މެލްބަން (ޖެނުއަރީ 17) - ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ސާބިއާގެ ނޯވަކް ޖޮކޮވިޗްގެ ވިސާ، އޮސްޓްރޭލިއާގެ އިމިގްރޭޝަނުން ދެވަނަ ފަހަރަށް ކެންސަލް ކޮށްލީ ރަނގަޅަށް ކަމަށް އެ ގައުމުގެ ކޯޓުން ނިންމައި، ޖޮކޮވިޗް އޮސްޓްރޭލިއާ އިން ޑިޕޯޓް ކޮށްލައިފި އެވެ.

ޖޮކޮވިޗުގެ ވިސާ ކެންސަލްކުރުމާ އެކު މިއަދު ފަށާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގައި އޭނާ އަށް ވާދަނުކުރެވޭނެ އެވެ. އޭނާ ކުޅެން އޮތް މެޗުގައި، ބަދަލުގައި ވާދަކުރުމުގެ ފުރުސަތު ލިބުނީ ދުނިޔޭގެ ރޭންކިން 150 ވަނައިގައި އޮތް އިޓަލީގެ ސަލްވަޓޯ ކަރޫސޯ އެވެ.

މި މަހުގެ 4 ވަނަ ދުވަހު ޖޮކޮވިޗް، 34، މުބާރާތުގައި ވާދަކުރަން އޮސްޓްރޭލިއާ ދިޔައީ ކޮވިޑް ވެކްސިން ނުޖަހައި، މިދިޔަ ޑިސެމްބަރު 16 ވަނަ ދުވަހު އޭނާއަށް ކޮވިޑް ޖެހިފައި ވާތީވެ މެޑިކަލް އެގްޒެމްޕްޝަންގެ ތެރެއިން ވިސާ ހޯދައިގެންނެވެ. ނަމަވެސް އެ ގައުމުގެ ބޯޑާފޯސް އިން އޭނާގެ ވިސާ ކެންސަލް ކުރުމުން އޭނާ ކޯޓަށް ހުށަހެޅި މައްސަލަ ވަނީ ކާމިޔާބު ކޮށްފަ އެވެ. އެފަހަރު އޭނާއަށް ކާމިޔާބު ލިބުނީ އޭނާގެ ވިސާ ކެންސަލް ކުރީ އިމިގްރޭޝަނުން އޭނާއަށް އެކަށީގެންވާ ވަގުތު ނުދީ ކަމަށް ކޯޓުން ނިންމުމުންނެވެ.

ދެވަނަ ފަހަރަށް ވެސް ޖޮކޮވިޗްގެ ވިސާ އެޕްލިކޭޝަން ކެންސަލް ކުރަން އިމިގްރޭޝަނުން ނިންމީ އޭނާ އެގައުމަށް އެތެރެވާން ހުށަހެޅި ފުރަތަމަ ލިޔެކިޔުންތަކުގައި ސައްހަ ނޫން މައުލޫމާތު ހިމަނާފައިވާތީ އެވެ. އޭނާ އޮސްޓްރޭލިއާއަށް ދިޔައީ މިމަހުގެ ހަތަރުވަނަ ދުވަހު އެވެ. ވިސާ އެޕްލިކޭޝަންގައި އޮސްޓްރޭލިއާ އަށް ދިޔުމުގެ 14 ދުވަސް ކުރިޔަށް އެއްވެސް ގައުމަކަށް ދަތުރު ކުރަން ހަމަޖެހިފައި ވޭތޯ އޮތް ސުވާލުގައި ވަނީ ދަތުރުކުރަން ނުޖެހޭ ކަމަށް ބުނެފަ އެވެ.

ނަމަވެސް ސާބިއާގެ މޮންޓެ ކާލޯގައި ދިރިއުޅޭ ކުޅުންތެރިޔާ ވަނީ އެގައުމުގެ ވެރިރަށް ބެލްގްރޭޑަށް ދިޔުމުގެ އިތުރުން ސްޕެއިން އަށް ވެސް ދަތުރު ކޮށްފަ އެވެ. އަދި އޭނާ ވަނީ އެ ދަތުރުތަކުގެ ބައެއް ފޮޓޯ އޭނާގެ ސޯޝަލްމީޑިއާގައި ވެސް ހިއްސާ ކޮށްފަ އެވެ.

