މިދިޔަ ހަފުތާ ބަންދުގައި އެމެރިކާގެ ކެންޓަކީ އަށް އެރި ނަގޫރޯޅިތަކުގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ކެންޓަކީ އަށް، އެމެރިކާގެ މަރުކަޒީ ސަރުކާރުން ދިގު މުއްދަތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ ވިދާޅުވެއްޖެ އެވެ.
ނަގޫރޯޅިތައް އެރުމުގެ ސަބަބުން ކެންޓަކީ ސްޓޭޓުން އެންމެ ބޮޑެތި ގެއްލުންތަކެއް ލިބުނީ މޭފީލްޑް ސިޓީއަށެވެ. ރައީސް ބައިޑެން އިއްޔެ ވަނީ މޭފީލްޑަށް ވަޑައިގެން، އެ ސިޓީ އަށް ލިބިފައިވާ ގެއްލުންތައް ބައްލަވާލައްވައިފަ އެވެ. ބައިޑެން ވިދާޅުވީ ނަގޫރޯޅިތަކުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެއްވެސް ރައްޔިތެއްގެ މެދުގައި ތަފާތު ނުކުރައްވާނެ ކަމަށެވެ.
"ރަތް ނަގޫރޯޅި އާއި ނޫ ނަގޫރޯޅިއެއް ނުހުންނާނެ،" އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީ އާއި ރިޕަބްލިކަން ޕާޓީއަށް ނިސްބަތް ކުރައްވައި ބައިޑެން ވިދާޅުވި އެވެ. "ނަގޫރޯޅިއަކުން މިވަރުގެ ގެއްލުމެއް ލިބިފައިވާ ތަން ދުވަހަކު ވެސް އަހަރެން ނުދެކެން."
ކެންޓަކީ އަކީ ރިޕަބްލިކަން ޕާޓީގެ ބޮޑު އަގުލަބިއްޔަތެއް އޮންނަ ސްޓޭޓެކެވެ. ނަމަވެސް އިންތިހާބު ކާމިޔާބު ކުރައްވައިގެން ގަވަރުނަރުގެ މަގާމުގައި ހުންނެވީ ޑިމޮކްރެޓިކް ޕާޓީގެ އެންޑީ ބެޝެއާ އެވެ.
އެންޑީ ވިދާޅުވި ގޮތުގައި ބާރުގަދަ ނަގޫރޯޅިތައް އެރުމުގެ ސަބަބުން އިމާރާތްތައް ވެއްޓުމާއި އެ ނޫން ހާދިސާތަކުގައި ކެންޓަކީން އެކަނިވެސް 74 މީހަކު ވަނީ މަރުވެފަ އެވެ. އަދި އެހެން ބައެއް ސްޓޭޓްތަކުން ވެސް ގިނަ އަދަދެއްގެ މީހުން ވަނީ މަރުވެފަ އެވެ.
ނަގޫރޯޅިތައް އެރި ދުވަސްވަރު، ވަރަށް ބޯކޮށް ވާރޭ ވެހުމުގެ ކޮޅިގަނޑުތަކެއް ވެސް، އިތުރު ހަތަރު ސްޓޭޓަކަށް ޖެހުނެވެ. އެ ހާދިސާތަކުގައި އުށްބައްތި ތައްޔާރުކުރާ ކާރުހާނާއެއް ވެއްޓުމުގެ ހާދިސާގައި އަށް މީހަކު މަރުވެ އިތުރު އެތައް ބަޔަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ.
މޭފީލްޓް ސިޓީ އަށް ނަގޫރޯޅީ އެރުމުގެ ސަބަބުން، އެ ސިޓީގެ މަދު އިމާރާތެއް ފިޔަވައި ހުރިހާ އިމާރާތެއް ވަނީ ބިމާ ހަމަވެފަ އެވެ. މި ސިޓީ އަށް ރައީސް ޓްރަމްޕު އިއްޔެ ވަޑައިގަތުމުން އާންމުންގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ، ބައިޑެންގެ ކެމްޕޭންގައި ބޭނުންކުރި ޓީޝާޓުތައް ލައިގެން ބައިޑެންއަށް މަރުހަބާ ދަންނަވައިފަ އެވެ.