މެލްބަން (ޖެނުއަރީ 29) - ފައިނަލުގައި ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސް ބަލިކޮށް ސާބިއާގެ ނޯވަކް ޖޮކޮވިޗް އޮސްޓްރޭލިއަން އޯޕަން ގައި 10 ވަނަ ސިންގަލްސް ޓައިޓަލް އާއެކު 22 ވަނަ ގްރޭންޑް ސްލޭމް ތަށި އުފުލާލައިފި އެވެ.
ވާދަވެރި ކުޅުމަކަށް ފަހު ފައިނަލް މެޗުގެ ސެޓްތައް ޖޮކޮވިޗް ގެންދިޔައީ ސިޓްސިޕާސް އަށް އެންމެ ސެޓެއް ވެސް ނުދީ، 6-3، 7-6 (7-4) އަދި 7-6 (5-7) އިންނެވެ.
މިއާ އެކު އުމުރުން 35 އަހަރުގެ ޖޮކޮވިޗް ވަނީ ސްޕެއިންގެ ރަފައެލް ނަޑާލްގެ ރެކޯޑް 22 ގްރޭންޑް ސްލޭމް ޓައިޓަލްއާ ހަމަކުރުމުގެ އިތުރުން އަލުން ދުނިޔޭގެ ރޭންކިންގެ އެއް ވަނައަށް ޖެހިލައިފަ އެވެ.
"އަހަރެން ބުނެލަން އޮތީ ހާލަތަށް ބަލާފައި މިއީ އަހަރެންގެ ހަޔާތުގައި ކުޅުނު އެންމެ ގޮންޖެހުން ބޮޑު އެއް މުބާރާތްކަން، މިދިޔަ އަހަރު ނުކުޅެ ހުރެފައި މި އަހަރު މި ކުޅުނީ،" އެންމެ ގިނަ ފަހަރު އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކޮށްފައިވާ ޖޮކޮވިޗް ބުންޏެވެ.
"މިއީ ހަގީގަތްކަން ގަބޫލުކުރަން ވެސް ދަތިވޭ. މިއީ ދިގު ދަތުރެއް. އަހަރެންގެ ޓީމާއި އާއިލާ އަށް އެނގޭނެ ފާއިތުވި ހަތަރެއް ނޫނީ ފަސް ހަފްތާ އަހަރެން ތަހަންމަލް ކުރަން ޖެހުނު ކަންކަން. އަހަރެން ބުނެލަން ބޭނުމީ، ހާލަތަށް ބަލާއިރު މިއީ އަހަރެންގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ."
އޮސްޓްރޭލިއަން އޯޕަން ފައިނަލަކީ ސިޓްސިޕާސް ވާދަކުރި ދެ ވަނަ ގްރޭންޑް ސްލޭމް ފައިނަލެވެ. އޭނާ ވާދަކުރި ފުރަތަމަ ފައިނަލް ކަމަށްވާ 2021 ވަނަ އަހަރުގެ ފްރެންޗް އޯޕަން ގައި ވެސް ބަލިވީ ޖޮކޮވިޗް އަތުންނެވެ.
މިއަދުގެ މެޗާ އެކު ޖޮކޮވިޗް ވަނީ އޮސްޓްރޭލިއާގެ މެލްބަން ޕާކް ކޯޓުގައި އޭނާ މޮޅުވަމުން އަންނަ ރެކޯޑް 28 މެޗަށް ދިގު ކޮށްލައިފަ އެވެ. އޭނާ އަންނަނީ 2018 ވަނަ އަހަރުން ފެށިގެން އޮސްޓްރޭލިއަން އޯޕަން ގައި ވާދަކުރި ހުރިހާ މެޗަކުން މޮޅުވަމުންނެވެ.
މިދިޔަ އަހަރުގެ މުބާރާތުން ޖޮކޮވިޗް ނުފެނުނީ އޭނާ ކޮވިޑް-19 އިން ރައްކާތެރިވާން ވެކްސިންގެ ޑޯޒް ފުރިހަމަ ކޮށްފައި ނުވާތީ އެވެ. ވެކްސިން ނުޖަހައި މުބާރާތުގައި ވާދަކުރެވޭ ގޮތަށް އޮތް ނަމަވެސް އޭނާ ވަނީ މިދިޔަ އަހަރު މުބާރާތުގައި ވާދަކުރަން އޮސްޓްރޭލިއާ އަށް ދަތުރުކޮށްފަ އެވެ.
ވެކްސިން ނުޖަހާތީ ކުރިމަތިވި މައްސަލަތަކާ ގުޅިގެން 2025 ވަނަ އަހަރުގެ ނިޔަލަށް އެ ގައުމުން އޭނާ ޑީޕޯޓް ކޮށްލި ނަމަވެސް މިދިޔަ އަހަރު އެ ގައުމުގެ ސަރުކާރުން ވަނީ ނިންމުން ބަދަލުކޮށް އަލުން ވިސާ ދޭން ނިންމައިފަ އެވެ.
މުބާރާތުގެ އަންހެން ސިންގަލްސް ކާމިޔާބު ކުރީ ބެލަރޫސްގެ އަރީނާ ސަބަލެންކާ އެވެ. އޭނާގެ ފުރަތަމަ ގްރޭންޑް ސްލޭމް ފައިނަލް ކާމިޔާބު ކުރީ ކަޒަކިސްތާނުގެ އެލީނާ ރިބަކީނާ ބަލިކޮށްފަ އެވެ.
އިއްޔެ ކުޅުނު އަންހެން ފައިނަލް އުމުރުން 24 އަހަރުގެ ސަބަލެންކާ ކާމިޔާބު ކުރީ 3-1 ސެޓުންނެވެ.
ފުރަތަމަ ސެޓް ރިބަކީނާ 6-4 އިން ކާމިޔާބު ކޮށްފައި ވަނިކޮށް ސަބަލެންކާ ވަނީ 6-3 އަދި 6-4 އިން ދެން ކުޅުނު ދެ ސެޓް ކާމިޔާބު ކޮށްފަ އެވެ.
ސަބަލެންކާގެ މި ކާމިޔާބީ އާއެކު އޭނާއަށް ވަނީ އަންހެން ރޭންކިންގެ ދެ ވަނަ ޔަގީން ވެފަ އެވެ. އެއްވަނައިގައި އޮތް ޕޮލެންޑްގެ އީގާ ސްވިއާޓެކް މުބާރާތުން ކެޓީ ހަތަރު ވަނަ ބުރުގައި ރިބަކީނާ އަތުން ބަލިވެގެންނެވެ.