ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ފަސް މަހުގެ ކުއްޖާ ކުއްލިއަކަށް މަރުވީ ކީއްވެގެންކަން، އެ ހާދިސާ ހިނގިތާ ދެ މަސް ވީ އިރު ވެސް، ދައުލަތުގެ ކަމާ ބެހޭ އެއްވެސް ފަރާތަކުން ހާމައެއްނުކުރި އެވެ.
ފިރިހެން ކުއްޖާގެ މަރާ ގުޅިގެން އެ މައްސަލަ ބަލަން ޖެންޑާ މިނިސްޓްރީން ކޮމެޓީއެއް އެކުލަވާލުމުގެ އިތުރުން ފުލުހުން ވެސް ގެންދިޔައީ ތަހުގީގުކުރަމުންނެވެ. އެކަމަކު އެއިން އެއްވެސް ތަނަކުން އެކަމާ ބެހޭ ގޮތުން އަދި އެއްވެސް ރިޕޯޓެއް ނުނެރެ އެވެ.
ކުއްޖާގެ މަރުގެ މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ތަހުގީގު ކުރަމުން ދިޔައީ ޝައްކުކުރެވޭ ކަންތައްތަކެއް ހުރެގެންނެވެ. އެހެންވެ، ޕޯސްްޓްމޯޓަމް ހަދަން އޮކްޓޫބަރު މަހު އެ ކުއްޖާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވި އެވެ. އަދި އެ ތަހުލީލަށް ފަހު ކުއްޖާ ވަޅުލީ ވެސް އިންޑިއާގަ އެވެ.
ޕޯސްޓްމޯޓަމްގެ ވަގުތީ ރިޕޯޓު ލިބިފައިވީ ނަމަވެސް، އޭގައިވާ މައުލޫމާތެއް މިހާތަނަށް ފުލުހުން އާއްމެއް ނުކުރެ އެވެ.
އޮކްޓޫބަރު 17 ވަނަ ދުވަހު ނޭވާ ނުލައިގެން އެ ކުއްޖާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.
ދައުލަތުގެ ބެލުމުގެ ދަށަށް އެ ކުއްޖާ ގެންދިޔައީ ވިހެއުމަށް ފަހު އައިޖީއެމްއެޗަށް އޭނާ ދޫކޮށް، މަންމަ ފިލުމުންނެވެ.
ކުއްޖާގެ މަރަށް ފަހު ޖެންޑާ މިނިސްޓްރީން އޭރު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެޓާނީ ޖެނެރަލް އޮފީހާއި އައިޖީއެމްއެޗާއި ޕީޖީ އޮފީހުގެ އިިތުރުން ޝީގެ ފަރާތުން މަންދޫބުން ބައިވެރިވެގެން ކޮމެޓީއެއް އެކުލަވާލީ މުސްތަގުބަލުގައި އެފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް ބަލައި، އެ މައްސަލަ ހިނގަން މެދުވެރި ސަބަބު ދެނެގަތުމަށް ކަމަށެވެ.
ހިޔާގެ އެއްވެސް މުވައްޒަފެއްގެ އިހުމާލެއް އެކަމުގައި އޮތް ނަމަ، ފިޔަވަޅު އަޅާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
"މި ހިތާމަވެރި ހާދިސާއާ ގުޅިގެން، ކަން ހިނގާފައިވާ ގޮތެއް ބަލައި، މިކަމުގައި ޝާމިލުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނަމެވެ." އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެކަމަކު އެ މައްސަލަ މިހާރު ގޮސްފައިވާ ހިސާބު ނުވަތަ ފާހަގަކުރެވުނު ކަންކަން ހާމަކުރުމުގެ ވިސްނުމެއް އެއިން އެއްވެސް ތަނަކުން އަދި ނުގެންގުޅެ އެވެ.