ޚަބަރު / މެމްބަރު ހުސައިން ވަހީދު (ކޮމަންޑޫ)

ދާއިރާއަށް ކޮށްދެވުނު ކަންކަމަކީ ހުސެއިންގެ ހިތްހަމަޖެހުން

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުސެއިން ފޯކައިދޫގައި ރައީސް މުހައްމަދު ސޯލިހްއާ އެކު. -- ފޮޓޯ/ ރައީސް އޮފީސް

ށ. ފޯކައިދޫގެ ބަނދަރުމަތީގައި މިދިޔަ ސެޕްޓެމްބަރު 8 ގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ހުސެއިން ވަހީދު ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިންތިޒާރުގަ އެވެ. އޭނާގެ ދާއިރާގެ އިތުރުން އުފަން ރަށަށް ރައީސް ވަޑައިގަންނަވާތީ ބަނދަރު ސަަރަހައްދު އޮތީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފަ އެވެ. އެކި ކުލަކުލައިން ދަމާފައި ހުރި ބެނާތަކުން މި ވެރިކަމުގައި އެ ރަށުގައި ކުރިއަށް ގެންދިޔަ މަޝްރޫއުތައް ލިސްޓުކޮށްފައި ހުއްޓެވެ.

ރައީސްގެ ލޯންޗުކޮޅު ލެފުމާ ހަމައަށް ހުސެއިން ވަހީދާ އެކު އަޅުގަނޑު ހޭދަވީ ވަގުތުކޮޅުގެ ތެރޭގައި މުޅިން ވެސް ދެއްކެވީ ދާއިރާއަށް އަންނަ ކުރިއެރުންތަކުގެ ވާހަކަ އެވެ.

ކެންސަރު ބަލީގައި ފަރުވާ ހޯއްދަވަމުން އަންނަނިކޮށް، ހުސެއިން މިއަދު ވަނީ އަވަހާރަވެފަ އެވެ. އޭނާގެ ވަކިވުމަކީ ގިނަ ބައަކަށް ލިބުނު ހިތްދަތި ކަމެކެވެ.

މެމްބަރު ހުސެއިން ވަހީދު: އޭނާ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން އަންނަނިކޮށް.

އަޅުގަނޑަށް ދެއްވި ފަހު އިންޓަވިއުގައި ހުސެއިން ވިދާޅުވީ މަޖިލީހުގެ މި ދައުރުގައި، އަދި މިވެރިކަން ފެށުނީއްސުރެން ވެސް އޭނާއަށް ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމަކީ ރައްޔިތުން ބޭނުންވާ އަސާސީ ކަންކަން ފުދި އެކަމުން ރައްޔިތުންނަށް ލިބޭ އުފާވެރިކަން ކަމަށެވެ. މަޖިލީހުގައި އޭނާ ނިސްބަތްވެވަޑައިގަންނަވާ ދާއިރާގައި ހިމެނޭ ކޮމަންޑު އާއި ފޯކައިދޫ އަދި މަރޮށީގެ ބައެއް މަޝްރޫއުތައް ވަކިވަކިން ވިދާޅުވެ ދެއްވި އެވެ.

އޭގެތެރޭގައި ބަނދަރު ބޮޑުކުރުމާއި ފެނާއި ނަރުދަމާ އާއި އިންޖީނުގެ ބަދަލުކުރުމާއި ފުޓްބޯޅަ ދަނޑު ތަރައްގީކުރުން ފަދަ ގިނަ ކަންކަން ހިމެނުއްވި އެވެ. މިކަންކަން ވިދާޅުވުމަށް ފަހު، 2023 ގައި ވެސް ރައީސަށް ދެ ވަނަ ދައުރެއް ބޭނުންވާ ކަމަށް ރައްޔިތުން ނުކުމެ އެބުނާ ސަބަބަކީ އެއީ ކަަމަށް ވިދާޅުވި އެވެ.

އެ ދުވަހު ފޯކައިދޫގެ ބަނދަރު މަތީގައި އަންހެންވެރިންތަކެއް ތިބީ ހުސެއިން އިޝާރާތް ކުރެއްވި ބޯޑު ހިފައިގެންނެވެ. ރައީސް ސޯލިހަށް ތައުރީފްކުރައްވަަމުން އިހްލާސްތެރި ވެރިއެއް ކަމަށް ވެސް ވިދާޅުވި އެވެ.

"ފޯކައިދޫގައި ރައްޔިތުން ވަރަށް ދަތި ހާލުގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މިދިޔައީ. ވަރަށް މަސްވެރި ވަރަށް އޮޑި ދޯނި ފަހަރު ގިނަ ރަށެއް. މި ރަށުގެ ފަޅަކީ ވަރަށް ވެސް އުނދަގޫ ފަޅެއް. މި ހާލުގައި އަޅުގަނޑުމެން މިއޮތް ހުރިހާ ދުވަހަކު އުޅެމުން މިދިޔައީ، އެކަމަކު އަޅުގަނޑުމެން ކުރީގައި އުޅުނު ހިތްދަތިކަން ނިމުމަކަށް މި ސަރުކާރުން ގެނެސް ދެއްވައިފި،" ހުސެއިން ވިދާޅުވި އެވެ.