ޑީޕޯޓް ކޮށްލުމުން ޖޮކޮވިޗް ފުރަން ގޮސް އޮސްޓްރޭލިއާގެ މެލްބަން އެއާޕޯޓުގައި.-- ފޮޓޯ: އޭއެފްޕީ
ޑީޕޯޓް ކޮށްލުމުން ޖޮކޮވިޗް ފުރަން ގޮސް އޮސްޓްރޭލިއާގެ މެލްބަން އެއާޕޯޓުގައި.-- ފޮޓޯ: އޭއެފްޕީ

ކޯޓުގެ ފުރަތަމަ މައްސަލަ ކާމިޔާބު ކުރުމަށް ފަހު އޭނާ ވަނީ އެކަން އެގޮތަށް ހިނގީ އޭނާގެ މެނޭޖްމަންޓް ޓީމަށް އެރި އޮޅުމަކުން ކަމަށް ބުނެފަ އެވެ. އަދި އެ ދަތުރުތަކަކީ ވިސާ އަށް އެޕްލިކޭޝަން ހުށަހެޅި ފަހުން ކޮށްފައިވާ ދަތުރުތަކެއް ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

މިދިޔަ އަހަރު ވެކްސިން ޖެހުމާ ދެކޮޅަށް ވާހަކަ ދެއްކި ޖޮކޮވިޗް އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރާކަން އިއުލާން ކުރުމާ އެކު އެގައުމުގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވަނީ ވެކްސިން ނުޖަހާ އެކަކަށް ވެސް އެގައުމަށް އެތެރެ ނުވެވޭނެ ކަމަށް ވިދާޅުވެފަ އެވެ. ޖޮކޮވިޗް ވަނީ އިމިގްރޭޝަންގެ ތަހުގީގީ މަރުހަލާގައި ކުރެވުނު ސުވާލުތަކުގައި އޭނާ ކޮވިޑް ވެކްސިން ނުޖަހާ ކަމަށް އެއްބަސްވެފަ އެވެ.

ޖޮކޮވިޗް އޮސްޓްރޭލިއާއިން ޑިޕޯޓް ކޮށްލުމާ އެކު ތިން އަހަރު ވަންދެން އޭނާއަށް އެގައުމަށް ނޭރޭނެ އެވެ.

އޮސްޓްރޭލިއާގެ ސަރުކާރުން ވަނީ އެގައުމަށް އެތެރެވާ އެންމެން ވެސް ކޮވިޑުން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތަކަށް ބޯލަނބަން ތަކުރާރުކޮށް ގޮވާލައިފަ އެވެ. އަދި ވަކި މީހަކަށް ނުވަތަ ވަކި ކުޅުންތެރިޔަކަށް ހާއްސަ ގޮތެއް ނުގެންގުޅޭނެ ކަމަށް ވެސް އޮސްޓްރޭލިއިން ވަނީ ހާމަ ކޮށްފަ އެވެ.

ޖޮކޮވިޗް މިދިޔަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން މުބާރާތުގެ ތަށްޓާ އެކު.-- ފޮޓޯ: އޭއެފްޕީ
ޖޮކޮވިޗް މިދިޔަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން މުބާރާތުގެ ތަށްޓާ އެކު.-- ފޮޓޯ: އޭއެފްޕީ

އޮސްޓްރޭލިއަން އޯޕަން މުބާރާތް އެންމެ ގިނައިން ކާމިޔާބުކުރުމުގެ ރެކޯޑް ވެސް އޮންނަނީ ޖޮކޮވިޗް އަތުގަ އެވެ. ޖުމްލަ ނުވަ ފަހަރު އޭނާ ވަނީ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އަދި އެންމެ ފަހު ތިން އަހަރުގެ ޗެމްޕިއަނަކީ ވެސް އޭނާ އެވެ.

މިއަހަރުގެ މުބާރާތުގައި ޖޮކޮވިޗަށް ނުކުޅެވޭއިރު ގްރޭންޑްސްލޭމް މުބާރާތުގެ ރެކޯޑް ހަދަން އޭނާ ކުރަންޖެހޭ އިންތިޒާރު މިވަނީ ދިގުވެފަ އެވެ. ޖޮކޮވިޗްގެ އިތުރުން އެންމެ ގިނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފައި ވަނީ ރޮޖާ ފެޑެރާ އާއި ރަފައެލް ނަޑާލް އެވެ. މި ތިން ކުޅުންތެރިން ވެސް ވަނީ 20 ގްރޭންޑްސްލޭމް މުބާރާތް ކާމިޔާބު ކޮށްފަ އެވެ.