ށ. ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް އެއާޕޯޓް އެޅުމުގެ މަޝްރޫއު ހިންގޭނީ ޕީޕީއެމްގެ ސަރުކާރެއްގައި ކަމަށާއި ފުރުސަތު ދީފި ނަމަ އެކަން ކުރައްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ކެމްޕެއިން ކުރެއްވުމަށް މިއަދު ހަވީރު އެ ރަށަށް ވަޑައިގެން ރައްޔިތުންނާ ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ރައްޔިތުންނަށް ކަންކަން ކޮށްދޭން ނިންމާނީ އިންތިހާބު ކުރިމަތިވުމުން ނޫން ކަމަށާއި ރައްޔިތުންނަށް ދަތި އިހުސާސް ކުރެވޭ ހިސާބުން އެ މަސައްކަތް ކޮށްދޭންޖެހޭނެ ކަމަށެވެ.

އެއާޕޯޓަކީ ކޮމަންޑޫ ދާއިރާގެ ރައްޔިތުން އެންމެ ބޭނުންވާ އެއް ކަންތައް ކަމަށާއި ޕީޕީއެމް ސަރުކާރެއްގައި، ކޮމަންޑޫ ކައިރީ އޮތް ދިގުވެލިދޫ އަކީ އެ ދާއިރާއާ މުޅި ރާއްޖެ ގުޅުވައިދޭ ބަނދަރެއް އޮންނާނެ ރަށަކަށް ހައްދަވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"ކުޑަވެލިދޫގައި އެއާޕޯޓެއް އޮންނާނެ. އެކަން ތިޔަ ބޭފުޅުން ގަބޫލު ކުރައްވާ. އަދި އެ މަގަށް ކަންކަން ގެންދިޔުމަށް މަސައްކަތް ކޮށްދެއްވާ،" ޔާމީން ވިދާޅުވި އެވެ.

އެއާޕޯޓެއް އަޅައިދިން ނަމަވެސް އެތަނުގައި ފްލައިޓު އޮޕަރޭޓުކުރާ މޯލްޑިވިއަން އެއާލައިންސް އޮތީ "ހޯރަފުށީ އެއާޕޯޓް އޮތް ގޮތަށް ކަނޑު އަޑީގައި" ކަމަށް ޔާމީން ވިދާޅުވި އެވެ. އެ ކުންފުނި 630 މިލއަން ރުފިޔާ އިން ދަރާފައިވާ ކަމަށާއި ބޯޓުތައް ބޭނުން ނުކުރެވި ކުންފުނި ވިއްކާލުމަށް ވެސް މި ސަރުކާރުން ވިސްނާ ކަމަށް ޔާމީން ވިދާޅުވި އެވެ.

ސަރުކާރުން 13 ކުންފުންޏެއް ވިއްކާލަން ބަޖެޓު ކޮށްފައިވާއިރު އެންމެ ފުރަތަމަ ވިއްކާލާނީ އައިލެންޑް އޭވިއޭޝަން ކަމަށާއި އެކަމަށް ފުރަތަމަ ވެސް ޝައުގުވެރިކަން ފާޅުކުރާނީ އިންޑިޔާ އިން ކަމަށް ޔާމީން ވިދާޅުވި އެވެ. މޯލްޑިވިއަން އެހާ ބޮޑަށް ބަނގުރޫޓުކޮށްލީ އިންޑިޔާ އަށް ވިއްކާލުމަށް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"މަތިންދާބޯޓު ދޭ ކުންފުނި އަލުން ކޮޅަށް ޖަހަން ޖެހޭ ކަމަށް ވަންޏާ އަޅުގަނޑު ސިޔާސީ ފުރަތަމަ މަސައްކަތް ފެށުނު ހިސާބަށް ދާާން ޖެހެނީ. އެއާ މޯލްޑިވްސްއަކީ އެއްގޮތަކަށް ވެސް އުދުހުމުގެ ހަކަތަ ނެތް ކުންފުންޏަކަށް ވެގެން އެތައް ޒަމާނެއް ދިޔަ ޕްލޭނެއް ނެތި. އެ ހިސާބުން އަޅުގަނޑުގެ ޒުވާން ދައުރުގައި ކުންފުނި ކުންފުންޏަކަށް ހެދި. ވަރަށް ވަރުގަދަ ކުންފުންޏަކަށް ވެގެން ދިޔަ،" ޔާމީން ވިދާޅުވި އެވެ.

އެހެންވެ، އެއާޕޯޓެއް އޮވެ އެތަނުގައި ފްލައިޓު ވެސް އޮޕަރޭޓްކުރަން ބޭނުން ނަމަ ކުރިޔަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު ޕީޕީއެމްގެ ރިޔާސަތެއް ގެންނަން ޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އެކަން ހާސިލްކުރުމަށް އަޅަންޖެހޭ ފުރަތަމަ ފިޔަވަޅަކީ ކޮމަންޑޫ ދާއިރާ އަށް ޕީޕީއެމްގެ ކެްޑިޑޭޓު މޫސާ ފަތުހީ އާދަމް އިންތިހާބު ކުރުން ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެއާޕޯޓު ހަދައިދޭނަން. މަތިންދާބޯޓު ހޯދުމުގެ މަސައްކަތް އޮތީ ތިޔަ ބޭފުޅުންގެ އަތުގައި. އެކަމަށް ތިބޭފުޅުގައި ކުރެވޭނެ މަސައްކަތަކީ އަޅުގަނޑުމެން މި ގެންނަން ބޭނުންވާ ބަދަލަށް ތަރުހީބު ދެއްވާ،" ޔާމީން ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ މަހު ފަހެއްގަ އެވެ. އިންތިހާބާ ދިމާކޮށް ސަރުކާރުން ކޮމަންޑޫ ދާއިރާގައި ބޮޑެތި މަޝްރޫއުތައް ހިންގާތީ އެއީ އިންތިހާބަށް ނުފޫޒު ފޯރުވުން ކަމަށް ބުނެ އިދިކޮޅުން ދަނީ ފާޑުކިޔަމުންނެވެ.