި މީހުންނަށް ކޮންމެވެސް ގޮތަކުން ބަލި ހުންނާނީ އަރާފަ އެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެޗުޕީއޭ އިން ބޭނުންވަނީ އެންމެ ރިސްކް ބޮޑު އުމުރު ފުރަޔަށް މިހާރު ހުރި ވެކްސިން ދޭން ކަމަށެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ކުރިން ވިދާޅުވެފައިވާ ގޮތުގައި ހިމަބިއްސާއި ރުބެއްލާއިން ދިފާއުވުމަށް ދޭ އެމްއާރް ވެކްސިން ދެ ލައްކަ މީހުންނަށް ދެވޭ ވަރަށް ވެކްސިން ލިބޭނެ ގޮތް މިހާރު ވަނީ ހަމަޖެހިފަ އެވެ.

އޭނާ ވިދާޅުވީ އެ ވެކްސިންތައް ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި ރާއްޖެ ގެނެވޭ ވަރު ވާނެ ކަމަށެވެ. ހިމަބިއްސަށް ވެކްސިން ދިނުމަށް ހިންގާ ޕްރޮގްރާމް ތިން މަސްދުވަހަށް ދެމިގެންދާނެ އެވެ.