މާލޭގައި ބިދޭސީ އަންހެނަކަށް، އޭނާގެ ފިރިމީހާ މިއަދު އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އަންހެނަކަށް ގެވެށި އަނިޔާކުރި އެ މައްސަލަ ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 6:20 ހާއިރު ކަމަށެވެ. އެ މީހާ އަށް އައިޖީއެމްއެޗުން ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏަސް ތަފްސީލެއް އަދި ނުދެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެ އަންހެންމީހާ ލައިގެން ހުރި ހެދުމުގައި ވަރަށް ގިނައިން ލޭ ހުއްޓެވެ. އަނިޔާކުރި ފިރިމީހާއަކީ ވެސް ބިދޭސީއެކެވެ.
"މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" އޮފިޝަލް ވިދާޅުވި އެވެ.
އައިޖީއެމްއެޗުން ބުނީ އުމުރުން 26 އަހަރުގެ އަންހެނަކަށް އަނިޔާ ވެގެން އެ ހޮސްޕިޓަލަށް މިއަދު ހެނދުނު ގެންދިޔަ ކަމަށެވެ. އެކަމަކު ތަފުސީލެއް ނުދެ އެވެ.