މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދުގައި 4.7 ބިލިއަން ރުފިޔާގެ ދައުރުވިއިރު، 938،033 ނޫޓު ނައްތާލި ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ހިސާބުތަކުން ދައްކައިފި އެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުން މިދިޔަ އަހަރު ދައުރުވި އަދަދަކީ 2024 ވަނަ އަހަރަށް ވުރެ 12 ޕަސެންޓް އިތުރު އަދަދެކެވެ. ނޫޓުގެ އިތުރުން ވަކި ލާރީގެ ގޮތުގައި ބޭނުންކުރާ ފައިސާ ދައުރުވި އަދަދު ވެސް ވަނީ 4 ޕަސެންޓް އިތުރުވެފަ އެވެ. އެއީ ގާތްގަނޑަކަށް 93 މިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރު ނޫޓުތައް ނައްތާލީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ހުރުމުން ކަމަށް އެމްއެމްއޭއިން ބުންޏެވެ. ނައްތާލި ނޫޓުގެ އަގު 70 މިލިއަން ރުފިޔާއަށް އަރަ އެވެ.
ރާއްޖޭގައި މިހާރު "ރަން ދިހަފަހެއް" ފޮލިމާ ނޫޓު ސީރީޒް ރާއްޖެއަށް ތައާރަފްކުރީ 2016 ވަނަ އަހަރު އެވެ.
ރާއްޖޭގައި ދައުރުވާ ނޫޓުގެ 73 ޕަސެންޓަކީ 500ރ. ގެ ނޫޓެވެ. އަދި ދައުރުވާ ނޫޓުގެ 15 ޕަސެންޓަކީ 1،000ރ. ގެ ނޫޓެވެ. އަދި އަށް ޕަސެންޓަކީ 100ރ. ގެ ނޫޓެވެ. އޭގެ އިތުރުން 50ރ. އާއި 20ރ. އާއި 10ރ. އާއި 5ރ. ގެ ނޫޓް ވެސް ދަނީ ބޭނުން ކުރަމުންނެވެ.
މިދިޔަ އަހަރު ވަނީ 100ރ. އާ ނޫޓް ސީރީޒަކާއި އެއް ރުފިޔާގެ ކޮއިން އާ ސީރީޒެއް ބާޒާރަށް ނެރެފަ އެވެ. އެގޮތަށް ނެރެނީ ނައްތާލާ ނޫޓުތަކުގެ ބަދަލުގަ އެވެ.
މިދިޔަ އަހަރު ބާޒާރުގައި ދައުރުވި ނޫޓުތަކުގެ އަދަދު އިތުރުވިއިރު، މިދިޔަ އަހަރު އިގްތިސާދުގައި ދައުރުވި ފައިސާ ވެސް ވަނީ 21 ޕަސެންޓް އިތުރުވެފަ އެވެ. އަދި މިދިޔަ އަހަރު އިގްތިސާދުގައި ގާތްގަނޑަކަށް 72 ބިލިއަން ރުފިޔާ ދައުރުވި އެވެ.