މާލޭ ސިޓީ ކައުންސިލުން ޕާކިން ސްލޮޓްތައް ދޭނެ ފަރާތްތައް ކަނޑައަޅާފައި ވަނިކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އަންގައިގެން އަލުން ގުރުއަތުލުން ބާއްވަން ނިންމައިފި އެވެ.
ކުރީގެ ގުރުއަތުލުން ކެންސަލްކޮށް އަލުން ގުރުއަތަކަށް ދާން އޭސީސީން އެންގީ ކައުންސިލުން އެކަން ކުރިއަށް ގެންދިޔަ ގޮތާ މެދު ކައުންސިލްގެ ބައެއް މެމްބަރުން ސުވާލު އުފައްދައި ހުށަހެޅި ޝަކުވާތައް ބެލުމަށް ފަހު އެވެ.
ކޮމިޝަނުން ބުނީ ކުރީގެ ގުރުއަތު ބާތިލްކޮށް، އަލުން ކުރިއަށް ގެންދަން ސިޓީ ކައުންސިލަށް އަންގާފައިވާނެ ކަމަށެވެ.
އެކަމަކު މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ މި ސްލޮޓްތަކުގެ ގުރުއަތުލުން އަލުން ބާއްވަން ނިންމީ، އިދާރީ ގޮތުން ކުރަން ޖެހޭ ބައެއް ކަންކަން ނުކުރެވި ހުރުމުން ކަމަށެވެ. އެކަމަކު ތަފްސީލު ދީފައެއް ނުވެ އެވެ.
ގުރުއަތުލުން އަލުން ބާއްވާނެ ތާރީހެއް ފަހުން އިއުލާންކުރާނެ ކަމަށާއި ގުރުއަތުލުން ދެން ބާއްވާނީ އިދާރީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ނިންމުމަށް ފަހުގައި ކަމަށް ވެސް މި އިއުލާނުގައި ބުނެފައިވެ އެވެ.
ގުރުއަތުލުން ދެން ވެސް އޮންނާނީ، މި ސްލޮޓްތަކަށް ކުރިން ވެސް ކުރިމަތިލީ މީހުންނާ އެކު އެވެ.
ޕާކިންގެ މައްސަލަ އަށް ހައްލު ހޯދުމަށް މާލޭގެ އެކި ހިސާބުތަކުން 450 ޖާގަ ކުއްޔަށް ދޫކުރަން ނިންމައި އޭގެ ތެރެއިން 211 ސްލޮޓަކަށް ކުރިމަތިލާން މިދިޔަ ޖުލައި މަހު ހުޅުވައިލި އެވެ. އެ މުއްދަތު ހަމަވިއިރު 969 މިހާކު ޕާކިން ސްލޮޓަށް ކުރިމަތިލި އެވެ. މާލޭގެ ދިހަ ސަރަހައްދަކުން ޕާކިން ސްލޮޓް ކުއްޔަށް ދޫކުރަނީ 350 ކިލޯ އުފުލޭ ޕިކަޕާއި ކާރު އަދި ވޭނަށެވެ.
މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ބޭއްވި ގުރުއަތުލުމުގައި ސްލޮޓްތަކަށް ކުރިމަތިލި އެންމެންނަށް ސްލިޕް ނަމްބަރެއް ދީފައިވެ އެވެ. ގުރުއަތު ނެގީ އެ ސްލިޕް ނަމްބަރެވެ.
ސްލިޕް ނަންބަރެއް ދޭ ގޮތަށް ހަމަޖެއްސީ، އެއް އައިޑީ ކާޑު ނަމްބަރުގެ ދަށުން 3-2 ކާރު ރަޖިސްޓްރީކޮށްފައި ހުންނާތީ، އައިޑީކާޑަކުން އެކަން ޔަގީންނުކުރެވޭނެތީ އާއި ފޯނު ނަމްބަރު ވެސް ރިޕީޓު ވާތީ ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.
ނަމަވެސް ޕާކިން ސްލޮޓުގެ ކަންކަން ދޫކުރުމަށް އުފައްދާފައިވާ ކޮމިޓީގެ މެމްބަރަކު "މިހާރު" އަށް ވިދާޅުވެފައި ވަނީ ސްލިޕް ނަމްބަރު ނެގީ "ސިއްރުން، ވަގަށް ތިބެގެން" ކަމަށެވެ. އަދި ސްލޮޓު ލިބުނު މީހުންގެ ލިސްޓު އާއްމުކުރި އިރު ބައެއް މީހުންނަށް އެއް ސްލޮޓަށް ވުރެ ގިނައިން ލިބިފައި ވެސް ހުއްޓެވެ.
އެކަމަކު މީޑިއާގެ ކުރިމަތީގައި ނެގި ގުރުއަތުލުމުގައި އެއްވެސް ގޯހެއް ހަދާފައި ނުވާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެފައިވެ އެވެ.