އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލުގައި އިއްޔެ ޖަރުމަނުގެ އެލެކްސެންޑާ ސްވެރެފްއާ ދެކޮޅަށް ސާބިއާގެ ނޮވަކް ޖޮކޮވިޗް ކުޅުނު މެޗު އަނިޔާގެ ސަބަބުން ދޫކޮށްލުމުން، ސަޕޯޓަރުން އޭނާއާ މެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފި އެވެ.
ކުއާޓާ ފައިނަލުން ސްޕެއިނުގެ ކާލޯސް އަލްކަރާޒް އަތުން މޮޅުވި މެޗުގައި ލިބުނު އަނިޔާގެ ސަބަބުން ޖޮކޮވިޗް އިއްޔެގެ މެޗަށް އެރީ ވެސް ފަލަމަސްގަނޑު ވަރަށް ބޮޑަށް ޓޭޕްކޮށްގެންނެވެ. އެކަމަކު ސްވެރެފް އަތުން ފުރަތަމަ ސެޓުން ބަލިވި ހިސާބުން ޖޮކޮވިޗަށް އިތުރަށް ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.
މެޗު ދޫކޮށްލައި އޭނާ ކޯޓުން ފޭބުމުން މެލްބަންގެ ރޮޑް ލެވާ އެރީނާ އަށް މެޗު ބަލަން ވަދެ ތިބި 15،000 ސަޕޯޓަރުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ހިތްހަމަނުޖެހި ނުރުހުމުގެ ޝުއޫރު ފާޅުކޮށްފަ އެވެ.
ފައިނަލުން ފުރުސަތު ހޯދި ސްވެރެފް ވަނީ މެޗަށް ފަހު ޖޮކޮވިޗުގެ ދިފާއުގައި ވާހަކަދައްކައިފަ އެވެ.
"އަހަންނަށް އެނގޭ ސަޕޯޓަރުން (ބޮޑު އަގުގައި) ޓިކެޓް ގަނެގެން ވަދެ ތިބީ ވާދަވެރި މެޗެއް ބަލަންކަން. (އެކަން އެހެން ނުވި ނަމަވެސް) ޖޮކޮވިޗަށް އިހުތިރާމްކުރަން ޖެހޭ. އޭނާ ވަނީ މިދިޔަ 20 އަހަރު ޓެނިސް ކޯޓުގައި އަހަރެމެން އެންމެންނަށް ހިތްހަމަޖެހުން ގެނެސްދީފައި،"
މި އަހަރުގެ ފައިނަލުގައި ސްވެރެފް ވާދަކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީގެ ޖެނިކް ސިނާއާ ދެކޮޅަށެވެ.
ރޮޖާ ފެޑެރާ އާއި ރަފައެލް ނަޑާލް ރިޓަޔާކުރުމުން، މިވަގުތު ޓެނިހުގައި ހުރި އެންމެ މަޝްހޫރު ކުޅުންތެރިޔާ ޖޮކޮވިޗް މި ފަހަރު އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކުރި ނަމަ އޭނާ އަށް ރެކޯޑް 25 ވަނަ ގްރޭން ސްލޭމް ހާސިލްކުރެވުނީހެވެ.
މުބާރާތް 10 ފަހަރު ކާމިޔާބުކޮށްފައިވާ ޖޮކޮވިޗް އަންނަ އަހަރު މި މުބާރާތުގައި ވާދަކުރާނެ ކަމުގެ ސީދާ ޔަގީންކަމެއް ނުދެ އެވެ. އޭނާ ބުނީ ފިޓު ނަމަ ވާދަނުކުރަންވީ ސަބަބެއް ނެތް ކަމަށެވެ.