ރައީސް ސޯލިހް ފޯކައިދޫގައި މެމްބަރު ހުސެއިންއާ އެކު. -- ފޮޓޯ/ ރައީސް އޮފީސް

"މި ރަށުގައި ވަރަށް ބޮޑެތި މަޝްރޫއުތައް މި ހިނގަނީ. އެންމެ ފާހަގަކޮށްލެވޭ، އެންމެ ހިތްހަމަޖެހޭ އެއް ކަމަކީ ފަޅުގެ ދަތިކަން ހައްލުވަމުން ދާތީ. އެއާއެކު ނަރުދަމާ އާއި ފެނުގެ މައްސަލައަކީ ބޮޑު މައްސަލައެއް. އާއްމު ސިއްހަތަށް ވެސް ނުރައްކަލަކަށް ވެފައި އޮތް އެ ޕްރޮޖެކްޓަކީ އެންމެ ހެޔޮ އެއް ބަދަލު. ފެނުގެ މަސައްކަތް ވެސް ގާތްގަނޑަކަށް ނިމިފައި އެ އޮތީ."

އޭނާ ވިދާޅުވި ގޮތުގައި އެތައް ތަކުލީފެއް އުފުލަން ޖެހި ނުވެ ހުރި ކަންކަމަކީ ރައްޔިތުންނަށް ދަތިވާ ކަންކަމުގެ ގޮތުގައި ބަލައިގަނެ ދާއިރާގެ ހުރިހާ ރަށެއްގައި ވެސް އެއް މަޝްރޫއަށް ވުރެން ގިނައިން ކުރިއަށް ދެ އެވެ.

"ރާއްޖޭގެ ވަރަށް ގިނަ ރަށްރަށެއްގައި ވެސް ނުވެ ހުރި ކަންތައްތަކެއް އިރާދަފުޅުކުރެއްވިއްޔާ ނިމުމަކަށް އަންނަތަން އެބަފެނޭ،" ހުސެއިން ވިދާޅުވި އެވެ.

އެ ދަތުރުގައި، ހުސެއިން ވަނީ ރައީސްއާ އެކު ށ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައިފަ އެވެ.

"ހުސެއިންގެ ހިއްސާ ނެތް އެއްވެސް ކަމެއް ނެތް"

އެ ދަތުރުގައި، ދިމާވި ކުރީގެ ކައުންސިލަރު މުހައްމަދު ރަޝީދުގެ ތައުރީފް މުޅިން އޮއްސާލެވީ މެމްބަރަށެވެ. އެ ރަށަށް މިހާތަނަށް ފަހިވާ ހުރިހާ ކަމެއްގައި ވެސް ހުސެއިންގެ ހިއްސާ އޮތް ކަަމަށް އޭނާ އެ ދުވަހު ވިދާޅުވި އެވެ.

އެ ވާހަކަ މިއަދު ތަފްސީލްކޮށްދެއްވަމުން، ފޯކައިދޫ ކައުންސިލްގެ ރައީސްކަން 10 އަހަރު ކުރެއްވި ރާޝިދު މިއަދު ވިދާޅުވީ އެ ރަށުގައި "ހުސެއިންގެ ހިއްސާ ނެތް އެއްވެސް ކަމެއް ރައްޔިތުންނަށްޓަކައި ކޮށްދީފައި ނެތް" ކަމަށެވެ. ސަރުކާރުގެ ހޭދައިގައި ކުރާ ޕްރޮޖެކްޓްތަކުގައި ވެސް ހުސެއިން އަމިއްލަ ގޮތުން ބައިވެރިވެވަޑައިގެން ރައްޔިތުން ބޭނުންވާ ގޮތަށް އެކަމެއް ނިންމަވައި ދެއްވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދާއިރާގެ އަނެއް ދެ ރަށުގެ މަޝްރޫއުތަކަށް ވެސް ހުސެއިން އިސްކަން ދެއްވި ކަމަށާއި އެ ދާއިރާގެ ތިން ރަށުގައި އެންމެ ގިނަ މަޝްރޫއުތައް ފެށީ މި ވެރިކަމުގައި އޭނާގެ އެއްބާރުލެއްވުމާ އެކުގައި ކަމަށެވެ.

"މަޖިލީހަށް ހޮވިވަޑައިގަތުމުގެ މާ ކުރިން ވެސް އަމިއްލަ ގޮތުން މި ރަށަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައި ވަނީ. ހުސެއިން ނެތުމަކީ ދާއިރާއަށް ވަރަށް ބޮޑު ދެރައެއް، ހިތްދަތި ކަމެއް."

