ރާއްޖޭގައި މިއަދު ނަގަނީ ސިޔާސީ ކުރިމަގު ބައްޓަންކުރާނެ ވޯޓެއް ކަމަށާއި އެހެންވެ، އެއީ މަޖުބޫރު ވޯޓަކަށް ހެދުމަށ، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު އެދިވަޑައިގެންފި އެވެ.

ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމިޓީ އަދި ފެންނަ ނުފެންނަ ވޯޓުގައި ވޯޓުލެއްވުމަށް ފަހު، "ޗެނަލް 13" އަށް ޔާމީން ދެއްވި އިންޓަވިއުއެއްގައި ވަނީ އިހުތިޔާރީ ކަމަކަށް ނުހަދައި، ހުރިހާ އެންމެން ވެސް އެ ވޯޓުގައި ބައިވެރިވުމަށް އެދިވަޑައިގެންފަ އެވެ.

އެ މަނިކުފާނު ވިދާޅުވީ މިއަދު ނަގަނީ ވަރަށް މުހިއްމު ވޯޓެއް ކަމަށެވެ. އެހެންވެ، އެއީ މަޖުބޫރު ވޯޓަކަށް ހަދައި ޖިސްމާނީ ކެރިކުޅަދާނަކަން ހުރި މިންވަރަކުން އެ ވޯޓުގައި ބައިވެރިވެވަޑައިގަތުމަށް ޔާމީން އިލްތިމާސް ކުރެއްވި އެވެ. 

އެއާއެކު، ޔާމީން ވަނީ މި ވޯޓުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރި ގޮތަށް ފާޑުވިދާޅުވެފަ އެވެ.

އެ މަނިކުފާނު ވިދާޅުވީ މިއީ ދައުލަތުންނާއި ޕާޓީތައް އަދި އީސީން މަސައްކަތް ކޮށްގެން ވޯޓުލާން މީހުން ނެރެންޖެހޭ ދުވަހެކެވެ. ނަމަވެސް، ރިފަރެންޑަމް ވޯޓުގައި އަދި ދެން ހުރި ކަންކަމުގައި ވެސް އާއްމުންނަށް އެދެވޭ ގޮތުގައި އެކަން ކިޔައިދޭން މަސައްކަތްކޮށްފައި ނުވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވޯޓުލައްވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ
ޔާމީން ވޯޓުލައްވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ

"ވަރަށް ޣައިރު ޒިންމާދާރުކަމާއެކު މިކަން ކޮށްފައި އޮތީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ވޯޓު ކަރުދާސް ޑިޒައިންކޮށްފައިވަނީ އާއްމުންނަށް އުނދަގޫ ގޮތަކަށެވެ. ފެންނަ ނުފެންނަ ސުވާލުގައި ފަސޭހައިން ފާހަގަޖެހެން ޖެހޭނެ ކަމަށާއި އަދި މިއަށް ވުރެ ފަސޭހައިން މިކަން ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ. 

އީސީން ކަނޑައެޅި އަދަދަށް ރާއްޖެ އިން ބޭރުގައި ތިބި ދިވެހިން ވޯޓަށް ރަޖިސްޓަރީ ކޮށްފައި ނުވާތީ ރާއްޖެ އިން ބޭރުގައި ވޯޓު ފޮށި ނުބަހައްޓަން އީސީން ނިންމައިފަ އެވެ. 

އެކަމާ ގުޅިގެން ޔާމީން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އެ މަނިކުފާނު ވިދާޅުވީ ބޭރުގައި ތިބި މީހުންނަށް ވޯޓުލެވޭނެ ގޮތް ހަދައިދިނުމަކީ އީސީން ކުރަންޖެހޭ ކަމެކެވެ. ނަމަވެސް، ޣައިރު ޒިންމާދާރުކަމާ އެކު ކުރި މަަސައްކަތުން ގިނަ ބަޔަކަށް ވޯޓު ލުމުގެ ހައްގު ގެއްލިފައިވާކަން ޔާމީން ފާހަގަކުރެއްވި އެވެ. 

"ވަކިވަކި މީހުންގެ އިންޓްރެސްޓަށް ވުރެ މުހިއްމު ވާނީ އެކަން ކުރާ ދައުލަތުގެ އިންޓްރެސްޓް،" ޔާމީން ވިދާޅުވި އެވެ.