ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތް މިމަހު ބާއްވަން ކްރިމިނަލް ކޯޓުން ތާވަލްކޮށްފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން ޔާމީނަށް ދައުވާކުރަނީ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާއި ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލު ކުރައްވައި، އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ.

އޭގެ ތެރެއިން އާރަށް މައްސަލާގައި އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ކުރިން އިއްވާފައި ވަނިކޮށް ހައި ކޯޓުން ފަހުން ވަނީ އެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން އަންގައިފަ އެވެ. 

އެހެންވެ، އެ މައްސަލަ އާއި ފުއްގިރީގެ މުއާމަލާތާ ގުޅޭ މައްސަލަ ކްރިމިނަލް ކޯޓުގައި އޮތްއިރު، އޭގެ ތެރެއިން ފުއްގިރީގެ މައްސަލަ އަންނަ ހަފުތާއަށް ވަނީ ތާވަލްކޮށްފަ އެވެ. އަދި އާރަށް މައްސަލާގެ އަޑުއެހުން ތާވަލްކޮށްފައިވަނީ މިމަހުގެ 29 ވަނަ ދުވަހަށެވެ. 

އޭގެ ތެރެއިން އާރަށް މައްސަލާގައި އާ ހެކިތަކެއް ދައުލަތަށް ހުށަހެޅުމުން އެ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ. އަދި ފުއްގިރި މައްސަލާގައި މިހާރު އޮތީ ހެކިތަކާ ބެހޭގޮތުން ވާހަކަ ދެއްކުމާއި ހުލާސާ ބަޔާން ހުށަހެޅުމުގެ މަރުހަލާގަ އެވެ.