އިރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނީ އަށް ނިސްބަތްވާ ޓުވިޓާ އެކައުންޓަކުން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ހަމަލާއެއް ދޭން މަސައްކަތްކުރާ މަންޒަރު ދައްކުވައިދޭ އެނިމޭޓެޑް ވީޑިއޯއަކާ ހެދި އެ އެކައުންޓް ޓުވިޓާ އިން ދާއިމަށް ބުލޮކް ކޮށްފި އެވެ.
"ރިވެންޖް އިޒް ޑިފިނިޓް" ގެ ނަމުގައި ހަދާފައިވާ ވީޑިއޯގައި ފެންނަނީ ޓްރަމްޕް ފްލޮރިޑާގެ ގޮލްފް ކޯހުގައި ކުޅުއްވަން އުޅުއްވަނިކޮށް ރޮބޮޓް ޑްރޯނަކުން ޓްރަމްޕަށް "ސިއްރިޔާތުގައި" ހަމަލާއެއް އަމާޒުކުރާ ތަނެވެ.
މީޑިއާތަކުން ބުނި ގޮތުގައި މި ވީޑިއޯ އަކީ ޓްރަމްޕްގެ ވެރިކަމުގައި ޖެނުއަރީ 3، 2020 ގައި އިރާގުގެ ވެރިރަށް ބަގްދާދުގެ އެއާޕޯޓެއްގައި ޑްރޯން ހަމަލާއަކުން އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީ އަށް ހަމަލާދީ، އަވަހާރަކޮށްލި ހާދިސާއާ ގުޅިގެން ބަދަލުގެ ހިފުމުގެ ރޫހުގައި ހަދާފައިވާ އެއްޗެކެވެ.
އަދި ޓްރަމްޕަށް ހަމަލާދޭން މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯ އަކީ ހާމަނާއީގެ ރަސްމީ ވެބްސައިޓުން "އޮން ދަ ޓޮޕިކް އޮފް ރިވެންޖް އޮން ޓްރަމްޕް، ޕޮމްޕިއޯ އެންޑް ދަ މާޑަރާސް އޮފް ޖެނެރަލް ސުލައިމާނީ" ގެ ނަމުގައި ކުރިއަށް ގެންދިޔަ މުބާރާތެއްގައި ހަދައި، ވަނައެއް ވެސް ލިބުނު އެއްޗެކެވެ.
މި ވީޑިއޯ KhameneiSite@ ގެ ނަމުގައި ހަދާފައިވާ ޓްވިޓާ އެކައުންޓްގައި ޕޯސްޓްކުރުމުން ފާޑުކިޔުންތައް އަމާޒުވެ، ޓުވިޓާ އަށް ވެސް ޕްރެޝަރުތައް ކުރިމަތިވާން ފެށުމުން އެކައުންޓް ދާއިމަށް ބުލޮކް ކުރީ އެވެ. އެކަމަކު އެ ވީޑިއޯ ހާމަނާއީގެ ރަސްމީ ވެބްސައިޓްގައި އަދިވެސް އެބަ އިނެވެ. އަދި އެ ހިމެނެނީ ވެސް އެންމެ ގިނަ މިހުން ބެލި ކެޓަރީގަ އެވެ.
އިރާނާއި އެމެރިކާ އަކީ ޒަމާނުއްސުރެ ވަރަށް ބޮޑު ހަތިޔާރުވެރިކަމެއް އޮންނަ ދެ ގައުމެވެ.