އަޑެލައިޑް (ޖެނުއަރީ 3) - ޓެނިސް ކުޅުންތެރިޔާ ނޯވަކް ޖޮކޮވިޗް އޮސްޓްރޭލިއާ އަށް ނޭރޭ ގޮތަށް ޑީޕޯޓް ކޮށްލަން އެ ގައުމުން ނިންމި ނިންމުން ބަދަލުކޮށް އަލުން ވިސާ ދިނުމުން، އޮސްޓްރޭލިއާ ގައި އޭނާ މި އަހަރުގެ ޓެނިސް ސީޒަން ފަށައިފި އެވެ.

ސާބިއާގެ ޖޮކޮވިޗް ކޮވިޑް ވެކްސިން ނުޖަހައިގެން ކުރިމަތިވި މައްސަލަތަކަކާ ގުޅިގެން މިދިޔަ އަހަރު އޮސްޓްރޭލިއާ އިން ޑީޕޯޓް ކޮށްލައި، އޮސްޓްރޭލިއަން އޯޕަން ގައި ވާދަކުރުމުގެ ފުރުސަތު ގެއްލުނެވެ. އޭނާ ޑީޕޯޓް ކޮށްލީ 2025 ވަނަ އަހަރުގެ ނިޔަލަށް އޮސްޓްރޭލިއާ އަށް ނޭރޭ ގޮތަށެވެ. ނަމަވެސް އަހަރެއް ނުވަނީސް، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އޮސްޓްރޭލިއާގެ ސަރުކާރުން ވަނީ އެ ނިންމުން ބަދަލުކޮށް އޭނާ އަށް އަލުން ވިސާ ދޭން ނިންމައިފަ އެވެ.

އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން އޮސްޓްރޭލިއަން އޯޕަން ގައި ވާދަކުރުމުގެ ކުރިން އޭނާގެ ސީޒަން ފެށީ އޮސްޓްރޭލިއާ ގައި ބާއްވާ އޭޓީޕީ 250 ސީރީޒްގެ އަޑެލައިޑް އިންޓަނޭޝަނަލް 1 މުބާރާތުގަ އެވެ.

އަޑެލައިޑް މުބާރާތުގެ ޑަބަލްސް މެޗުގައި، ޖޮކޮވިޗް (ވ) އޭނާގެ ޕާޓްނަރު ޕޮސްޕިސިލް (ކ) އާއެކު.-- ފޮޓޯ: އޭއެފްޕީ
އަޑެލައިޑް މުބާރާތުގެ ޑަބަލްސް މެޗުގައި، ޖޮކޮވިޗް (ވ) އޭނާގެ ޕާޓްނަރު ޕޮސްޕިސިލް (ކ) އާއެކު.-- ފޮޓޯ: އޭއެފްޕީ

އަޑެލައިޑް މުބާރާތުގައި ޖޮކޮވިޗް ފެށީ ފިރިހެން ޑަބަލްސް ކެޓެގަރީގެ މެޗުންނެވެ. ކެނެޑާގެ ވާސެކް ޕޮސްޕިސިލް އާއެކު ކުޅުނު ފުރަތަމަ ބުރުގެ މެޗުން ޖޮކޮވިޗްގެ ޕެއާ ފުރަތަމަ ސެޓް ކާމިޔާބު ކުރި ނަމަވެސް މެޗު ކާމިޔާބެއް ނުކުރެވުނެވެ. މެޗު ނިމުނީ 6-4، 3-4 (5-10) އިންނެވެ.

އެހެން ނަމަވެސް މުބާރާތުގެ ސިންގަލްސް ބައިގައި އޭނާ އަކީ އެއްވަނައަށް ސީޑް ކޮށްފައިވާ ކުޅުންތެރިޔާ އެވެ. މިއަދު ކުޅުނު ފުރަތަމަ ބުރުގެ މެޗުގައި އޭނާ ވަނީ ފްރާންސްގެ ކޮންސްޓަންޓް ލެސްޓިއޭނީ އާ ވާދަކޮށް ސީދާ ދެ ސެޓުން، 6-3 އަދި 6-2 އިން ކާމިޔާބު ކޮށް، ދެ ވަނަ ބުރަށް ދަތުރު ކޮށްފަ އެވެ.

މި މޮޅާ އެކު ޖޮކޮވިޗް ވަނީ އޮސްޓްރޭލިއާ ގައި ޖެހިޖެހިގެން ސިންގަލްސް 30 މެޗުން މޮޅު ވެފަ އެވެ. މިދިޔަ އަހަރު ޑީޕޯޓް ކޮށްލުމުގެ ކުރިން، އޭނާ ވަނީ ޖެހިޖެހިގެން 2019، 2020 އަދި 2021 ވަނަ އަހަރު ވެސް އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކޮށްފަ އެވެ.

ފްރާންސްގެ ލެސްޓިއޭނީ އާ ދެކޮޅަށް ސިންގަލްސް މެޗުގައި ޖޮކޮވިޗް ކުޅެނީ.-- ފޮޓޯ: އޭއެފްޕީ
ފްރާންސްގެ ލެސްޓިއޭނީ އާ ދެކޮޅަށް ސިންގަލްސް މެޗުގައި ޖޮކޮވިޗް ކުޅެނީ.-- ފޮޓޯ: އޭއެފްޕީ

ޖޮކޮވިޗަކީ އޮސްޓްރޭލިއަން އޯޕަންގެ ސިންގަލްސް ގައި އެންމެ ކާމިޔާބު ފިރިހެން އެތުލީޓެވެ. އޭނާ ވަނީ މިހާތަނަށް ރެކޯޑް ނުވަ ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ. މި އަހަރުގެ އޮސްޓްރޭލިއަން އޯޕަން ފަށަން ހަމަޖެހިފައި ވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.

އުމުރުން 35 އަހަރުގެ ޖޮކޮވިޗަށް މިދިޔަ އަހަރު އޮސްޓްރޭލިއަން އޯޕަންގެ އިތުރުން ޔޫއެސް އޯޕަން ވެސް ގެއްލުނެވެ. ފްރެންޗް އޯޕަންގެ ކުއާޓާއާ ހަމައިން ކެޓި ނަމަވެސް އޭނާ ވަނީ ވިމްބެލްޑަން ކާމިޔާބު ކޮށްފަ އެވެ. އަދި ވިމްބެލްޑަން އާއެކު ޖޮކޮވިޗް ވަނީ 21 ވަނަ ގްރޭންޑް ސްލޭމް ތަށި އުފުލާލައިފަ އެވެ.

މިހާތަނަށް އެންމެ ގިނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފައި ވަނީ، މިދިޔަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން އާއި ފްރެންޗް އޯޕަން އާއެކު 22 ތަށި ހަމަކުރި ސްޕެއިންގެ ރަފައެލް ނަޑާލް، 36، އެވެ.