ޖައްވަށް ދޫވެފައިވާ، މިހާރު ބޭނުންނުކުރާ ރޮކެޓެއްގެ ބައެއް ހަނދަށް ވެއްޓިފައިވާ ކަމަށް ނާސާގެ ސައިންސްވެރިން ބުނެފި އެވެ.
ބޭނުންނުކުރާ އެ ރޮކެޓްގައި ތިން ޓަނު ހުންނާނެ ކަމަށް ލަފާކުރާ އިރު، އޭގެ މިސްރާބުތައް ސައިންސްވެރިން ބަލަމުން އަންނަތާ އަހަރުތަކެއް ވެއްޖެ އެވެ. އެކަމަކު، އެއީ ކޮން ބަޔަކު ޖައްވަށް ފޮނުވި ރޮކެޓެއް ކަމެއް އަދިވެސް ނޭނގެ އެވެ.
އެންމެ ފުރަތަމަ އެސްޓްރޮމާސް ބުނި ގޮތުގައި ބެލެވެނީ އެއީ މަހުޖަނު އީލޮކް މަސްކް އޭނާގެ ސްޕޭސް އެކްސް ޕްރޮޖެކްޓަށް ޖައްވަށް ފޮނުވި ރޮކެޓެއްގެ ބައެއް ކަމަށެވެ. ނަމަވެސް ފަހުން ބުނީ އެއީ ޗައިނާ އިން ޖައްވަށް ފޮނުވި ރޮކެޓެއްގެ ބައެއް ކަމަށެވެ. އެކަމަކު، އެ ވާހަކަ ޗައިނާ އިން ވަނީ ދޮގުކޮށްފަ އެވެ.
އެ ރޮކެޓް ހަނދަށް ވެއްޓުނަސް، މާ ބޮޑު ކަމެއް ވެފައި ނުވާ ކަމަށް ސައިންސްވެރިން ލަފާކުރެ އެވެ. އެކަމަކު، އޭތި ވެއްޓުނު ތަނުން ވަޅުގަނޑެއް ހެދިފައި ހުރެދާނެ ބެލެވޭ ކަމަށާއި އުއްމީދުކުރަނީ ހަފުތާއެއްގެ ތެރޭގައި އެ މައުލޫމާތު ޔަގީންކުރެވޭނެ ކަމަށް ކަމަށޭ ވެސް ބުންޏެވެ.
އެ ރޮކެޓްގެ ބައެއް އެންމެ ފުރަތަމަ ފެނިފައި ވަނީ މާޗު 2015 ގަ އެވެ. އެ ރޮކެޓް ފެނުނީ އެރިޒޯނާގައި ނާސާ އިން ފަންޑުކޮށްގެން ހިންގާ ސްޕޭސް ސާވޭއެއްގައި މަސައްކަތްކުރި ސައިންސްވެރިންތަކަކަށެވެ.
ދުނިޔެއިން ޖައްވަށް ފޮނުވާފައިވާ ވަރަށް ގިނަ ރޮކެޓްތައް ވަނީ އޭގެ މިޝަން ފެއިލްވެ ޖައްވުގެ ތެރެއަށް ދޫވެފަ އެވެ. އެއަށް މިހާރު ކިޔަނީ "ސްޕޭސް ޖަންކް" އެވެ. ޔޫރަޕިއަން ސްޕޭސް އެޖެންސީ ލަފާކުރާ ގޮތުގައި ޖައްވުގައި 36،500 އަށް ވުރެ ގިނަ ސްޕޭސް ޖަންކްވެ އެވެ.