މެލްބަން (ޖެނުއަރީ 27) - މިދިޔަ އަހަރު އޮސްޓްރޭލިއާ އިން ޑީޕޯޓް ކޮށްލުމާ ގުޅިގެން އޮސްޓްރޭލިއަން އޯޕަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގައި ވާދަ ނުކުރެވުނު ސާބިއާގެ ނޯވަކް ޖޮކޮވިޗް، މި އަހަރުގެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ޖޮކޮވިޗް ފައިނަލުން ޖާގަ ހޯދީ، އިއްޔެ ކުޅުނު ސެމީ ފައިނަލް ގައި އެމެރިކާގެ ޓޮމީ ޕޯލް އާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. މެޗުގެ ސެޓްތައް ގެންދިޔައީ 7-5، 6-1 އަދި 6-2 އިންނެވެ.

ފައިނަލްގެ ޖާގައާ އެކު ޖޮކޮވިޗަށް ވަނީ މިހާތަނަށް ރެކޯޑް 22 ގްރޭންޑް ސްލޭމް ޓައިޓަލް ކާމިޔާބު ކޮށްފައިވާ ސްޕެއިންގެ ރަފައެލް ނަޑާލް އާ އެއްވަރު ކުރުމުގެ ފުރުސަތު ލިބިފަ އެވެ.

ފައިނަލްގެ ޖާގަ ހޯދުމަށް ފަހު ޖޮކޮވިޗް ސަޕޯޓަރުންނަށް އޮޓޯގްރާފް ދެނީ.-- ފޮޓޯ: އޭއެފްޕީ
ފައިނަލްގެ ޖާގަ ހޯދުމަށް ފަހު ޖޮކޮވިޗް ސަޕޯޓަރުންނަށް އޮޓޯގްރާފް ދެނީ.-- ފޮޓޯ: އޭއެފްޕީ

"އަހަރެންގެ ކެރިއަރުގެ މިހާހިސާބުގައި މި ކާމިޔާބީ ވަރަށް މުހިއްމު. ސަޕޯޓަރުންގެ ފަރާތުން ލިބެމުން އަންނަ ސަޕޯޓް އަބަދުވެސް އަހަރެންނަށް ލިބޭ. އަދި މި ލެވެލް ގައި، ދުނިޔޭގެ އެންމެ ރަނގަޅު ޓެނިސް ކޯޓުގައި ކުޅެން އަދިވެސް އަހަރެންގެ ގައިގައި ވަރު އެބަހުރި. އެކަމަށް ޝުކުރުވެރި ވަން،" މެޗަށް ފަހު ވާހަކަ ދައްކަމުން ޖޮކޮވިޗް ބުންޏެވެ.

އުމުރުން 35 އަހަރުގެ ޖޮކޮވިޗް އަކީ ރެކޯޑް ނުވަ ފަހަރު އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކޮށްފައިވާ ކުޅުންތެރިއެކެވެ. އޭނާ އެންމެ ފުރަތަމަ މި މުބާރާތް ކާމިޔާބު ކުރީ މީގެ 15 އަހަރު ކުރިން، 2008 ވަނަ އަހަރެވެ.

މި މޮޅާ އެކު ޖޮކޮވިޗް ވަނީ އޮސްޓްރޭލިއަން އޯޕަން ގައި 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބަލި ނުވެ 27 މެޗު ހަމަކޮށްފަ އެވެ. މިއީ އޯޕަން އީރާ ގައި މި މުބާރާތުގެ މެޗުތަކުން މޮޅުވުމުގެ އެންމެ ދިގު ރެކޯޑެވެ. މި ރެކޯޑް ކުރިން އޮތީ 2000 އާއި 2004 ވަނަ އަހަރާ ދެމެދު ޖެހިޖެހިގެން 26 މެޗު ކާމިޔާބު ކުރި އެމެރިކާގެ އަންޑްރޭ އަގާސީ އަތުގަ އެވެ.

ސެމީ ފައިނަލް މެޗު ކާމިޔާބު ކުރުމަށް ފަހު ސިޓްސިޕާސް. -- ފޮޓޯ: އޭއެފްޕީ
ސެމީ ފައިނަލް މެޗު ކާމިޔާބު ކުރުމަށް ފަހު ސިޓްސިޕާސް. -- ފޮޓޯ: އޭއެފްޕީ

އާދިއްތަ ދުވަހު ކުޅޭ ފައިނަލް ގައި ޖޮކޮވިޗްއާ ވާދަކުރާނީ ތިން ވަނައަށް ސީޑް ކޮށްފައިވާ ގްރީސްގެ ސްޓެފާނޯސް ސިޓްސިޕާސް އާ އެވެ. ސިޓްސިޕާސް ފައިނަލަށް ދިޔައީ ސެމީ ގައި އިއްޔެ ރަޝިއާގެ ކޭރެން ކަޗަނޯވް ބަލިކޮށްފަ އެވެ.

މިއީ ސިޓްސިޕާސް، 24، އޮސްޓްރޭލިއަން އޯޕަން ގެ ފައިނަލް ގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އޭނާ ގްރޭންޑް ސްލޭމް މުބާރާތެއްގެ ފައިނަލް ކުޅުނީ އެންމެ ފަހަރަކު އެވެ. އެއީ 2021 ވަނަ އަހަރުގެ ފްރެންޗް އޯޕަންގެ ފައިނަލް ގައި ޖޮކޮވިޗާ ދެކޮޅަށެވެ. އެ ފައިނަލުން ޖޮކޮވިޗް މޮޅުވީ، ސިޓްސިޕާސް ފުރަތަމަ ދެ ސެޓް ކާމިޔާބު ކޮށްފައި ވަނިކޯށް ފަހަތުން އަރައި ތިން ސެޓް ހޯދައިގެންނެވެ.

ހަތަރު ވަނައަށް ސީޑް ކުރެވިފައިވާ ޖޮކޮވިޗް ވަނީ ކުއާޓާ ފައިނަލް ގައި ރަޝިއާގެ އެންޑީ ރުބްލޭވް ވެސް ސީދާ ތިން ސެޓުން ބަލި ކޮށްފަ އެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަން ރަފައެލް ނަޑާލް މުބާރާތުން ކެޓީ ދެ ވަނަ ބުރުގައި މެކެންޒީ މެކްޑޮނާލްޑް އަތުން ބަލި ވެގެންނެވެ. އަދި ދެ ވަނައަށް ސީޑް ކުރެވުނު ނޯވޭގެ ކެސްޕާ ރޫޑް ވެސް ކެޓީ ދެވަނަ ބުރުގައި އެމެރިކާގެ ޔެންސެން ބްރޫކްސްބީ އަތުންނެވެ.

ސަބަލެންކާ (ކ) އަދި ރައިބަކީނާ (ވ)، އަންހެން ސިންގަލްސް ފައިނަލް ގައި ވާދަކުރާނީ މި ދެ ކުޅުންތެރިން.-- ފޮޓޯ: އޭއެފްޕީ
ސަބަލެންކާ (ކ) އަދި ރައިބަކީނާ (ވ)، އަންހެން ސިންގަލްސް ފައިނަލް ގައި ވާދަކުރާނީ މި ދެ ކުޅުންތެރިން.-- ފޮޓޯ: އޭއެފްޕީ

މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލް މިއަދު ކުޅޭނެ އެވެ. ފައިނަލް ގައި ވާދަ ކުރާނީ ރަޝިއާގެ އެރީނާ ސަބަލެންކާ އާއި ކަޒަކިސްތާނުގެ އެލީނާ ރައިބަކީނާ އެވެ.

މިއީ އުމުރުން 23 އަހަރުގެ ރައިބަކީނާ ގްރޭންޑް ސްލޭމް މުބާރާތެއްގެ ފައިނަލަށް ދަތުރު ކުރި ދެ ވަނަ ފަހަރެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ވިމްބެލްޑަން މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް މިއީ ފަސް ވަނައަށް ސީޑް ކޮށްފައިވާ 24 އަހަރުގެ ސަބަލެންކާ ގްރޭންޑް ސްލޭމް މުބާރާތެއްގެ ސިންގަލްސް ފައިނަލަކުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.

މި އަހަރުގެ މުބާރާތުގެ ހަތަރު ވަނަ ބުރުގައި ރައިބަކީނާ ވަނީ އަންހެން އެއް ވަނަ ޓެނިސް ކުޅުންތެރިޔާ ޕޮލެންޑްގެ އީގާ ސްވިއާޓެކް ބަލި ކޮށްފަ އެވެ.