ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް: އެ އެއާޕޯޓުން މަތިންދާބޯޓެއް އުދުއްސާލަނީ.-- ފައިލް ފޮޓޯ: ފަޔާޒް މޫސާ / މިހާރު
15 ފެބުރުއަރީ 2022 - 20:32
ރާއްޖޭގެ ހަ ރަށެއްގައި އެއާޕޯޓް އަޅައިދޭނެ ބަޔަކު ހޯދަން ޕްލޭނިން މިނިސްޓްރީން ކުރި އިއުލާނުގައި ބިޑް ކުރެވޭނެ އެންމެ ދަށް އަގުގެ ގޮތުގައި ކުރިން ކަނޑައަޅާފައިވާ އަގު ތިން މިލިއަން ޑޮލަރަށް ކުޑަކޮށް، އެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން މިއަދު އަލުން އިއުލާންކޮށްފި އެވެ.
މި މަސައްކަތް ކުރާނެ ބަޔަކު ހޯދަން އެންމެ ފުރަތަމަ ކުރި އިއުލާނުގައި ބުނީ މިކަމަށް ޝައުގުވެރިކަން ފާޅުކުރުމުގައި އެއާޕޯޓެއް ތަރައްގީކުރަން ފައިނޭންސް ކުރުމަށް އެންމެ މަދުވެގެން ހުށަހެޅޭނެ އަދަދަކީ ފަސް މިލިއަން ޑޮލަރު ކަމަށެވެ.
ބީލަމުގެ އުސޫލަށް އެހެން ބަދަލެއް ވެސް ގެނެސްފައިވާ އިރު، އެ ގެނައި ބަދަލުގައި ވަނީ މުޅި އެއާޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ފައިނޭންސް ނުވަތަ އެ މަޝްރޫއުގެ ބައެއް ފައިނޭންސް ކުރެވޭނެ ގޮތް ވެސް ހަދައިފައި އެވެ. ކުރީގެ އިއުލާނުގައިވާ ގޮތުން ބިޑް ހުށަހެޅޭނީ މުޅި އެއާޕޯޓް ތަރައްގީކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް އެކަންޏެވެ.
މި ބަދަލު ގެނައި ސަބަބެއް ސާފެއްނުވެ އެވެ.
މިނިސްޓްރީން އިއުލާނުކޮށްފައިވާ ބީލަމުގައިވާ ގޮތުން، އެއާޕޯޓް ތަރައްގީކުރަން ހުށަހަޅާ އިންވެސްޓްމަންޓްގެ އަދަދު އެ މަޝްރޫއުގެ މުގާބިލުގައި ޓޫރިޒަމަށް ކުއްޔަށް ދޫކުރާނެ ރަށް/ބިން ނުވަތަ ފަޅުގެ އިކްއިޒިޝަން ކޮސްޓާއި އެތަނުގެ ބިމު ކުލީގެ ގޮތުގައި ކަނޑައަޅާ ފައިސާގެ އަދަދުން އުނިކޮށްދޭނެ އެވެ.
ސަރުކާރުގެ މި އަހަރުގެ ބަޖެޓުގައި އެއާޕޯޓުތައް ތަރައްގީ ކުރަން 263 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.
• ހދ. މަކުނުދޫ / 23.3 މިލިއަން ޑޮލަރު
• ށ. ބިލެއްފަހި / 23.6 މިލިއަން ޑޮލަރު
• ބ. ތުޅާދޫ / 21.9 މިލިއަން ޑޮލަރު
• ތ. ވިލުފުށި / 33.3 މިލިއަން ޑޮލަރު
• ފ. މަގޫދޫ / 8.2 މިލިއަން ޑޮލަރު
• ރ. އަތޮޅުގެ ދެކުނު ބިތުން ރަށެއްގައި / 23.6 މިލިއަން ޑޮލަރު
މީގެ ކުރިން ވަނީ ރ. އަލިފުށީގައި އެއާޕޯޓެއް އަޅާނެ ކަން އިއުލާނުކޮށްފަ އެވެ. އެކަމަކު، އެ ރަށުގައި އެއާޕޯޓް އެޅުމާ މެދު އާންމުންގެ މެދުގައި ބޮޑެތި ހިޔާލު ތަފާތުވުންތައް އުޅޭތީ ރ. އަތޮޅުގައި އެއާޕޯޓް އަޅާނެ ރަށެއް އަދި ފައިނަލްކޮށްފައެއް ނުވެ އެވެ.
ފުރަތަމަ އިއުލާނާ އެއްގޮތަށް މި އިއުލާނުގައި ވެސް މިނިސްޓްރީން ބުނީ ކޮންމެ އެއާޕޯޓަކީ ވަކި މަޝްރޫއުއަކަށް ވާތީ އެކަމަށް ޝައުގުވެރިކަން ފާޅުކުރުމުގައި، ތަރައްގީކުރާނީ ނުވަތަ ފައިނޭންސް ކުރާނީ ކޮން އެއާޕޯޓެއް ކަން ބަޔާންކުރަން ޖެހޭނެ ކަމަށެވެ.
ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ އިކޮނޮމިކް މިނިސްޓްރީ އަށެވެ. މިކަމަށް އެދި ހުށަހަޅަން ވަކި މުއްދަތެއް އިއުލާނަކު ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާފު
16 February 2022
ފާފުގައި މި އަޅަނީ ކުޅޭކުޅޭ އެއަރޕޯޓެއްތަ؟ އެހެން ރަށްރަށުގެ އަގު 20 މިލިއަނުން މަތީގައިއުޅޭއިރު ފާފު އެއަރޕޯޓްގެ އަގު 8 މިލިއަނުގައި މިއުޅެނީ ކީއްވެބާ؟
ކަކުނިބޯ
16 February 2022
ޢެއީ ގުދުރަތީގޮތުންވެސް އެއަރޕޯޓަކަށް ވާތީ ކުރަންޖެހޭކަންތަށް ވަރަށް،މަދު ހަހަހަހަ
ސަންފަ
16 February 2022
ކީއްކުރަން އެއަރޕޯރޓް އަޅަނީ އެތަންތަނަށް ދަތުރެއް ނުކުރޭ. ކުޅުދުއްފުށީ މީހަކުވެސް ބުނީ ޑިމާންޑް ވަރަށްބޮޑޭ ކޮންމެ ދަތުރެއްގަ ފްލައިޓް ފުލް ވެޔޭ އެކަމަކު ފްލައިޓްގެ ދަތުރިތަކެއް ބޭނުން ވަރަކަށް ނުބާއްވައޭ
ބޮޑުމީހާ
16 February 2022
މިރާއްޖެ ތަރައްގީކުރަނީ ކޮން ޕްލޭނެއްގެ ދަށުން ކަމެއް ނޭގޭ. ހައިސްޕީޑް ފެރީ ނެޓްވޯކް ފަށަނީ، އެއާރޕޯޓް އަޅަނީ. ބަދަރު ހަދަނީ ބިން ހިއްކަނީ އެންމެން އުޅެނީ ތޮއްޖެހިގެން މާލޭގަ.
އާރީ
16 February 2022
އެއާރފޯޓް ތަކަށް ދަތުރު ކުރާނެ ފުލޭޓެއްނު ހޯދަށްވީ މިހާރުވެސް މިއުޅެނި ޑިމާންޑާ އެއްވަރަށް އެއާރފޯޓް ތަކަށް ދަތުރު ކުރާނެ ފުލޭޓް ނެތިގެން. އެތަށް ސަކުވާއެއް ކޮށް ތިންހަތަރު ފަހު ޗާންސަކަށް ގޮސް ގެން ނޫނީ ޖާގައެއް ނުލިބޭ.
ކޮށިބެ
16 February 2022
ތިޔައީ މުޅިންވެސް ގެއްލުމާއެކު ހިންގަންޖެހޭނެ އެއަރޕޯރޓްތަކެއް. އެކަށީގެންވާ އާބާދީއެއް ނެތް ސަރަހައްދުތަކުގައި އެއަރޕޯޓް އެޅުމަކީ ދައުލަތުގެ ކުންފުނިތައް ބަގުރޫޓުވާ އެންމެބޮޑު ސަބަބު.
ާކސބ
16 February 2022
ކެންޕޭނައް ލާރި ކޮޅެއް ނުލިބިގެން ތެޅި ފޮޅެނީ
ޙަބީބު.
16 February 2022
ށ ނިލަންދޫގަ އެއާޕޯޓު އެޅުން މާރަނގަޅު އެއީ ޔާމިނުގެ ވިސްނުން އާބާދީ ބޮޑު ވެފަ ވެރިކަން ކުރާ ރަށައް ވެފަ ބިމުގެ ގޮތުން ބޮޑު ވެފަ 2018 ވަނައަހަރު ބަޖެޓުގަވެސް އެކަން އޮތީތީ މިސަރުކާރުގެ ނާގާބިލުކަމާހެދި އަޖައިބު ވޭ
ބަކުރުބެގެ ދަރި
15 February 2022
އެއަރޕޯޓް އަޅާނީ އެއް ނޫން. އެއަރޕޯޓް ހަދާނީ. ދިވެހިބަސް ހެޔޮގޮތުގައި ބޭނުން ކުރައްވާ.
ޖުހާނާ
16 February 2022
ދިވެހިބަހުގައި ކިޔައި އުޅެނީ އެއަރޕޯޓް އެޅުން. "އެއަރޕޯޓް ހެދުން" އެއީ ދިވެހިބަހުގައި ކިޔައިއުޅޭ ގޮތެއް ނޫން.
ހުސެންް
15 February 2022
ފާފު އަތޮޅު ވިއްކާލަން ވީ.... އޭރައް ގައުމައް ފައިދާ ވާނީ... ނިކަން ބަލާބަލަ ދުބާއީ
ކަކުނިބޯ
15 February 2022
މުޅި ޤައުމު ވިއްކަންވީނު އަގުޖަހާލާގެން
ކޮރަލް
15 February 2022
މި ބަދަލު ގެނައި ސަބަބެއް ސާފެއްނުވެ އެވެ. އެމްޑީޕީގެ ބަޔަކަށް އިންވެސްޓް ކުރާނެ ބަޔަކު ލިބުނީ އެވެ.