ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަކީ ރާއްޖޭގެ އެކި ހިސާބުގައި ހިންގަމުން އަންނަ ހަރަކާތެކެވެ. ރަށްރަށުގެ އުމްރާނީ ތަރައްގީ އަށް އެ ފަންޑުގެ ބޭނުންތެރިކަން ވަރަށް ބޮޑެވެ. އެހެންވެ، އެ ފަންޑު ވެފައި ވަނީ ރަށްރަށުގެ ޖަމިއްޔާތަކުން ވަރަށް ބޮޑަށް ބަލައިގަންނަ ފަންޑަކަށެވެ.
ކޮމިއުނިޓީ ފަންޑު މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހަޅަން ބީއެމްއެލް އިން ވަނީ މި މަހުގެ 16 ގައި ހުޅުވާލައިފަ އެވެ. މިއީ މިގޮތަށް ފުރުސަތު ހުޅުވާލި މިފަދަ ދެވަނަ ޕްރޮޖެކްޓެވެ.
މިއީ، ކޮމިއުނިޓީ ފަންޑާ ބެހޭ ގޮތުން ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުހަައްމަދު ސައީދު "މިހާރު" އާ ހިއްސާ ކުރެއްވި ބައެއް މައުލޫމާތުތަކެވެ.
ކޮމިއުނިޓީ ފަންޑަށް ހުށަހެޅޭނީ ކޮން ބަޔަކަށް؟
ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް ހިލޭ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ހުޅުވާލާފައިވާ ފަންޑެއް. މި ފަންޑުގެ ދަށުން 2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް މިދަނީ އެއް މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދެމުން.
މި ފަންޑުގެ ދަށުން އެހީތެރިވަނީ ކޮންކަހަލަ ޕްރޮޖެކްޓްތަކަކަށް؟
ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި ތައުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓްތަކަށް ވާންވާނެ. ކޮމިއުނިޓީ ޕާކު، މަސްކަނޑާ ތަން، ކުޑަކުދިންގެ ޕާކު، ސޯލާ ލައިޓް ހަރުކުރުން، ތިމާވެއްޓާ ރައްޓެހި ކޮތަޅު ހަދިޔާ ކުރުން އަދި ބިއްލޫރި ފުޅި ހަދިޔާކުރުން ފަދަ ޕްރޮޖެކްޓްތަކަށް މިވަނީ އެހީތެރިކަން ފޯރުކޮށްދީފައި. ނޭޗާޕާކާއި ލައިބްރަރީ އާއި ސްކޭޓު ޕާކު ތަރައްގީކުރުމާއި ކުނި މެނޭޖުކުރަން އެހީތެރިވުމާއި ޕިކްނިކް ސަރަހައްދު ގާއިމުކުރުން ފަދަ ތަފާތު މަޝްރޫއުތަކަށް ވެސް މި ފަންޑުގެ އެހީ ދެވިފައިވޭ.
މި ކުއާޓާގައި ޕްރޮޕޯސަލް ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަކީ ކޮބާ؟
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ ދަށުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ ރޭ 12:00 އާ ހަމައަށް ވަނީ ހުޅުވާލެވިފައިވޭ. މިކަމަށް އެދި [email protected] އަށް ކޮމިއުނިޓީ ފަންޑަށް އެދި ހުށަހަޅާ ފޯމާއި ޕްރޮޕޯސަލް ފޮނުވާލެވޭނެ. ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް ވެސް ޕްރޮޕޯސަލް އާއެކު ހުށަހަޅަންވާނެ. މިފަދަ ލިޔުންތައް ނުހިމެނޭ ނަމަ ޕްރޮޕޯސަލް އިވެލުއޭޓްކުރުމުގައި ޕޮއިންޓް އުނިވުމުގެ ފުރުސަތު އެބައޮތް.
މި ފަންޑަށް ކިހާވަރެއްގެ ތަރުހީބެއް ލިބޭތޯ؟
މި ފަންޑަށް ވަރަށް ބޮޑު ތަރުހީބެއް ލިބޭ. ކޮންމެ ކުއާޓާއެއްގައި ވެސް އާންމު ފަރުދުންނާއި ޖަމިއްޔާތަކުން ވަރަށް ގިނަ ޕްރޮޕޯސަލް ލިބޭ. އެވެރެޖްކޮށް 60 ވަރަކަށް ޕްރޮޕޯސަލް ލިބޭ. މި ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށް ފަހު އަޅުގަނޑުމެން ކޮންމެ ކުއާޓާ އެއްގައި ފަސް ޕްރޮޖެކްޓް ހޮވާނެ. މިހާތަނަށް މިވަނީ 55 ޕްރޮޖެކްޓަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެވިފައި. ކޮވިޑް-19 ގެ ދަތި ހާލަތާ އެކު ވެސް 30 އަށް ވުރެ ގިނަ ޕްރޮޖެކްޓް ނިންމިފައިވޭ. މިފަދަ ޕްރޮޖެކްޓުތަކުގެ ސަބަބުން ރަށްރަށަށް އުމްރާނީ ތަރައްގީ ގެނެސްދެވި އިޖްތިމާއީ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވުމަކީ ބީއެމްއެލް އަށް ލިބޭ ވަރަށް ބޮޑު އުފަލެއް.