ތެލުގެ އަގު ބޮޑުވެފައިވާތީ މާލޭ ސަރަހައްދުގެ ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަން ޓެކްސީ ސެންޓަރުތަކުން ނިންމި ނިންމުން މިނިސްޓްރީއަށް މިއަދު ހުށަހަޅައިފި އެވެ.
މާލޭ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދެމުން އަންނަ ހުރިހާ ޓެކްސީ ސެންޓަރުތަކުގެ ފަރާތުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ފޮނުއްވި ސިޓީގައި ވަނީ ތަކެތީގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން ޓެކްސީ ހިދުމަތުގައި އުޅޭ މީހުންގެ މެދުގައި މަޝްވަރާތަކެއްކޮށް ބައެއް ކަންކަން ތަންފީޒުކުރަން ނިންމާފައިވާ ކަމަށެވެ.
ސިޓީގައި ބުނީ ޓެކްސީ ހިދުމަތުގެ އަގު ނެގުމާއި އެ ހިދުމަތުގައި އުޅޭ ހުރިހާ ކާރުތަކެއްގައި މީޓަރު ހަރުކޮށްގެން އަގު ނެގުމުގެ އިންތިޒާމު ވީއެންމެ އަވަހަކަށް ތަންފީޒުކުރުމަށް ހުރިހާ ޓެކްސީ ސެންޓަރުތަކުގެ އިއްތިފާގުން ފާސްވެ އެކަމުގެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށެވެ.
ޓެކްސީ ސެންޓަރުތަކުގެ އެ ސިޓީގައި ބުނީ ޓެކްސީގައި މީޓަރު ހަރުކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި އަގު ކަނޑައެޅުމުގެ އިހްތިޔާރު ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކަށް ލިބިފައިވާ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި މިނިސްޓްރީން އަމަލުކުރާ ގޮތުގެ ސަބަބުން ޑްރައިވަރުން މިނިސްޓްރީއާ މެދު ގިނަ ތުހުމަތުތަކެއް ކުރާ ކަމަށާއި އެ ދާއިރާގައި ގިނަ ގޮންޖެހުންތަކެއް ހުރިއިރު ޑްރައިވަރުންގެ ހައްގުތައް ވެސް ގެއްލިފައިވާ ކަމަށެވެ.
އެހެންވެ ޓެކްސީ ޑްރައިވަރުން ނިންމި ކަންކަމުގެ މަޝްވަރާތައް ކުރުމަށް މިނިސްޓަރާ ބައްދަލުކުރުމުގެ އިންތިޒާމު ހަމަޖައްސައިދޭން އެދުނެވެ. ސިޓީގައި ބުނީ އެ ސިޓީ ލިބޭތާ ފަސް ދުވަހުގެ ތެރޭގައި ބައްދަލުވުން ބާއްވާނެ ދުވަހެއް ހުރިހާ ސެންޓަރަކަށް އެންގުމަށެވެ. އަދި ފަސް ދުވަސް ތެރޭ ސިޓީގެ ޖަވާބު ނުލިބިއްޖެ ނަމަ، ހުރިހާ ސެންޓަރަކުން މިނިސްޓަރާ ބައްދަލުުރުމަށް މިނިސްޓްރީއަށް ދާނެ ކަމަށް ވެސް ސިޓީގައި ބުންޏެވެ.
ހުރިހާ ޓެކްސީ ސެންޓަރުތަކުން ފާސްކުރި އަގުތަކަށް ޓެކްސީ ދަތުރުތަކުގެ އަގުތައް ބަދަލުކޮށްދޭން އެދުނުއިރު އެ ބަދަލު ގެނެސްދޭން އެދުނީ ރާއްޖޭގައި ތެޔޮ އަގު ބޮޑުވެފައިވާތީ ކަމަށް ބުނެ އެވެ.
ޓެކްސީ އަގުތައް ބޮޑުކުރަން ހުށަހަޅާފައިވާ ގޮތް:
- މާލޭގެ އެތެރޭގެ ދަތުރެއް- 30ރ.
- ހުޅުމާލޭގެ ފޭސް އެކެއް އަދި ދޭއްގެ އެތެރޭގެ ދަތުރުތައް - 25ރ. - މާލެއިން ހުޅުމާލެ އަށް - 100ރ. - މާލެ އާއި ހުޅުމާލެ އިން އެއާޕޯޓަށް - 80ރ.
- ހުޅުމާލޭގެ ފޭސް ދެއަކުން މާލެ އަށް - 120ރ.
- ހުޅުމާލޭގެ ފޭސް އެކަކުން ހުޅުމާލޭގެ ފޭސް ދެއަކަށް - 40ރ.
- މާލެ އާއި ހުޅުމާލެ އިން ސީޕްލޭން ޓާމިނަލަށް - 100ރ.
- ހުޅުމާލޭގެ ފޭސް ދެއަކުން ސީޕްލޭން ޓާމިނަލަށް - 120ރ. އެގޮތަށް އަގު ބޮޑުކުރަން ނިންމިޔަސް ރޭގަނޑު 12:00 އިން ހެނދުނު 6:00 އާ ހަމައަށް ކުރާ ޓެކްސީ ދަތުރުތަކުން އިތުރަށް ފަސް ރުފިޔާ ނަގަން ވަނީ ނިންމައިފަ އެވެ.
މާލޭގެ އެތެރޭގައި ޓެކްސީ ދަތުރެއްގެ އަގު މިހާތަނަށް 25ރ. އަށް ކަނޑައަޅާފައި އޮތީ ޕެޓްރޯލް ލީޓަރެއްގެ އަގު 8ރ. ގައި ހުރި އިރެވެ. މިހާރު ޕެޓްރޯލް ލީޓަރެއްގެ އަގު ހުރީ 14.60ރ. ގަ އެވެ.
އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަން ޑްރައިވަރުން ނިންމުމާ އެކު މިނިސްޓްރީން ވަނީ އިންޒާރު ވެސް ދީފަ އެވެ.
ޓެކްސީ ގަވައިދުގައިވާ ގޮތުން، އެ ގަވައިދާ ހިލާފުވާ ފަރާތްތަކަށް ނަސޭހަތާއި އިންޒާރު ދޭންޖެހޭނެ އެވެ. އަދި ގަވައިދާ ހިލާފަށް ޓެކްސީގެ ހިދުމަތް ދިނުމަކީ ކުށެކެވެ. އެ ފަދަ ކުށެއް ކުރާ މީހުންނާއި ޓެކްސީ ސެންޓަރާއި ޑްރައިވަރުންގެ ފުރަތަމަ އަދަބަކީ ފުރަތަމަ ފަހަރަށް ނަމަ 500ރ. އަދި ދެ ވަނަ ފަހަރު ނަމަ 1،000ރ. އިން ޖޫރިމަނާކުރުމެވެ.
އިތުރަށް އެފަދަ ކުށެއް ތަކުރާރުކޮށްފިނަމަ އެ ފަރާތެއްގެ ލައިސަންސް ބާތިލްކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެ އެވެ.