"މާޖިދު ހިތުން ފޯމުގައި އޮންނާނީ އޭނާ ނިންމަވައިގެން ހުންނެވި ގޮތަށް އަކަފޫޓަކަށް 5،000ރ. ގެ ރޭޓުން އަގު ޖަހާފައި. މާޖިދު އެ ހިސާބު ހެއްދެވީ 2،000 އަކަފޫޓުގެ ބިމަކަށް ބައްލަވައިގެން"
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓުން ވިއްކާ ބިންތަކަށް ހުށަހެޅި ބީލަންތައް ކެނޑުމުގެ ކަންކަން މިދިޔަ ބުދަ ދުވަހު އެޗްޑީސީގެ އޮފިޝަލުން ކުރިއަށް ގެންދާއިރު، ބީލަން ހުށަހެޅި ބައެއް މީހުން އިށީނދެގެން.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
11 ފެބުރުއަރީ 2022 - 09:07
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ބީޗް ފްރަންޓުން ވިއްކާ ބިންތަކަށް ހުށަހެޅި ބީލަންތައް މިދިޔަ ބުދަ ދުވަހު ކަނޑައި އަގުތައް ހާމަކުރުމާ އެކު އެންމެން ވެސް ދައްކަން ފެށީ 2،000 އަކަފޫޓްގެ ބިމަކަށް، އަކަފޫޓަކަށް 10 މިލިއަން ރުފިޔާގެ މަގުން އޮތް ބިޑުގެ ވާހަކަ އެވެ. މިވަރުގެ އަގެއް ހުށަހެޅޭނީ ހާދަ ފައިސާއެއް އޮވެގެންނޭ ބުނެ މީހުން ވާހަކަ ދެއްކި ނަމަވެސް މި ކިޔަނީ 20 ބިލިއަން ރުފިޔާގެ ވާހަކަ އެވެ.
މި ބިޑް ހުށަހެޅުއްވީ ވިޔަފާރިވެރިޔާ އިބްރާހިމް މާޖިދު 70، އެވެ. އެކަމަކު ބިޑްތައް ކަނޑައި އަގުތައް ހާމަކުރި ވަގުތު އޭނާ ކޮންމެހެން ބޭރަށް ވަޑައިގަންނަވަން ޖެހިގެން، ބިޑްތައް ކެނޑި މާލަމަކު ނެތެވެ. ވިއްސަކަށް މިނެޓް ފަހުން އެތައް ބަޔަކު އޭނާ އަށް ގުޅަން ފަށައިފި އެވެ. އެންމެން އެއް ވާހަކައެކެވެ.
"އެންމެން މާޖިދަށް ގުޅާފައި ބުނަނީ އެންމެ ބިމަކަށް [އަކަފޫޓަކަށް] ކަލޭ 10 މިލިއަން ރުފިޔާ ހުށަހަޅައިގެންނޭ ތި އުޅެނީ. ކީއްކުރަން ކުރި ކަމެއްހޭ؟ ހާދަ ފައިސާއެކޭ،" މާޖިދުގެ ވިޔަފާރީގެ ކަންތައްތަކުގައި އެންމެ އަރިސްކޮށް އުޅުއްވާ އެއް ބޭފުޅާ "މިހާރު" އަށް ރޭ ވިދާޅުވި އެވެ.
ބީލަން ފޯމުގައި އަކަފޫޓަކަށް 10 މިލިއަން ރުފިޔާ ޖެހިފައިވާ ކަމެއް މާޖިދަކަށް އެހާ ހިސާބަށް ވެސް އެނގިވަޑައެއް ނުގަންނަވަ އެވެ. އޭނާގެ ވިޔަފާރީގެ ކަންތައް ހަމަޖެހިފައި އޮންނަ ގޮތުން ފޯމާއި ސިޓީ ފަދަ ތަކެތި އެހެން މުވައްޒަފުން ލިޔެގެން ގެންދިއުމުން ކުރައްވާ ކަމަކީ ސޮއިކޮށްލެއްވުމެވެ. ހުޅުމާލެ އިން ބިމެއް ބައްލަވައިގަތުމުގެ ބީލަން ހުށަހެޅުމަށްޓަކައި ފޯމު ފުރައިގެން މުވައްޒަފަކު މާޖިދު އަރިހަށް ދިއުމުން އެ ފޯމުގައި އޭނާ އަށް ސޮއިކޮށްލެވުނީ ތަންކޮޅެއް ބޮޑަށް އަވަސް އަރުވާލައްވައިގެން ކަހަލަ ގޮތަކަށެވެ. އެހާ ރަނގަޅަށް ބައްލަވައި ނުލެއްވުނީ އެވެ.
