އެމެރިކާގެ އެކި ސަރަހައްދުތަކަށް މި ހަފުތާބަންދުގެ ތެރޭގައި އެރި ބާރު ގަދަ ނަގޫރޯޅިތަކުގައި، މިހާތަނަށް މަދުވެގެން 26 މީހަކު މަރުވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

އެމެރިކާގެ ދެކުނު ސަރަހައްދަށާއި ހުޅަނގުގެ މެދުތެރޭ ސަރަހައްދުތަކަށް އެރި ބާރު ގަދަ ރަގޫރޯޅިތަކުގެ ސަބަބުން އެތައް ގެޔެއް ބިމާ ހަމަވެ ބައެއް ސަރަހައްދުތަކުން ކަރަންޓާއި ފެނުގެ ޚިދުމަތް މެދުކެނޑި އެތައް ލައްކަ ބަޔަކު މިހާރު ތިބީ ހާލުގައި ޖެހިފަ އެވެ. އެމެރިކާގެ ދުވަހު ނޫސް ވޮޝިންޓަން ނޫހުން ބުނި ގޮތުގައި މިދިޔަ ތިން ދުވަހުގެ ތެރޭގައި އެމެރިކާގެ އެކި ސަރަހައްދުތަކަށް 60 އަށް ވުރެ ގިނަ ނަގޫރޯޅި އެރި އެވެ.

ބާރު ގަދަ ނަގޫރޯޅިތައް އެރި ސްޓޭޓްތަކުގެ ތެރޭގައި އާކަންސަސް، ޓެނެސީ، އިލިނޮއިސް، އިންޑިއާނާ، އަލަބާމާ އަދި މިސިސިއްޕީ ހިމެނެ އެވެ. މި ނަގޫރޯޅިތަކުގެ ސަބަބުން ބައެއް މީހުން މަރުވީ، އެ މީހުން ގޭގެ ތެރޭގައި ތިއްބައި، ގޭގެ މައްޗަށް ބޮޑެތި ގަސްތައް ވެއްޓި ގޭގެ ދަށުވެގެންނާއި އެފަދަ އެހެން ހާދިސާތަކުގަ އެވެ.

އާކަންސަސް ސްޓޭޓްގައި މިދިޔަ ހުކުރު ދުވަހުން ފެށިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އެ ސަރަހައްދުގެ ސިފައިން ވަނީ، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނެރެފަ އެވެ. އަދި އެމެރިކާގެ މައި ސަރުކާރުން ވެސް ވަނީ އެ ސަރަހައްދަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފަ އެވެ.

އެމެރިކާގެ ރަސްމީ އިދާރާތަކުން ބުނާ ގޮތުގައި ނަގޫރޯޅިތައް އެރުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ ވާޖީނިއާ، އޮހާޔޯ އަދި ޕެންސިލްވީނިޔާ އަށެވެ. މިފަހަރު ބާރު ގަދަ ނަގޫރޯޅިތަކެއް މި އެރީ، މިސިސިޕީ އަށް އެރި ބާރު ގަދަ ނަގޫރޯޅިއެއްގައި އެ ސަރަހައްދުން 26 މީހުން މަރުވިތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

މިސިސިޕީ އަށް އެރި ނަގޫރޯޅިގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވުމަށާއި، ލިބުނު ގެއްލުންތައް ބައްލަވައިލެއްވުމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން މިދިޔަ ހުކުރު ދުވަހު އެ ސަރަހައްދަށް ވަޑައިގެންނެވި އެވެ. މޫސުމާ ބެހޭ އިދާރާތަކުން ބުނާ ގޮތުގައި ނަގޫރޯޅިތައް އާންމު ގޮތެއްގައި ދެމިހުންނަ މުއްދަތާ އަޅައި ބަލާއިރު، މިއީ ވަރަށް ގިނަ ވަގުތެކެވެ.

މިދިޔަ ހަފުތާގައި އެ ސަރަހައްދަށް އެރި ބާރުގަދަ ނަގޫރޯޅި، ގާތްގަނޑަކަށް އެއް ގަޑިއިރާއި 10 މިނެޓުގެ މުއްދަތަކަށް ދެމިގެން ދިޔައިރު، 59 މޭލުގެ ބޮޑު ސަރަހައްދަކަށް ދަތުރުކުރި އެވެ. އެ ނަގޫރޯޅި ދަތުރުކުރި ސަރަހައްދުން ގާތްގަނޑަކަށް 2000 ގެ ސުންނާފަތިވި އެވެ.