ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމާއި އެކަމަށް ބޭނުންވާ ލިޔެކިޔުންތައް ހުށަހެޅުމާއި ފައިސާ ދެއްކުން ހިމެނޭ ގޮތުން ހުރިހާ ކަމެއް އޮންލައިންކޮށް، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މައިޕޯޓަލް މެދުވެރިކޮށް ކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ބުނެ ޕީއެންއެފުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓަށް ބަލައިނުގަނެ މިއަދު ބޭރުކޮށްލައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފްގެ ސެނެޓަރު އަދި އެ މަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް އާސިފު ހައި ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ތުހުމަތު ކުރައްވާފައިވާ ގޮތުގައި އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ އިންތިހާބުގެ ހުރިހާ ކަމެއް އޮންލައިންކޮށް ކުރާ ގޮތަށް ހަމަޖެއްސުމަކީ އަމިއްލަ ގޮތުން އެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ފުރުސަތު ހަނިކުރުމެވެ.

އެއީ އޭނާ ތުހުމަތު ކުރައްވަނީ އަމިއްލަ ގޮތުން ކުރިމަތިލާން ހޯދަން ޖެހޭ ތާއީދު ހޯދަން ފުރުސަތު ހަނިކުރުން ކަމަށެވެ. 

އާސިފް ހުށަހެޅުއްވީ އެއީ އިންތިހާބާ ބެހޭ ގާނޫނާ ހިލާފަށް އީސީން ނިންމި ނިންމުމެއް ކަމަށް ކަނޑައަޅަައި، ގާނޫނާ އެއްގޮތަށް އިންތިހާބުގެ ކަންތައް ކުރިއަށް ގެންދަން އަމުުރު ކޮށްދިނުމަށެވެ. 

އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ހައި ކޯޓުގެ ރަޖިސްޓްރާ މަރިޔަމް ހޫރުޝީދާ ނިންމެވި ނިންމެވުމުގައި ވިދާޅުވީ، އިސީގެ ނިންމުން، އާސިފް ފާހަގަކުރެއްވި މާއްދަތާ ހިލާފުވާ ގޮތް ގާނޫނީ އުސޫލުތަކުގެ އަލީގައި ބަޔާންކޮށްފައި ނުވާތީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ. 

އާސިފް ހުށަހެޅުއްވި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ހައި ކޯޓުން މިއަދު ނިންމިއިރު، ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ފޯމު ހުށަހެޅުމުގެ ސުންގަޑި އިއްޔެ ވަނީ ހަމަވެފަ އެވެ. 

އީސީން ބުނެފައިވާ ގޮތުގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ޝަރުތު ހަމަވީ 2،993 މީހުންނެވެ. އޭގެ ތެރެއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޝަރުތު ހަމަވީ 1،610 މީހުންނެވެ. އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ޝަރުތު ހަމަވެ، އީސީން ކެންޑިޑެސީ ގަބޫލުކުރީ 1،383 މީހުންގެ އެވެ.

އެ ދެ އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވިއިރު ވެސް ހައި ކޯޓުން ގޮތެއް ނުނިންމައި ތިބި މައްސަލާގައި ޔާމީންގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިރޭ ފާޑުވިދާޅުވި އެވެ. 

އޭނާ އުފެއްދެވި އެއް ސުވާލަކީ ވެސް ހައި ކޯޓުން މައްސަލަ ބަލައި ނުގަނެ، އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ފަހަނަޅައި ދާންދެން ތިބި މައްސަލަ އެވެ.

"މައްސަލަ ބަލައި ނުގަންނަން ނިންމި ނިންމުމުން ފެންނަން އޮތީ ބޮޑު ޖަޖްމަންޓެއް ގޮތަށް. ދެފަރާތުގެ ވާހަކަތައް އަޑުނާހާ ކޮން ތަނަކުން ނެރުނު ހާސަރުތަކެއްތޯ؟ ހައި ކޯޓުތޯ މިކަމުގައި އީސީގެ ވަކީލަކީ؟،" ޖަމީލްގެ ސުވާލުތަކުގައި ވެ އެވެ. 

ކައުންސިލްތަކުގެ އިންތިހާބަށް އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންގެ ތާއީދު ފޯމު ފުރުމަށް ހަމައެކަނި އީފާސް ބޭނުންކުރަން އީސީން ނިންމާފައިވާ މައްސަލާގައި ޔާމީނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. 

ޔާމީންގެ ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވެފައި ވަނީ ޝަރުއީ ކޯޓުތަކުގައި ވެސް ހެއްކެއް ބަލައިގަންނަނީ އޭގެ އަސްލު ކިތާބީ ނުވަތަ ޝަފަހީ ހެކި އޮންނަ ނަމަ ކަމަށެވެ. އެހެންކަމުން، ކަރުދާހުން ކުރާ މުއާމަލާތް އެއްކޮށް ހުއްޓާލުމުގެ ބާރު އީސީ އަށް ލިބިގެން ނުވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ޔާމީން ކުރިން ވިދާޅުވެފައިވާ ގޮތުގައި، އެ މައްސަލާގައި އީސީ ގޮވައިގެން ޕީއެންއެފުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ޕީއެންއެފަށް ކާމިޔާބު ވެސް ވާނެ އެވެ.

އެ އުސޫލާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައި އުމަރު، އީސީގެ ރައީސް މުހައްމަދު ޒާހިދަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އެ ގޮތަށް އޮތް އޮތުމަކީ އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންގެ އިންތިހާބީ ހައްގަށް އުނިކަން ލިބޭ ކަމެއް ކަމަށެވެ.

އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ކައުންސިލްތަކުގެ ޖުމްލަ 225 ދާއިރާއަކަށް މެމްބަރުން އިންތިހާބު ކުރަންޖެހެ އެވެ.