"މާޖިދު ހިތުން ފޯމުގައި އޮންނާނީ އޭނާ ނިންމަވައިގެން ހުންނެވި ގޮތަށް އަކަފޫޓަކަށް 5،000ރ. ގެ ރޭޓުން އަގު ޖަހާފައި. މާޖިދު އެ ހިސާބު ހެއްދެވީ 2،000 އަކަފޫޓުގެ ބިމަކަށް ބައްލަވައިގެން،" މާޖިދުގެ ފަރާތުން "މިހާރު" އާ ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.
މި ރޭޓުން ބެލުމުން، އަކަފޫޓަކަށް ނުވަތަ 1 ފޫޓް 1 ފޫޓްގެ ބިންކޮޅަކަށް 10 މިލިއަން ކަމަށް ފޯމުގައި އޮތް އަގަކީ މުޅި ބިމުގެ އަގެވެ. އެއީ 2،000 އަކަފޫޓްގެ ބިމަކަށް 10 މިލިއަން ރުފިޔާ އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓުން ބިން ގަތުމަށް ހުށަހެޅި ބީލަންތަކުގެ އަގުތައް އެޗްޑީސީގެ އޮފިޝަލަކު މިދިޔަ ބުދަ ދުވަހު އިއުލާން ކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
"ސްޓާފަކަށް އޮޅުން އަރައިގެން ފޯމުގައި ޖެހިފައި އޮތީ ޖުމުލަ އަގު. ބިޑް ހިފައިގެން ގޮސް ލުމާ ހިސާބަށް ވެސް މާޖިދަށް އެކަން އެނގިވަޑައެއް ނުގަންނަވާ. އެޗްޑީސީގެ މުވައްޒަފުން ބިޑް ކަނޑައި އަގު އިއުލާން ކުރި ހިސާބުން މީސްމީހުން ގުޅަން ފެށުމުން މާޖިދަށް ކަން ވީ ގޮތް އެނގުނީ."
މާޖިދު ހުށަހެޅުއްވީ އަކަފޫޓަކަށް 10 މިލިއަން ރުފިޔާ ކަމަށް އެޗްޑީސީގެ އޮފިޝަލުން އެންމެންގެ ކުރިމަތީގައި އިއުލާން ކުރުމާ އެކު، އެންމެ ފުރަތަމަ ވިއްސަކަށް މިނިޓްގެ ތެރޭގައި 70 ވަރަކަށް ކޯލަށް މާޖިދު ޖަވާބު ދެއްވަން ޖެހިވަޑައިގަތެވެ. އާއިލާގެ މީހުންނާއި ރައްޓެހިންނާއި ނުދަންނަ މީހުން ވެސް ކެނޑިނޭޅި ގުޅަމުން ދިޔަ އެވެ. އެތައް ބައެއްގެ ޕްރެޝަރު އެކި ގޮތްގޮތުން އޭނާ އަށް އޮއްސައިލި އެވެ.
"މާޖިދު ހުރީ ހަދާނެ ގޮތް ހުސްވެފައި. ހަޔާތުގައި ވެސް މިހާ ބޮޑު ކަމެއް އަދި ދިމާނުވާ ކަމަށް ވިދާޅުވީ. އެހާ ވަރަށް މީހުން ގުޅި ފުރަތަމަ ވިއްސަކަށް މިނިޓްގެ ތެރޭގައި ވެސް."
ހުޅުމާލޭގެ ބީޗް ފްރަންޓުން ބީލަމުގެ އުސޫލުން ވިއްކާ 26 ބިމަށް ބީލަން ހުށަހެޅި 211 މީހުންގެ ތެރެއިން އެންމެ ބޮޑު އަގެއް ޖެއްސެވީ މާޖިދުކަން އިއުލާން ކުރުމާ އެކު، އޭނާ އަވަހަށް ވަޑައިގަތީ ބީލަމުގެ ކަންކަން ކުރިއަށް ގެންދިޔަ ހ. މީރުމާ މާލަމަށެވެ. އޭރު ވެސް ބީލަމުގެ ކަންކަން ކުރިއަށް ދިޔަ ކަމަށް މާޖިދުގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގޮސް، ވީ ގޮތް، އެޗްޑީސީގެ ފާސް އަޅާފައި ހުރި ސްޓާފަކަށް ކިޔައިދިނީމާ އެ ކުއްޖާ އަނގަބަހުން އަޅުގަނޑުމެން ގާތު ބުނި ބިޑް ޑިސްކޮލިފައިއޭ. އެ ސްޓާފް އަޅުގަނޑުމެންނަށް އެކަން އެންގީ [ބީލަމުގެ ކަންކަން ކުރިއަށް ގެންދިޔަ] ހޯލުގެ ތެރެއަށް ވަދެ، އެހެން ސީނިއާ މުވައްޒަފަކާ މަޝްވަރާ ކުރުމަށް ފަހު. އެއީ ޔަގީންކަމެއް،" މި މައްސަލައިގައި މާޖިދުގެ ފަރާތުން ވާހަކަ ދެއްކެވި އަދި ބީލަމާ ގުޅޭ ކަންކަމުގައި އެޗްޑީސީގެ މުވައްޒަފާ ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.
ހުޅުމާލޭގެ ބީޗް ފްރަންޓުން ވިއްކާ 26 ބިން ގަންނަން ބީލަމުން ކޮލިފައިވި މީހުން އަދި ވެއިޓް ލިސްޓަށް ދިޔަ ފަސް މީހުން (ލިސްޓްގެ އެންމެ ތިރީގައި)
ނަމަވެސް މާޖިދަށް އަނެއްކާވެސް ހައިރާންކަމެއް ލިބިވަޑައިގަތީ، އޭނާގެ ބިޑް ޑިސްކޮލިފައި ކަމަށް އެންގުމަށް ފަހު ވެސް އެޗްޑީސީގެ ލިސްޓްގެ އެންމެ މަތީގައި ނަން އޮތުމުންނެވެ. ބީލަމުގެ ހުރިހާ ކަމެއް ނިމި، އެޗްޑީސީން ބުދަ ދުވަހުގެ ރޭ ނެރުނު އިއުލާނުގައިވާ ގޮތުން މާޖިދު ވަނީ އަކަފޫޓަކަށް 10 މިލިއަން ރުފިޔާ ހުށަހަޅުއްވައިފަ އެވެ. އެއީ އެ ބީލަމުގެ އެންމެ މަތީ އަގެވެ. އެހެން ބިޑްތަކަށް ވުރެ އެތައް ހާސް ގުނައެއް ބޮޑު އަގެކެވެ.
ލިސްޓްގައި ނަން އޮތުމުން، މާޖިދު އިއްޔެ ވަނީ ކަން ވީ ގޮތް ރަސްމީކޮށް ސިޓީއަކުން އެޗްޑީސީ އަށް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް އޭނާގެ މިހާރުގެ ކަންބޮޑުވުމަކީ އެ ކުންފުނިން އެއްވެސް ޖަވާބެއް ނުލިބި ލަސްވުމެވެ.
"ކުންފުނިން އެންމެ ފަހުން ބުނެފައި ވަނީ އަންނަ އާދިއްތަ ދުވަހުއޭ ދެން ޖަވާބެއް ލިބޭނީ. މާޖިދަށް އެއީ މާ ލަސް. ކަން ވީ ގޮތް ފުރަތަމަ ދުވަހު ވެސް އެޗްޑީސީގައި ބުނެފައި އޮންނާނީ،" މާޖިދުގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.
އެޗްޑީސީގެ އޮފިޝަލުން މީޑިއާގައި ވިދާޅުވެފައި ވަނީ އެންމެ މަތީ އަގު ހުށަހެޅި ފަރާތުގެ ހުރިހާ ޝަރުތެއް ވެސް ހަމަވާތީ އެ ބީލަން ބަލައިގަތީ ކަމަށެވެ.
ބީޗްފްރަންޓުން ބިމެއް ގަތުމަށްޓަކައި ބިޑް ސެކިއުރިޓީގެ ގޮތުގައި 320،000ރ. ވެސް މާޖިދު ވަނީ ދައްކަވައިފަ އެވެ. އެ ބީލަން ކޮލިފައި ވެފައިވާ ކަމަށް އެޗްޑީސީން ނިންމާފައި ވާތީ އެ ފައިސާ އަނބުރާ ހޯދުމުގައި އޭނާ އަށް ދަތިތައް ކުރިމަތިވުމުގެ ބިރު ވެސް އެބައޮތެވެ. ސަބަބަކީ ބިން ގަތުމުގެ ބިޑް ކާމިޔާބު ކުރެވިއްޖެ ނަމަ ބިޑް ސެކިއުރިޓީ އަނބުރާ ނުލިބޭނެތީ އެވެ. އެޗްޑީސީން ކަނޑައަޅާ މުއްދަތުގައި އެ ފައިސާ ނުދެއްކިއްޖެ ނަމަ ވެއިޓް ލިސްޓްގެ އެހެން މީހަކަށް ފުރުސަތު ލިބުނަސް ބިޑް ސެކިއުރިޓީ އަނބުރައެއް ނުލިބޭނެ އެވެ.
ބީލަން ފޯމުގައި އޮޅިގެން ޖެހުނު އަދަދަށް ބަލާ ނަމަ މާޖިދު ބޭނުންވާ 2،000 އަކަފޫޓުގެ ބިން ބައްލަވައިގަތުމަށް 20 ބިލިއަން ރުފިޔާ ދައްކަވަން ޖެހޭނެ އެވެ.
"މާޖިދަކީ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރައްވާ ބޭފުޅެއް. އެކަމަކު، އެ ވަރަށް ހޭދަކުރައްވަން ބަލައިފައެއް ނޫން ބީލަން ހުށަހެޅުއްވީކީ. މައިންބަފައިންގެ ގޯތި ބަހާފައި 600 އަކަފޫޓް ހަމަނުވާ ތަނެއް ލިބިފައި ވަނީ. އެހެންވެ އަމިއްލަ ބިމެއް ހޯއްދެވުމުގެ ބޭނުމުގައި ހުޅުމާލެ އިން ބިމެއް ބައްލަވައިގަންނަވަން އުޅުއްވީ. މިހެން ވާނެ ކަމެއް އޭރަކު އެނގިވަޑައި ނުގަންނަވާ."
މި އެރި އޮޅުމާ ގުޅޭ ގޮތުން މާޖިދު މީޑިއާގައި ވާހަކަ ދައްކަވާކަށް ބޭނުމެއް ނުވި އެވެ. "މިހާރު" އިން އޭނާއާ ބައްދަލުކުރަން ކުރި މަސައްކަތް ވެސް ކާމިޔާބެއް ނުވި އެވެ. މާޖިދުގެ ފޯނަށް ގުޅައި "މިހާރު" އިންނޭ ބުނުމުން ވަގުތުން ފޯނު ނިއްވައިލެއްވީ އެވެ. އަދި ފަހުން ގުޅުމުން ވެސް ފޯނެއް ނުނެންގެވި އެވެ.
"މިހާރު" އާ ގުޅުނު، މާޖިދުގެ އެންމެ އަރިސް އެއް ބޭފުޅާ ވެސް ވާހަކަ ދެއްކެވީ މާޖިދުގެ އަމިއްލަ ކަންކަމާއި ވިޔަފާރީގެ ވާހަކަތައް ހާމަނުކުރަން ޝަރުތުކޮށެވެ.
"އެއީ މާޖިދު ހުންނެވީ ހަގީގަތުގައި ވަރަށް ބޮޑަށް އަސަރު ކޮށްފައި. އެއީ 70 އަހަރުން މަތީގެ މީހެއް. އާންމުކޮށް ހަވީރު ގަޑީގައި ރައްޓެހިންނާ އެކު ރާޒުވާ ކުޅުއްވާނެ. އެކަމަކު އެކަން ވެސް މި ދެ ދުވަހަކު ނުކުރައްވާ. އިއްޔެ ރޭ ދަންވަރު ވެސް އަޅުގަނޑަށް ގުޅުއްވާފައި ވިދާޅުވި މި ދިމާވި ކަމަކުން ވަރަށް އަސަރު ކޮށްފިއޭ،" މާޖިދުގެ ވިޔަފާރި އާއި އަމިއްލަ ބައެއް ކަންކަމުގައި އިސްކޮށް އުޅުއްވާ ބޭފުޅާ ވިދާޅުވި އެވެ.
"މާޖިދު މިހާރު ހުންނެވީ މި ކަމުން އަރައިގަނެވޭނެ ގޮތެއް އެނގިވަޑައިނުގެންފައި. މި ވަގުތު ވެސް މިކަމާ ގުޅިގެން ފޯނުތައް ކެނޑިނޭޅި އެބަ އާދޭ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަންޑެހެލް
12 February 2022
އެވަރުކަމެއް ވެދާނެ!
މަހުޖަނުންގެޤައުމު
12 February 2022
ހުރިހާ ބިޑެއް ބާތިލުކުރޭ. ތިގޮތަށް ހުރިހާ ބިމެއް މުއްސަނދިންނަށް ވިއްކީމަ ދެން އެމީުންގެ ތައްޕާހުން ނިކަމެތިން އުޅެނޖެހެނީ. ހުރިހާ މޮޅެއް މަހުޖަނުންނަށް އތީމަ އިންސާފެއްނެތް. އަނެއްކޮޅުން އެބަ ވިދާޅުވޭ މި މަހުޖަނުންނަކީ ޑްރަގް ވިޔަފާރިކަހަލަ ބޮޑެތި ޖަރީމާތަކުގެ ތެރޭން ކުއްލިއަކަށް މުއްސަނދިވާ މީހުންކަން. ދެން މި މީހުންގެ ކަޅުފައިސާ ދޮވެލަން ބިމާ މުދަލާ މި ގަންނަނީ. ބީޗް ފްރޮންޓުގަ ދިރިއުޅެން ބޭނުމިއްޔާ މިޖަނަކަށްވޭ. މިއީތޫ އައު ޖީލަށް ދޭ މެސެޖަކީ
ފޮނިޓައްޕު ހަސަނު
12 February 2022
މާޖިދަކީ ވަރަށް ހިތް ހެޔޮ، ސާދާ މިޒާޖެއްގެ ބޭފުޅެއް. މުވައްޒަފުންނަށް %100 އިތުބާރު ކުރަން ހެޔޮނުވާނެ. ކޮންމެ ފަދަ ލޮޓިއެއްވެސް ދީފާނެ. އަދި މިއުޅޭ ޒުވާން ކުދިންނަކީ ސިކުނޑީގައި އެއްވެސް ކަހަލަ ތެތްކަމެއް ހުރި ބައެއް ނުން.
ޚހގޒަސސސ
12 February 2022
ތިޔަކަން އޮޅުންފިލި ހިސާބުން ބިޑު ރަނގަޅުކޮށްދިނުން ނުވަތަ އިސްލާހު ކޮށްދިނުން ރަނގަޅު. ތިޔައީ ގަވަޢިދުގައި ހިފައިގެން 600 ދޫނި މެރުން ފަދަ ކަމެއް. އަކަފޫޓަށްވާ އަގުޖަހާ ގޮޅީގަ ޖުމުލަ އަގު ޖެހިގެން އެކަން ފާހަގަވުމުން އެކަން އިސްލާޙް ކޮށްދީ މާޖިދުގެ ޙައްޤު ރައްކާތެރިކޮށްދިނުމަށް އަކަފޫޓު ކޮމިޝަން ހަދަން ރ ސާލިހަށް ގޮވާލަން
ޙަނީފް
12 February 2022
ޢާންމު މީހެއްގެ ވިސްނުމުން ބަލާއިރު އެއީ އޮޅިގެން ޖެހިފައި އޮތް އަގެއްކަމަށް ފެނޭ. އެހެންކަމުން އޭނާގެ އެދުމުގެ މަތިން އެ ބިޑް ޑިސްކޮލިފައި ކުރުމުން އެއްވެސް ފަރާތަކަށް ލިބޭނެ ގެއްލުމެއް ނެތް. އެހެންނޫނީ އެފަރާތައް ބިޑް ސެކިއުރިޓީއަށް ދެއްކި ފައިސާ ގެއްލޭނީ. ގެއްލުމެއް ދިނުމެއް އަދި ގެއްލުމެއް ލިބިގަތުމެއް ނުވޭ.
އޮޅުން
12 February 2022
އޮޅިފޮޅި ސަރުކަަރު އޮންނާނީ މުޅީން ވެސް އޮޅިފާ.
