ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އިރު މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ދައުވާ އުފުލާފައިވާ އަލީ ވަހީދު ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެފި އެވެ.
ބޭސްފަރުވާ އަށް ފޮނުވާލުމުން ފިއްލަވައިގެން ބޭރުގައި އުޅުއްވާ އަލީ ވަހީދު ހާޒިރުކުރުމުގެ އަމުރު ނެރުނީ އެނގިފައިވާ ގޮތުގައި އިއްޔެ އެވެ.
އޭނާ ޝަރީއަތަށް ހާޒިނުވާ މައްސަލައިގައި ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ނެރޭނެ ކަމަށް ހޯމަ ދުވަހުގެ އަޑު އެހުމުގައި ގާޒީ ހަސަން ސައީދު ވިދާޅުވެފައިވެ އެވެ.
އަލީ ވަހީދު ތިން ދުވަސް ތެރޭގައި ހާޒިރުނުވެއްޖެ ނަމަ، ބޭސްފަރުވާ އަށް ފުރުވާލުމުގައި ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީއަށް ފިޔަވަޅު އަޅަން ވެސް ކްރިމިނަލް ކޯޓުން އޮތީ ނިންމައިފަ އެވެ. އެ އަޑުއެހުމުގައި ގާޒީ ވިދާޅުވެފައި ވަނީ 72 ގަޑިއިރުގެ ތެރޭގައި އަލީ ވަހީދު ކޯޓަށް ހާޒިރުނުވެއްޖެ ނަމަ އަސްހަދަށް ފިޔަވަޅު އަޅާނީ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމުގެ ގަވައިދުގެ ދަށުންނެވެ.
އެ ދެ މީހުންނަށް ފިޔަވަޅު ނާޅައި ދޫކޮށްނުލެވޭނެ ކަމަށާއި އެއީ ކޯޓުގެ ގަދަރު ހިފަހައްޓަން ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ކޯޓުތަކަށް ފިއްލަވައި ޝަރީއަތަށް ހާޒިރުނުވެ ކޯޓުތަކުގެ ހުރުމަތް ކަނޑާ މައްސަލައިގައި އަލީ ވަހީދު ޖަލަށް ލާން ސުޕްރީމް ކޯޓުން ހުކުމްކުރި އެވެ. ދެ މަހުގެ ޖަލު ހުކުމް ތަންފީޒުކުރަން އޭނާ ރާއްޖެ ގެނެސްދޭން ފުލުހުންގެ ކިބައިން ކަރެކްޝަނުން އެދުނު ނަމަވެސް އޭނާ ގެނެވޭނެ މަގެއް ފުލުހުންނަށް ނުފެނުނެވެ.
އަލީ ވަހީދުގެ މައްޗަށް ރޭޕްކުރުމުގެ ކުށުގެ ދައުވާ ހިމެނޭ ގޮތުން ޖުމްލަ ހަތް ދައުވާއެއް އުފުލާފައިވެ އެވެ.
މި ދައުވާތަކުގެ ޝަރީއަތް ފެށުމާ އެކު އޭނާ ރާއްޖެ އިން ބޭރަށް "ފުރުވާލުމުގައި"، ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަން ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ހުކުމްތަކުން ސާފުވާނެ އެބަ އޮތެވެ.
އަލީ ވަހީދު ވިދާޅުވެފައި ވަނީ އޭނާ މަގާމުން ވަކިކުރަން "ފްރޭމްކުރީ" ކަމަށެވެ. އޭނާގެ ކުށެއް ނެތް ކަން ދައްކަވަން ބޭރުގައި ހުންނަވައި ޕްރެސް ކޮންފަރެންސެއް ބާއްވައި ސަރުކާރުގެ އެކި ފަރާތްތަކާއި ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމަށް ވަނީ ބޮޑެތި ފާޑުކިއުންތަކެއް ވެސް އަމާޒުކުރެއްވި އެވެ.