"މި ރަށުގައި މަގު ބައްތި ޖެހިއިރު ވެސް 50 ޕަސެންޓް މެމްބަރުގެ ހިއްސާ. ހިނަވާ ގެއެއް ހެދިޔަސް އެހީތެރިވެދޭ. މި ރަށުގެ ފުޓްބޯޅާ ޓީމު މާލޭ ޒޯންގައި ކުޅުނު ހުރިހާ މެޗެއްގައި އެކަމޮޑޭޝަން އާއި އެހެނިހެން ހަރަދުތައް ބަލަހައްޓަވަނީ ހުސެއިން. ޕާކެއް ހެދިޔަސް ސްކޫލް ޕްރޮޖެކްޓަކަސް ހުސެއިންގެ ބޮޑު ހިއްސާއެއް ނެތް ކަމެއް މި ރަށުގައި ނުވޭ."

ފޯކައިދޫގައި ކުރިއަށް ގެންދާ މަޝްރޫއުތައް

އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންނަށް އެންމެ ރަނގަޅު ހިދުމަތްދޭ ކައުންސިލްގެ ރީތި ނަން ފޯކައިދުއަށް ލިބުނީ ވެސް ހުސެއިންގެ މަސައްކަތްތަކާ ހެދި އެވެ. ރައްޔިތުންނަށްޓަކައި ކޮށްނުދެއްވާނެ ކަމެއްގެ ވާހަކަ އޭނާގެ އަރިހުގައި ނުދެންނެވޭ ކަމަށް ރާޝިދު ވިދާޅުވި އެވެ.

"ފަރުދީ ގޮތުން ދިމާވާ ކަންކަމުގައި ވެސް ނުހަނު އެހީތެރިވެދިން. ބޮޑެތި ބަލިތައް ދިމާވެގެން ހާސްކަމެއް ރައްޔިތުންގެ ނުހުރޭ. އެއީ ހުސެއިން ހުރެއްޖިއްޔާ ކޮންމެވެސް ގޮތަކުން އެހީވެދޭނެ ކަމުގެ ޔަގީންކަން އޮންނާތީ. ވަކި ޕާޓީއަކަށް ވަކި މީހަކަށް ނުބަލާނެ. ކޮށްދެވެން އޮތް ވަރަކުން އެ ކަމެއް ކޮށްދެއްވި ބޭފުޅެއް ހުސެއިން އަކީ."

ރާޝިދު ވިދާޅުވީ ދައްކައި ހުސްނުވާހާ ގިނަ ހެޔޮ ކަންކަން ހުސެއިން ވަނީ ރައްޔިތުންނަށް ކޮށްދެއްވާފައި ކަމަށެވެ. އޭނާގެ ހިތްހެޔޮކަމާއި އޯގާތެރި ކަމުގެ ވާހަކަ ދައްކަނީ ދާއިރާގެ ރައްޔިތުން އެކަންޏެއް ނޫނެވެ.

އެކުގައި މަސައްކަތް ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ސިފަކުރައްވާ ގޮތުގައި ހިތްހެޔޮކަމުގައި އެފަދަ ދެވަނައެއް ނެތެވެ.

މަޖިލީހުގެ ދައުރު ފުރިހަމަ ނުކުރެއްވުނު ނަމަވެސް، އޭނާގެ މަދު ދުވަސްކޮޅުގައި ދާއިރާއަށް ކޮށްދެއްވި އަދި ސަރުކާރުގެ ތެރެއިން ފަހިކޮށްދެއްވި މަޝްރޫއުތައް މަދެއް ނޫނެވެ. ކެންސަރަށް ފަރުވާ ހޯއްދަވަން ގިނަ ދުވަސްތަކެއް ވަންދެން ބޭރުގައި އުޅުއްވުމަށް ފަހު ދާއިރާއަށް ވަޑައިގެން ހުންނަވައި ދެއްވި އިންޓަވިއުގައި ވެސް ހުސެއިން ފާޅުކުރެއްވީ އެ ހިތްހަމަޖެހުމެވެ.

2 ކޮމެންޓް, 45 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 89%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 2%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހެޔޮ އެދޭ ކުއްޖާ

15 December 2021

ހުސެއިން އަކީ ދީލަތި ކަމާއި ހިތް ހެޔޮކަމުގެ ނަމޫނާއެވެ. މާކުރިންސުރެވެސް ހުސެއިން އެނގިފައިވަނީ ބޮޑެތި ބަލިތަކުގައި އުޅޭ މީހުންނަށް ފަރުވާ ކުރުމަށް އެހީތެރިވެދޭ ބޭފުޅެއްގެ ގޮތުގައެވެ. މަރުޙޫމާއަށް ހެޔޮ ރަޙްމަތް ލައްވަވާ ފާފަފުއްސަވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވަވާށި. އާމީން

The name is already taken The name is available. Register?

ޡަމްނާ

14 December 2021

ޢަމިއްލަ ހަދަރުގައި ވެސް ބޮޑެތި މަސައްކަތް އަވަސްް ކުރަން ހޭދަ ކުރި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454