އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފްގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ނޭޝަނަލް ޓެންޑަ ބޯޑުގެ ކުރީގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު ވާދަކުރަން ނިންމަވައި މިރޭ އިއުލާންކޮށްފި އެވެ.

އެކަން އިއުލާންކުރީ ޕީއެންއެފުން މިރޭ އާޓިފިޝަލް ބީޗުގައި "ރިސެޓް" ގެ ނަމުގައި ބޭއްވި ޖަލްސާގަ އެވެ.

އޮޑިޓް އަދި އެކައުންޓިން ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ކުރީގެ މަޝްހޫރު ފުޓުބޯޅަ ކީޕަރު ޒަރިޔަންދު ވިދާޅުވީ، އޭނާ އަށް ހިތްވަރު ދެއްވީ ޔާމީން ކަމަށާއި އޭނާގެ ނަޒަރުގައި އެއީ ތަރައްގީގެ ތަސައްވުރެއް ގެންގުޅުއްވާ ލީޑަރެއް ކަމަށެވެ.

މިހާތަނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ސިޔާސީ މަސައްކަތްތަކުގައި އުޅުއްވި ޒަރިޔަންދު ޔާމީންގެ ފަހަތްޕުޅަށް އަރާވަޑައިގެން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަން ނިންމެވިއިރު ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން އެ ގޮނޑި އަށް ވާދަކުރައްވަން ހުށަހެޅުއްވީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީގެ މާލޭގެ މޭޔަރުގެ ޓިކެޓު ހޯއްދަވަން އެ ޕާޓީގެ ވާދަވެރި ޕްރައިމަރީ އަށް ނުކުންނަވަނީ މިހާރު ވެސް މޭޔަރު އާދަމް އާޒިމާއި މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމެވެ.