ތެދު ބަހުން ވާހަކަދައްކައި ބަހާއި އަމަލާ އެއްގޮތަކަށް ބެހެއްޓެވުމަށް، ތިމަރަފުށީ ދާއިރާގެ މެމްބަރު، އަބްދުﷲ ރިޔާޒު، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލްގެ އަރިހުން މިއަދު އެދިވަޑައިގެންފި އެވެ.
ރިޔާޒު ވެސް ބައިވެރިވެގެން އުފައްދާފައިވާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ލީޑަޝިޕުން ބޭއްވި ނިއުސް ކޮންފަރެންސްގައި އޭނާ ދެއްކެވި ވާހަކައަކަށް ރައްދުދެއްވަމުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ޖަމީލް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމަކީ ޓެކްނިކަލް ގޯހަކުން ނިމޭ ކަމެއް ނޫން ކަމަށެވެ. ޖިނާއީ ކުށެއް ސާބިތުކުރަން ގިރާކުރަންޖެހޭ ގާނޫނީ އޮޅިގަނޑެއް އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މައުސޫމްކަން ސާބިތުވުމުން އެ މީހެއްގެ ބޮލުގައި އިލްޒާމް އެޅުވުން ނާތަހުޒީބު. ސިޔާސީ ގޮތުން ރައީސް ޔާމީނާ ފައި ހަމަނުކުރެވޭނެކަން ހަޖަމްކުރަންޖެހޭ،" ޑރ. ޖަމީލް ވިދާޅުވި އެވެ.
އެކަމަށް ރައްދު ދެއްވައި ރިޔާޒު ވިދާޅުވީ ޔާމީނަކީ ވަގެއް ކަމަށް ކުރިން ޖަމީލް ވިދާޅުވި ކަމަށެވެ. އެކަމަކު މިހާރު އެ ވިދާޅުވަނީ އެ ވަރުގެ ތެދުވެރިއެއް ނެތް ކަމަށް، ކަމަށް ރިޔާޒް ވިދާޅުވި އެވެ.
"މަނިކުފާން އެބަޖެހޭ ނޫންތޯ ތެދުބަހުން ވާހަކަ ދައްކަވަން، އަމަލާ ބަހާ ދިމާކުރައްވަން؟" ރިޔާޒުގެ ޓްވީޓުގައިވެ އެވެ.
ޕްރެސް ކޮންފަރެންސްގައި ރިޔާޒު ވިދާޅުވީ މަނީ ލޯންޑަރިންގެ ފަސް އަހަރުގެ ހުކުމުން މިދިޔަ މަހުގެ 30 ވަނަ ދުވަހު ޔާމީން މިނިވަންވީ "ޓެކްނިކާލިޓީ" ގެ ކަމަކުން ކަމަށެވެ. ތަހުގީގު މަރުހަލާގައި އަދި ދައުވާ ކުރުމުގެ މަރުހަލާގައި ވެސް ރަނގަޅަށް މަސައްކަތް ކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.
އެންމެ މަތީ ކޯޓުގެ ހުކުމް ކިޔާލުމުން އެކަން އެނގިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ފެންނަނީ ރައީސް ޔާމީނަށް ބައިވަރު މައްސަލަތައް، އެންމެ މައްސަލައެއް ނޫން އަދި ސުޕްރީމް ކޯޓުގައި އެ ނިންމި ނިންމުން ބަލާލީމަ، ރަނގަޅަށް ކިޔާލީމަ، ތަހުގީގުކުރާ މީހުން ބުނާނީ ރައީސް ޔާމީން މިނިވަންވެވުނީ ޓެކްނިކާލިޓީ ސަބަބުންނޭ. އެއީ އެ ޓާމަކީ. ޓެކްނިކާލިޓީއަކުން،" ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ އެންމެ މައްސަލައަކުން ޔާމީން ސަލާމަތްވި ނަމަވެސް އަދި ކޯޓުގައި ވެސް އަދި ތަހުގީގު މަރުހަލައިގައި ވެސް އިތުރު މައްސަލަތައް އެބަހުރި ކަމަށެވެ
"އެމްއެމްޕީއާރުސީގެ ވައްކަމުގެ މައްސަލައަކީ ނުހިނގާ ކަމެއް ނޫން. ވަރަށް ބޮޑު ކަމެއް. ރައްޔިތުންގެ ވަރަށް ބޮޑެތި ފައިސާތަކެއް ގެއްލިފައި މި ވަނީ. ރައީސް ޔާމީން ނުނަންގަވާ ކަމުގައި ވަންޏާ، ކޮންމެ ބަޔަކު ނެގިއަސް ރައީސް ޔާމީން ވެރިކަމުގައި ހުންނެވީ. ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭނެ. ރައްޔިތުންނަށް އެނގެންޖެހޭނެ މިކަންކަން،" ރިޔާޒު ވިދާޅުވި އެވެ.
އޭނާ ތުހުމަތުކުރެއްވި ގޮތުގައި، ޔާމީން އިސްވެ ހުންނަވައިގެން އިދިކޮޅު ކޯލިޝަނުން ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕެއިނަކީ އެ ހިޔާނާތުގެ މައްސަލައިގެ ފޯކަސް އަނބުރާލަން ކުރާ ކަމެކެވެ.