ލ. އަތޮޅުގައި "ރީ-އިމޭޖިން ޓޫރިޒަމް" ފެށުމަށް މިއަދު ފޮނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ޓުރިޒަމް މިނިސްޓަރު ވާހަކަ ދައްކަވަނީ.-- މިހާރު ފޮޓޯ: އަމާނީ އަބްދުﷲ
24 ނޮވެމްބަރ 2021 - 20:55
ލ. އަތޮޅުގައި ޓޫރިޒަމް ފުޅާކޮށް، ސީދާ ރަށަށް އާމްދަނީ ވައްދައިދޭނެ "ރީ-އިމޭޖިން ޓޫރިޒަމް" މަޝްރޫއު މިއަދު ލޯންޗުކޮށްފި އެވެ.
ފޮނަދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި، ޔޫއެންޑީޕީގެ އެހީގައި ކުރިއަށްގެންދާ ޕްރޮޖެކްޓް ލޯންޗުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ.
ޑރ. މައުސޫމް ވިދާޅުވީ އަންނަ ޖެނުއަރީގައި ޓޫރިޒަމް ފުޅާވެގެންދާއިރު ރަށްރަށުގެ މެދުގައި ވަރަށް ބޮޑު ވާދަވެރިކަމެއް އޮންނާނެ ކަމަށެވެ. ރާއްޖޭގައި މިހާތަނަށް ހިންގި "1 އައިލެންޑު-1 ރިސޯޓް" ކޮންސެޕްޓް ވަރަށް ކާމިޔާބުކަމަށާއި ނަމަވެސް ރީ-އިމޭޖިން ޓޫރިޒަމްގެ ފިކުރު ގެންދާނީ ސީދާ ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ގުދުރަތީ ގޮތުން ރީތި އަދި ވަސީލަތްތައް ފުރިހަމަ ލ. އަތޮޅުގައި ޓޫރިޒަމް ފުޅާކުރެވިދާނެ ކަމަށެވެ. އެގޮތުން، ކުޅި އާއި ފާތަކަށް މާ ބޮޑެތި ބަދަލުތަކެއް ނުގެނެސް، އެއިން ފައިދާ ނެރުމަކީ ވެސް ކުރެވިދާނެ މުހިއްމު ކަމެއްކަން ޑރ. މައުސޫމް ފާހަގަކުރެއްވި އެވެ.
"ޓޫރިޒަމްގައި (ލ. އަތޮޅު) ވިދާ ބެބުޅުމުގެ ޗާންސް އެބައޮތް،" މިނިސްޓަރު ވިދާޅުވި އެވެ.
ލ. އަތޮޅުގައި "ރީ-އިމޭޖިން ޓޫރިޒަމް" ފެށުމަށް މިއަދު ފޮނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ޓުރިޒަމް މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ-- މިހާރު ފޮޓޯ: އަމާނީ އަބްދުﷲ
އެ ރަސްމިއްޔާތުގައި ލ. އަތޮޅު ކައުންސިލްގެ ރައީސް އިސްމާއިލް އަލީ ވިދާޅުވީ އެ އަތޮޅުގައި ޓޫރިޒަމް ފުޅާކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އޭގެ އެއް ސަބަބަކީ، އޭނާ ވިދާޅުވި ގޮތުގައި، ޓޫރިސްޓުންގެ ޓިކެޓު އަގުބޮޑުވެ، ވައިގެ މަދުން ދަތުރުކުރުމުގައި ގޮންޖެހުންތައް ދިމާވުމެވެ. އެކަން ހައްލުކޮށްގެން ނޫނީ ގުދުރަތީ ގޮތުން މުއްސަނދި އަތޮޅުގައި ޓޫރިޒަމް ފުޅާކުރުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖީލުތައް ނިމިގެން ދަނީ ޓޫރިޒަމުން ރަނގަޅު ނަފާ ހޯދިދާނެ ކަމުގެ އުއްމީދުގައި ކަމަށެވެ. ނަމަވެސް ލ. އަތޮޅަށް ހާއްސަކޮށްގެން ފެށި "ރީ-އިމޭޖިން" ޓޫރިޒަމުން މީހުން ދިރިއުޅޭ 11 ރަށަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޓޫރިޒަމް ފުޅާކުރުމަށް ފެށި ޕްރޮޖެކްޓުތައް ހުރީ ހުއްޓިފައި. އެއީ ރައްޔިތުންނަށް ލިބިގެންދާ ވަރަށް ބޮޑު މާޔޫސްކަމެއް. ވަރަށް ބޮޑަށް ބޭނުންވޭ ހޯމް-ސްޓޭ ޓޫރިޒަމާއެކު މިކަން ފުޅާކުރުމަށް،" އިސްމާއިލް ވިދާޅުވި އެވެ.
ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބު، އެންރިކް ގަވެގްލިއޯ ވިދާޅުވި ގޮތުގައި ރަށުގެ އާއްމުންގެ ސަޕޯޓު ލިބިގެން ނޫނީ ޓޫރިޒަމް ފުޅާވެގެން ނުދާނެ އެވެ. އަދި މާލެއާ ދުރުގައި އޮތުމުން ލ. އަތޮޅުގެ ދަތުރުފަތުރުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިއްމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އދ. އިން ރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބު ކެތުރިން ހެސްވެލް ވިދާޅުވީ ޓޫރިޒަމް ރީ-އިމޭޖިން ޕްރޮޖެކްޓު ލޯންޗުކޮށްފައި ވަނީ އެންމެ އެކަށީގެންވާ ވަގުތުގައި އެވެ. އެ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް އެއްކޮށް ބަދަލުވެގެންދާނެ ކަމަށް ކެތުރިން ވިދާޅުވި އެވެ.