ކީކޭ؟
12 February 2022
ސަރުކާރަށްތަ އޮޅުނީ، ނޫނީ މާޖިދަށްތަ އޮޅުނީ؟ ބަލަ ކިތަންމެ ވާހަކަ އެއް ދެއްކިއަސް އޭނަ ބޭނުންނޫނިއްޔާ އިތުރު ފައިސާއެއް ނުދައްކާނެ، އޭނައަތުން ދިޔައީ ބިޑު ސިކިއުރިޓީ. ބިޑު ކާމިޔާބު ނުވި މީހަކަށް ވެސް ބުނެވިދާނެ، ތިމަންނަ ލާންއުޅުނު އަގަކަށް ވުރެ ކުޑަ އަގެކޭ ހުށަހެޅުނީ. އޮޅުން އެއީ އެޗްޑީސީން ކުރިކަމެއް ނޫން، ބަލަންޥާވަރަށް ނުބެލުމުގެ ޒިންމާ ނަގާނީ އަމިއްލައަށް.
ކޮމިއުނިސްޓް ޕާޓީ (މާކްސިސްޓް)
12 February 2022
ހުޅުމާލޭގެ ބީޗް ފްރަންޓުން ވަކި ރަށަކަށް ނިސްބަތްވާ ފަރާތްތަކަށް އެކަނި ބިން ވިއްކަން ނިންމުމަކީ ހިޓްލަރު ދެވަނަ ބޮޑު ހަނގުރާމައިގެ ކުރިން ޖަރުމަނުގައި ފެއްޓިފަދަ ނަސްލީ އިމްތިޔާޒުގެ ސިޔާސަތެއް. މިތަންތަން ފަހުން ވެގެންދާނީ ބިމުގެ އަގު އުފުލިފައިވާ ގެސްޓް ހައުސްތައް ހުންނަ ގޯތިތަކަށް. މީގައި ކަންބޮޑުވާންޖެހެނީ މާޖިދު ފަދަ މަހުޖަނަކަށް ބިޑް ސެކިއުރިޓީ އަނބުރާ ނުލިބިދާނެތީއެއް ނޫން. އެތައް ޖީލަކަށް އާމްދަނީގެ ފަރަގު ދެމިގެންދާނެތީ
4567
12 February 2022
ބިޑް ސެކިއުރިޓީ ދިން މީހުންގެ މައްސަލަ އެބަޖެހޭ ބަލަން. އެމީހުން ތިބީ ހަމަ ހޭގަތޯ ބޭންކުގެ އިންނަ މީހާ އެބަޖެ ޓެސްޓްކުރަން.. މީހަކު 10 މިލިއަންގެ ބިޑް ސެކިއުރިޓީއަށް އެދޭއިރު އެވަރު ހުރިތޯވެސް ނުބަލާ ސިޓީ މިދެނީ..
ބިޑޭ
12 February 2022
މިއުޅެނީ ބޭންކުން 10 މިލިއަން ދީގެނެއް ނޫނޭ، އައިނުއަޅައިގެން ކިޔާލުން ކީއް؟
ބޯހަލާކުދެން
12 February 2022
ލޯމަރައިގެންދޯ ކޮމަންޓުކުރަނީ. ބިޑް ސެކިއުރިޓީ އަށް ބޭންކުން 10 މިލިއަން ދިނީ ބޭފުޅާގެ ހުވަފެނުގަތަ؟
1234
12 February 2022
211 މީހުން ގެ އެޑްރެސް ބަލާލީމަ އެބަ އެނގޭ ނޫންތޯ ފައިސާ ހުރީ މާލޭ މީހުންގެއަތުގަތޯ ނޫނީ އަތޮޅުތަކުން އައިސް އުޅޭ މަހުޖަނުންގެ އަތުގަތޯ…
ވޮއިޑޫ1
11 February 2022
ތިއީ އެހާ ބޮޑު ކަމެއް ނޫން. ވޮއިޑް ފޯރ މިސްޓޭކް.
ގައްސާނު
11 February 2022
އޮޅިގެން ދިހަމިލިޔަން ޖެހިގެންނުވާނެ.
ވަހީދު
12 February 2022
މުޅި ގޯއްޗަށް 10 މިލިޔަން ޖަހަން އުޅުނީ. އެކަމަކު އެހެން ޖެހުނީ އަކަފޫޓުގެ އަގު ޖަހަން އޮތް ތަނުގައި. އެހެން ނޫނަސް އަކަ ފޫޓެއް ހުޅުމާލެ އިން ނުގަންނާނެ އެއްނުން.