މެލްބަން (ޖެނުއަރީ 6) - ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ އަދި އެންމެ ގިނަ ފަހަރު އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކޮށްފައިވާ ސާބިއާގެ ނޯވަކް ޖޮކޮވިޗް އޮސްޓްރޭލިއާ އަށް އެތެރެ ނުވެވި ގައުމަށް ދާން ޖެހިއްޖެ އެވެ.
ވެކްސިން ނުޖަހައި މެޑިކަލް ލުޔަކާ އެކު މުބާރާތުގައި ބައިވެރިވާކަން ޖޮކޮވިޗް ވަނީ ހާމަކޮށްފަ އެވެ. ނަމަވެސް ވެކްސިން ނުޖަހައި ގައުމަށް އެތެރެ ނުވެވޭނެކަމަށް، އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވަނީ ވިދާޅުވެފަ އެވެ.
ބޮޑުވަޒީރު މިހެން ވިދާޅުވެފައިވީ ނަމަވެސް ޖޮކޮވިޗް ވަނީ މުބާރާތުގައި ބައިވެރިވާން އޮސްޓްރޭލިއާ އަށް ގޮސްފަ އެވެ. ކޮވިޑް-19 ގެ ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާ ކަމަށް ބުނެ، އޮސްޓްރޭލިއާގެ ބޯޑާ ފޯސް އިން ޖޮކޮވިޗަށް ވިސާ ދޭން ދެކޮޅު ހަދައި، އޭނާ ގައުމަށް ފޮނުވާލީ މެލްބަން އެއާޕޯޓުގައި ގިނަ އިރުތަކެއް ވަންދެން ބެހެއްޓުމަށް ފަހު އެވެ.
އޮސްޓްރޭލިއާގެ ބޯޑާ ފޯސް އިން ނެރުނު ބަޔާނެއްގައި ވަނީ، އެންޓްރީ ވިސާ އަށް ބޭނުންވާ ލިޔެކިޔުން ހަމަނުވުމުގެ ސަބަބުން ޖޮކޮވިޗްގެ ވިސާ ކެންސަލްކޮށްފައިވާ ކަމަށެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އޮސްޓްރޭލިއާގެ ހެލްތު މިނިސްޓަރު ގްރެގް ހަންޓް ވިދާޅުވީ، ނުވަ ފަހަރު އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކޮށްފައިވާ ނޯވަކް ޖޮކޮވިޗްގެ ވިސާ ކެންސަލްކޮށްފައިވާ ކަމަށެވެ. އަދި ޖޮކޮވިޗް ބޭނުންވާ ނަމަ މައްސަލަ އެޕީލް ކުރެވިދާނެ ކަމަށާއި، ނަމަވެސް ވިސާ ކެންސަލް ވެއްޖެ ނަމަ ގައުމުން ފައިބަން މަޖުބޫރު ކަމަށެވެ.
އޮސްޓްރޭލިއާގައި ކޮވިޑުގެ ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި، މުބާރާތެއްގައި ވާދަކުރާ އެއްވެސް ކުޅުންތެރިއެއް އަދި އޮފިޝަލެއް ވެސް ވެކްސިން ނުޖަހައި މެޑިކަލް އެކްޒެމްޝަނަކާ އެކު އެ ގައުމަށް އެތެރެ ނުވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ގައުމަށް އެތެރެ ވެވޭނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި ކަމުގެ ސައްހަ ލިޔެކިޔުންތައް ހުށަހަޅައިގެން ކަމަށާއި، ވަކި ކުޅުންތެރިޔަކަށް އެއްވެސް ހާއްސަ އުސޫލެއް ނުގެންގުޅޭނެ ކަމަށް ވިދާޅުވި އެވެ.
އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތަކީ އޭޓީޕީ ޓުއާގައި ކޮންމެ އަހަރަކު ވެސް އެންމެ ފުރަތަމަ ބާއްވާ ގްރޭންޑް ސްލޭމް މުބާރާތެވެ. މި އަހަރުގެ މުބާރާތް ކުރިޔަށް ދާނީ މި މަހުގެ 17 އިން 30 ގެ ނިޔަލަށެވެ.
އެންމެ ފަހުން ބޭއްވި ތިން އޮސްޓްރޭލިއަން އޯޕަން މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދާފައި ވަނީ 34 އަހަރުގެ ޖޮކޮވިޗެވެ.