ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގާ ޝަރީއަތުގައި އެމަނިކުފާނުގެ ފަރާތްޕުޅުން ހެކި އުފައްދަން މަސައްކަތްކުރާ ކަމަށް ޝައްކުކުރުމުގެ ޖާގަ އެބައޮތް ކަަމަށް ތިމަރަފުށީ ދާއިރާގެ އެމްއެންޕީގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.
ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށް ދަނީ ވ. އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި އެ މަނިކުފާނަށް ޔޫސުފް ނައީމް އެއް މިލިއަން ޑޮލަރު ދިން ކަމަށް ބުނެ ދައުލަތުން ކުރާ ދައުވާ އާއި އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާ އެވެ. ޔާމީންގެ ފަރާތުން ޝަރީއަތުގައި ސާބިތުކޮށްދޭން މަސައްކަތްކުރަނީ އެއީ ޑޮލަރު ގަތުމަށް ހިންގި ސައްހަ މުއާމަލާތެއް ކަމެވެ.
ޔާމީނަށް ލިބިވަޑައިގަތް އެއް މިލިއަން ޑޮލަރަކީ އެޔަށްވާ ދިވެހި ފައިސާ ދެއްވުމަށް ފަހު ބައްލަވައިގަތް ޑޮލަރުކަން ސާބިތުކޮށްދޭން މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އާއި އަބްދުﷲ ރަޝީދު ކިޔާ މީހަކު ވަނީ ހެކިބަސް ދީފަ އެވެ. އަދި ޔާމީން ޑޮލަރު ބައްލަވައިގަންނަން ޔޫސުފް ނައީމާ މުއާމަލާތްކުރެއްވިކަން ސާބިތުކޮށްދޭން ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް އާއި ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު ވެސް ހެކިބަސް ދެއްވި އެވެ.
ލައިވްކޮށް ކުރިއަށް ގެންދާ ޝަރީއަތުގައި ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި ހެކިތަކާ ގުޅޭގޮތުން ރިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހެކި އުފެއްދުމުގެ މަސައްކަތްކުރާ ކަމަށް ޝައްކުކުރުމުގެ ޖާގަ އެބައޮތް ކަމަށެވެ. އެއް މިލިއަން ޑޮލަރުގެ މުއާމަލާތަކީ ސައްހަ މުއާމަލާތެއް ކަމަށް ވިދާޅުވާއިރު، ތުހުމަތުކުރެވޭ ހުރިހާ އެންމެން ތަހުގީގުގައި ހަނު ތިބީ ކީއްވެތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
ޔޫސުފް ނައީމަކީ އޭރު ޑޮލަރު ވިއްކުމުގެ ހުއްދަ އޮތް މީހެއްތޯ ދައުލަތުން ކުރި ސުވާލަކަށް އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ޖަވާބެއް ނުލިބެ އެވެ. ދައުލަތުން މި މުއާމަލާތާ ގުޅޭ ގޮތުން ކުރި ގިނަ ސުވާލުތަކަށް ގާޒީ ފުރުސަތެއް ނުދެއްވަ އެވެ.
"މި މައްސަލައިގެ ތަހުގީގުގައި ޔާމީނާއި ޔޫސުފް ނައީމް ވެސް ހަނު ތިއްބެވީ. ޑޮލަރުގެ ސައްހަ މުއާލަމާތެއް ނަމަ ތަހުގީގުގައި އެ ވާހަކަ ބުނެވެންވާނެ ނޫންތޯ،" ރިޔާޒް ވިދާޅުވި އެވެ.
ތަހުގީގުގައި ހަނު ހުރުމަކީ ގާނޫނުން ކަށަވަރުކޮށްދީފައިވާ ހައްގެކެވެ.
"ހުށަހެޅި ހެކިތަކާއި ދައުލަތުގެ ފަރާތުން ކޮށްފައިވާ ސުވާލުތަކަށް ބަލާއިރު އަޑުއެހި މީހަކަށް ވަރަށް ބޮޑަށް އޭގެން ފަހުމްވޭ އެއީ ޕްލޭން ކުރެވިގެން ހަދާފައި ހުރި ހެކިތަކެއްކަން،" ރިޔާޒް ވިދާޅުވި އެވެ.
ތަހުގީގުގައި ހަނު ހުރެފައި ޝަރީއަތާ ހިސާބަށް ދާއިރު ހެކި އުފައްދަން ފުރުސަތު ލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވަރަށް ފަހުން ހައި ކޯޓުން ނިންމާފައި އެބައޮވޭ ހަނު ހުރީމާ އޭނައާ ދެކޮޅަށް ކަން ބޭނުންކުރާނީ،" ރިޔާޒް ވިދާޅުވި އެވެ.
ފުލުހުންގެ ތަހުގީގުގައި ހުށަހެޅެން ހުރި ހެކިތަކެއް ހުށަނާޅާއި ޝަރީއަތަށް ހުށަހެޅުމަކީ ކުރެވޭނެ ކަމެއްތޯ ވެސް ރިޔާޒް ސުވާލު އުފެއްދެވި އެވެ.
ޝަރީއަތުގައި ޔޫސުފް ނައީމް ވިދާޅުވެފައި ވަނީ ޔާމީނަށް އެއް މިލިއަން ޑޮލަރު ވިއްކި ކަމަށެވެ. އެކަން ހަމަޖައްސައިދިނީ އޭނާ މެދުވެރިވެގެން ކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވެފައިވެ އެވެ.
އެ މުއާމަލާތް ހިންގި ކަން ޔޫސުފް ނައީމް ވިދާޅުވި ކަމަށް ޝާހިދު ހެކިބަސް ދީފައިވާ އިރު، ފައިސާ ގުނުމަށާއި ހަވާލުކުރީ ނަރީޝާއި އަބްދުﷲ ރަޝީދު ކިޔާ މީހެއް ކަމަށް ޝަރީއަތުގައި ހެކިބަސްދީފައިވެ އެވެ.