"ލޯކަލް ކޮމިއުނިޓީގެ މާލީ ފުދުންތެރިކަން ވެސް އިތުރުވެގެންދާނެ،" އަށާރަ މަސް ދުވަހަށް ކުރިއަށްގެންދާ މަޝްރޫއާ ގުޅޭގޮތުން އޭނާ ވިދާޅުވި އެވެ.
ލ. އަތޮޅުގައި "ރީ-އިމޭޖިން ޓޫރިޒަމް" ފެށުމަށް މިއަދު ފޮނަދޫގައި ބޭއްވި ރަސްމިއްޔާތުގައި އދ. އިން ރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބު ކެތުރިން ވާހަކަދައްކަވަނީ -- މިހާރު ފޮޓޯ: އަމާނީ އަބްދުﷲ
ކައުންސިލްތަކާއި ރައްޔިތުން އަދި ވިޔަފާރިތައް ޓޫރިޒަމް ރީ-އިމޭޖިންނަށް އަހުލުވެރިކުރުމަށް މައިގަނޑު ތިން ގޮތަކަށް މަސައްކަތްކުރާނެ އެވެ.
އެންމެ ފުރަތަމަ ކަމަކީ، ޓޫރިޒަމް ތަރައްގީކުރުމާއި ކައުންސިލްތަކުގެ ތަރައްގީގެ ޕްލޭންތައް ވިލަރެސްކުރުމުގެ އިތުރުން، ޓޫރިޒަމް ތަރައްގީ ކުރުމުގައި ކައުންސިލްގެ ހިއްސާ އިތުރުކުރުމެވެ. އޭގެތެރޭގައި ކައުންސިލްތައް ތަމްރީނު ކުރުމާއި ރަށްރަށުގައި ޓޫރިޒަމް ތަރައްގީކުރުމުގައި ބަލާނެ މިންގަނޑުތައް އެކުލަވާލުމުގެ މަސައްކަތް ހިމެނެ އެވެ.
ރަށު ފެންވަރުގައި ޓޫރިޒަމަށް ހުރި ފުރުސަތުތަކުގެ މައުލޫމާތު ފަސޭހައިން ލިބޭނެ އިންތިޒާމެއް ގާއިމްކުރުމަކީ ވެސް އޭގެ ދަށުން ކުރާނެ ކަމެކެވެ.
ދެމެހެއްޓެނިވި ވިޔަފާރީގެ މޮޑެލްތައް ނަމޫނާއެއްގޮތަށް އިސްތިހާރުކުރުމާއި ތިމާވެށި، އިޖުތިމާއީ އަދި އިގްތިސާދު ހިމެނޭގޮތަށް ދެމެހެއްޓެނިވި ޓޫރިޒަމްގެ ވިޔަފާރިތައް ދެނެގަތުމަށް "ބްލޫ ސީލް" ގެ ނަމުގައި ގެސްޓްހައުސް ސެޓިފިކޭޝަނެއް ވެސް ގާއިމްކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލާމް ހައދުންމަތި
25 November 2021
ބަލަ މިސަރުކާރަކައް އަވާމެންދުރެއްނުދެއްކޭނެ އައްޑޫ ރައްޔަތުންނައްދެއްކިގޮތައް ލާމުގެ ރައްޔަތުން ތިބީހުސިޔާރުގައި ދެހާސްތޭވީސް ކާރިވާތީ އަވާމެންދުރުދައްކަނީ ތިކަންވާނީ ރައީސްޔާމީނައް؟؟
ބޭލީދޯ
25 November 2021
އަވާމެންދުރުވެސް ތިބުނާމީހަކަށް ތިތާކަށް ނެތްދޯ ދެއްކިފާ؟ ތިބުނާމީހަކުގެ ވައްކަމާ، އަނިޔާވެރިކަމާ، ކިބުރުވެރިކަމާހެދި ، ރައްޔިތުން ނޫނެކޭ ބުނެފަ ބާލާފަ އެހެރީ، ދެން އޭނަ ޖަލުން ނުކުމެވުމަކީ، އެހެން ކުއްވެރިންނަށް ދެވޭ ވަރަށްގޯސް މެސެޖެއް، ވައްކަމާ އަނިޔާކޮށްގެން އަދަބު ދެވިގެންނުވާނެ.
ރާއްޖެ-ތެރޭމީހާ
24 November 2021
ލ.އަތޮޅޫގެ ރައްތަށް ވަރަށް ސަޅިވާނެ..ޓޫރިޒަމް ފުޅާކުރަން ހަމަ ބެސްޓް އެއް ސަރަހައްދު
ާަަ ޔރ
24 November 2021
ކުނި މެނޭޖް ކޮއްބަލަ އަޅި ނުކަނޑާ
ބޮކިފުރާޅު ޢީސާ
24 November 2021
އައްޑޫރައްޔިތުންނަށް އަވާމެންދުރުދައްކާފާ ދެންމިއޮތީ ހައްދުންމައްޗަށް ދަޅަދެއްކުން. މަހިތައްއަރާ އައްޑޫ އަފީފުމެން، ފޮނަދޫ ރަހީމްބެމެން ރުޅިމަޑޭ.
ކެތްރިން
24 November 2021
އެއްވެސް ފަހަރަކު ޕްރޮޖެކްޓް ކުޑައެއްނޫން
މައުސޫމް
24 November 2021
އަޅުގަނޑުމެން މިތިބީ ރިސޯޓްބަންދުގައި