މެލްބަން (ޖެނުއަރީ 5) - އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގައި ވާދަކުރާ އެއްވެސް ކުޅުންތެރިއެއް އަދި ސްޓާފަކު ވެސް ވެކްސިން ޖެހިކަން ސާބިތުކޮށް ނުދެވިއްޖެ ހާލަތެއްގައި ޖެހޭނީ އެނބުރި ގައުމަށް ދާން ކަމަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވެއްޖެ އެވެ.
ބޮޑުވަޒީރު މިހެން ދިދާޅުވީ، ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ސާބިއާގެ ނޯވަކް ޖޮކޮވިޗް ހާއްސަ ހުއްދައެއްގެ ދަށުން މުބާރާތުގައި ވާދަކުރާނެކަން އިއުލާން ކޮށްފައިވަނިކޮށެވެ.
"ވެކްސިން ޖެހިކަން ސާބިތު ކުރެވޭ ވަރުގެ ހެކި ހުށަނޭޅިއްޖެ ނަމަ، އޭނާއަށް (ޖޮކޮވިޗަށް) ވެސް އަމަލުކުރާނީ އެހެން ކުޅުންތެރިންނަށް ވެސް އަމަލުކުރަން އޮންނަ އުސޫލުގެ ތެރެއިން،" ބޮޑުވަޒީރު ވިދާޅުވި އެވެ.
"ނޯވަކް ޖޮކޮވިޗް ނޫނީ އެހެން ކުޅުންތެރިއަކަށް ވިޔަސް، އެއްވެސް ހާއްސަ އުސޫލެއް އޮވެގެން ނުވާނެ."
އޮސްޓްރޭލިއަން އޯޕަންގެ ސިއްހީ ގަވާއިދު ބުނާ ގޮތުން މުބާރާތުގައި ވާދަކުރާ ހުރިހާ ކުޅުންތެރިންނާއި ސްޓާފުން ވެސް ކޮވިޑް-19 އިން ދިފާއު ވާން ވެކްސިންގެ ދެ ޑޯޒް ޖެހިކަން މުބާރާތް އިންތިޒާމްކުރާ ފަރާތަށް ޔަގީން ކޮށްދޭންޖެހެ އެވެ. ވެކްސިން ނުޖަހާ ނަމަ ބައިވެރި ވެވޭނީ އެއީ ބަލިހާލަތެއްގެ ސަބަބުންކަން އަންގައިދޭ ސިއްހީ މާހިރެއްގެ ލިޔެކިޔުން ހުށަހަޅައިގެންނެވެ. ޖޮކޮވިޗް ވާދަކުރަން ނިންމީ ވެކްސިން ނުޖަހާ ވާދަކުރާ އުސޫލުންނެވެ.
މުބާރާތް އިންތިޒާމުކުރާ ފަރާތުން، ވަކި ކުޅުންތެރިޔަކަށް ހާއްސަ ގޮތެއް ނުގެންގުޅޭ ކަމަށް ބުނެފައިވީ ނަމަވެސް، ވެކްސިން ނުޖަހައި މުބާރާތުގައި ވާދަކުރެވޭ އުސޫލާ ގުޅިގެން އެ ގައުމުގެ ގިނަ ރައްޔިތުންނެއް ވެސް އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
ކޮވިޑާ ގުޅިގެން އޮސްޓްރޭލިއާ އިން އަމަލުކުރަމުންދިޔަ ހަރުކަށި ފިޔަވަޅުތަކަށް އެ ގައުމުން ލުޔެއް ދިނުމާ އެކު އަންނަނީ މީގެ ކުރިން ކޮވިޑްގެ ކޭސްތައް ނުފެންނަ ވަރަށް އެގައުމުގައި ހާލަތު ގޯސް ވަމުންނެވެ. އެގައުމުގެ 16 އަހަރުން މަތީގެ 90 ޕަސެންޓް ރައްޔިތުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފަ އެވެ.
ދެހާސް ވިހި ވަނަ އަހަރު ކޮވިޑަށް ޕޮޒިޓިވް ވެސްވި، އުމުރުން 34 އަހަރުގެ ޖޮކޮވިޗް ވަނީ ކޮވިޑް ވެކްސިން ޖެހުމާ ދެކޮޅު ކަމަށް މިދިޔަ އަހަރު ބުނެފަ އެވެ.
އެންމެ ފަހުން އޮސްޓްރޭލިއަން އޯޕަން މުބާރާތް ބޭއްވި ތިން ފަހަރު ވެސް މުބާރާތް ކާމިޔާބުކުރީ ޖޮކޮވިޗެވެ. އޭނާ ވަނީ މިހާތަނަށް 20 ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބު ކޮށްފަ އެވެ.
ރޮޖާ ފެޑެރާ އާއި ރަފައެލް ނަޑާލް ވެސް ހަމަ އެ އަދަދަށް ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފައިވާ އިރު، މި މުބާރާތް ކާމިޔާބު ކޮށްގެން އޭނާއަށް އެންމެ ގިނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކުރުމުގެ ރެކޯޑް ލިބޭނެ އެވެ.
މިމަހުގެ 17 އިން 30 ގެ ނިޔަލަށް ކުރިޔަށް ގެންދާ މި މުބާރާތަކީ އަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތެވެ.