ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް އެއް މިލިއަން ޑޮލަރު ވިއްކި ކަމަށް ޔޫސުފް ނައީމް ވިދާޅުވެފައިވާ ކަމަށް މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު މިއަދު ހެކިބަސް ދީފި އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުން ޔާމީނަށް ޔޫސުފް ނައީމް އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ދެއްވި ކަމަށް ބުނެ ޔާމީނާއި ޔޫސުފް ނައީމްގެ މައްޗަށް ކުރާ ދައުވާގައި ޔާމީންގެ ދިފާއުއަކީ އެ ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށެވެ.
އެކަން ސާބިތުކުރަން ޔާމީންގެ ފަރާތުން ދިފާއުގައި ހުށަހެޅި ޕީޕީއެމަށް ނިސްބަތްވާ ޝާހިދު ކްރިމިނަލް ކޯޓުގައި ހެކިބަސް ދެމުން މިއަދު ވިދާޅުވީ ޑޮލަރު ވިއްކާނެ މީހަކު ހޯދަން ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލަށް ޔާމީން 2015 ވަނަ އަހަރު ގުޅުއްވި ކަމަށެވެ.
އެގޮތަށް ޔާމީން އެދިވަޑައިގަތުމުން އޭނާ ހުންނެވި ތަނެއްގައި ޔޫސުފް ނައީމަށް މުހައްމަދު އިސްމާއިލް ގުޅުއްވައި، ޑޮލަރު ވިއްކަން އެދުނު ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ފަހުން ޔޫސުފް ނައީމާ ދިމާވެގެން އެ މުއާމަލާތުގެ ވާހަކަ އެހުމުން ޔާމީނަށް ޑޮލަރު ވިއްކި ކަމަށް ޔޫސުފް ނައީމް ވިދާޅުވި ކަމަށް ޝާހިދު ވިދާޅުވި އެވެ.
"ޔޫސުފް ނައީމް ވިދާޅުވި އެއް މިިލިއަން ޑޮލަރުގެ މުއާމަލާތް ހިނގި ކަމަށް. އަދި އެ ބޭފުޅާއަށް ކޭޝް، ހަމަ ދިވެހި ފައިސާއިން ފައިސާ ލިބުނު ވާހަކަ ވެސް އަޅުގަނޑު ގާތު ބުނި،" ޝާހިދު ވިދާޅުވި އެވެ.
އެކަމަކު ޑޮލަރުގެ މުއާމަލާތް ހިނގި ތާރީޚު ނޭނގޭ ކަމަށާއި އެކަމަކު އެއީ 2015 ވަނަ އަހަރުގެ ފަހުކޮޅު ހިނގި ކަމެއް ކަމަށް ޝާހިދު ވިދާޅުވި އެވެ. އެކަމަކު ޑޮލަރު ވިއްކާނެ މީހަކު ހޯދަން މުހައްމަދު އިސްމާއިލު ދެން ގުޅި އެހެން މީހުންގެ ނަމެއް އޭނާއަކަށް ނޭނގޭ ކަމަށް ބުންޏެވެ.
މުހައްމަދު އިސްމާއިލް ވެސް މިއަދުގެ އަޑުއެހުމުގައި ކުރިން ވަނީ ޔޫސުފް ނައީމަށް ގުޅައިގެން ޑޮލަރު ވިއްކަން އެދުނު ކަމަށް ވިދާޅުވެ، ހެކިބަސް ދީފަ އެވެ.
އެ މައްސަލާގައި ދެން އޮންނާނީ ވެސް ދިފާއީ ހެކިންގެ ހެކިބަސް ނެގުމެވެ.