މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވި އިސްމާއިލް ޒަރިޔަންދު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފަށް ސޮއިކުރައްވައިފި އެވެ.

އެ އޮފީހުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި، އޮޑިޓިން އަދި އެކައުންޓިން ދާއިރާގެ ތަޖުރިބާކާރު، ޕީއެންއެފަށް ސޮއިކުރެއްވި ފޯމު ހަވާލުކޮށްދެއްވީ، އެ ޕާޓީގެ ރައީސް ޔާމީނާ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޒަރިޔަންދު އިއުލާންކުރެއްވީ ޕީއެންއެފްގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ގޮތަށެވެ. ނަމަވެސް، ޔާމީންގެ ތާއީދާއެކު ފަހުން ނިންމެވީ އަމިއްލަ ގޮތުން ކުރިމަތިލާށެވެ.

އެ އިންތިހާބުގައި ޒަރިޔަންދަށް ލިބިވަޑައިގަތީ 6،302 ވޯޓެވެ. އޭނައާ އެންމެ ގާތުން ދެން ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު މޫސާ އަލީ ޖަލީލަށް 9،380 ވޯޓު ލިބިވަޑައިގެންނެވި އެވެ.

ކުރިއަށް އޮތް ފަސް އަހަރަށް މާލޭގެ މޭޔަރުކަމަށް ހޮވިވަޑައިގެންނެވީ އެމްޑީޕީގެ އާދަމް އާޒިމެވެ. އެއީ 13،906 ވޯޓާއެކުގަ އެވެ. 

ކުރީގެ މަޝްހޫރު ފުޓުބޯޅަ ކީޕަރު ޒަރިޔަންދު އޭރު ވިދާޅުވީ މޭޔަރުކަމަށް ކުރިމަތިލުމަށް އޭނާ އަށް ހިތްވަރު ދެއްވީ ޔާމީން ކަމަށާއި އޭނާގެ ނަޒަރުގައި އެއީ ތަރައްގީގެ ތަސައްވުރެއް ގެންގުޅުއްވާ ލީޑަރެއް ކަމަށެވެ.

ޒަރިޔަންދު މިހާތަނަށް ސިޔާސީ މަސައްކަތްތައް ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކުގަ އެވެ.