ކޮރަޕްޝަންގެ އެކި މައްސަލަތަކުގައި ދައުލަތަށް އަނބުރާ ހޯދަންޖެހޭ ފައިސާގެ އަދަދު 3.8 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ރޭ ބުނެފި އެވެ.

މި އަހަރުގެ ބައިނަލްއަގްވާމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި އެ ކޮމިޝަންގެ ސެކްރެޓަރީ ޖެެނެރަލް މުހައްމަދު ސަލީމް ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި 5،040 މައްސަލައެއް ބަލައިދިނުމަށް އެދި ހުށަހެޅި ކަމަށެވެ.

"މިއީ ރަސްމީ ދުވަސްތަކުން ހިސާބު ހަދާ ކަމުގައި ވާ ނަމަ ދުވާލަަކަށް ހަތަރު މައްސަލަ. މީގެން މި ހާމަކޮށްދެނީ ރާއްޖޭގައި ކޮރަޕްޝަން އޮތް މިންވަރު،" ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮރަޕްޝަންގެ ސަބަބުން ގެއްލޭ ފައިސާ ވެސް ވަރަށް ގިނަ އެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުން ކޮރަޕްޝަންގެ މައްސަލަތަކުގައި ދައުލަތަށް އަނބުރާ ހޯދަންޖެހޭ ފައިސާގެ އަދަދު 3.8 ބިލިއަނަށް އަރާ ކަން ފާހަގަކުރައްވަމުން ސަލީމް ވިދާޅުވީ އެއީ ރައްޔިތުންގެ ވަރަށް ގިނަ ބޭނުންތަކަށް ބޭނުންކުރެވިދާނެ ފައިސާ ކަމަށެވެ.

"....މިއީ ރަނގަޅު ނިޒާމެއްގެ ތެރެއިން އަޅުގަނޑުމެން މަސައްކަތް ކުރާ ކަމުގައި ވަނީ ނަމަ ގެއްލިގެން ދާނެ ފައިސާއެއް ނޫން،" ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮރަޕްޝަންގެ ސަބަބުން ހަމައެކަނި ގެއްލެނީ ފައިސާއެއް ވެސް ނޫން ކަމަށެވެ. އޭގެ ސަބަބުން މުއައްސަސާތަކަށް އޮންނަ އިތުބާރާއި ވެރިކަމުގެ ނިޒާމާއި އަދުލުވެރިކަމުގެ ނިޒާމަށް ކުރާ އިތުބާރު ވެސް ގެއްލޭ ކަމަށް ވިދާޅުވި އެވެ.