މާލެ ސަރަހައްދުގައި ޓެކްސީ ދަތުރުތަކުގެ އަގު މުރާޖައާ ކޮށްދިނުމަށް ޑްރައިވަރުން ހުށަހަޅާފައިވާ ހުށަޙެޅުމާ ގުޅިގެން އަންނަ ހަފުތާގައި ޖަވާބު ދޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިރޭ އަންގައިފި ކަމަށް ޑްރައިވަރުން ބުނެފި އެވެ.

ތެލުގެ އަގު ކައިރިކައިރީގައި އުފެލުމުންދާތީ، މިއަދުން ފެށިގެން ޓެކްސީ ދަތުރުތައް ކޮށްދޭ އަގުބޮޑުކުރަން ސެންޓަރުތަކުން ނިންމައި މި ހަފުތާގައި ވަނީ އެކަން ޓްރާންސްޕޯޓް މިނިސްޓްރީ އަށް އަންގައިފަ އެވެ. ނަމަވެސް ސަރުކާރުން ކަނޑައަޅާފައިވާ އަގެއްގައި ނޫނީ ދަތުރުތައް ނުކޮށްދެވޭތީ، މިހާރު އާއްމުކޮށްފައިވާ އަގުތައް މުރާޖައާ ކޮށްދިނުމަށް ޓެކްސީ ސެންޓަރުތަކުން ސަރުކާރުގައި އެދުނީ އެވެ.

އެކަމަކު، ސަރުކާރުގެ ރަސްމީ ގަޑި މިއަދުގެ މެންދުރު ދޭއްޖެހުމާ ހަމައަށް ނިމުނުއިރު ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަކި ޖަވާބެއް ނުދިނުމުން ހުޅުމާލޭގައި ޓެކްސީ ޑްރައިވަރުން އިހުތިޖާޖެއް ފެށި އެވެ. އަދި މިރޭ އަށެއްގެ ފަހުން އެ ހަރަކާތް ފުޅާކޮށް، އަޑުގަދަކުރާ ބޭނުންކޮށްގެން ބައެއް ޑްރައިވަރުން އަޑުއުފުލި އެވެ. ހުޅުމާލޭގެ ރުއްގަނޑު ދޭއް ސަރަހައްދުގައި ބޭއްވި އިހުތިޖާޖުގައި ވާހަކަ ދެއްކި މީހުން ވަނީ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާގެ އިސްތިއުފާ އަށް ގޮވައި، އެ މީހުންގެ ހައްގުތައް ހޯދައި ދިނުމަށް އިލްތިމާސްކޮށްފަ އެވެ.

ހުޅުމާލޭގައި ކުރި އިހުތިޖާޖަށް ފަހު، ޓެކްސީތައް މާލެ ދިއުމަށް ބްރިޖަށް އަރަން ދަނީ: އެކަމަކު ފުލުހުން ހުއްޓުވުމުން މާލެ ދިއުމަށް ވަނީ ހުރަސްއެޅިފައި.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ހުޅުމާލޭގައި ކުރި އިހުތިޖާޖަށް ފަހު، ޓެކްސީތައް މާލެ ދިއުމަށް ބްރިޖަށް އަރަން ދަނީ: އެކަމަކު ފުލުހުން ހުއްޓުވުމުން މާލެ ދިއުމަށް ވަނީ ހުރަސްއެޅިފައި.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެ އިހުތިޖާޖުކޮށް އިސްކޮށް ހަރަކާތްތެރިވާ ޑްރައިވަރަކު ބުނީ ޓެކްސީ ދަތުރުތަކުގެ އަގުތަކާ ގުޅޭގޮތުން އަންނަ ހަފުތާގައި ޖަވާބެއް ދެވޭތޯ ބަލާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިރޭ އަންގާފައިވާ ކަމަށެވެ. ނަމަވެސް އަގުތަކަށް އެދެވޭ ބަދަލެއް ގެނެސްގެން ނޫނީ އިހުތިޖާޖު ހުއްޓާ ނުލާނެ ކަމަށް އޭނާ ބުންޏެވެ.

"ކޮޅެއްގައި ޖައްސާފައި ނިންމާނީ. ހުއްޓައެއް ނުލާނަން،" އެ ޑްރައިވަރު ބުންޏެވެ.

ހުޅުމާލޭގައި އިހުތިޖާޖުކުރުމަށް ފަހު، ޓެކްސީ ޑްރައިވަރުން ނިންމީ މާލެ ގޮސް ހުރިހާ ޓެކްސީތަކުން އެއް ސަފެއްގައި ތިބެގެން ބުރެއް އަޅައިލުމަށެވެ. އެކަމަކު، މާލެ ދިއުމަށް ސިނަމާލެ ބްރިޖަށް އަރަން ދިޔަ ޓެކްސީތައް ފުލުހުން ނުކުމެ ހުއްޓުވުމުން ޑްރައިވަރުން ވަނީ އަނބުރާ ހުޅުމާލޭގައި އިހުތިޖާޖު އަލުން ފަށައިފަ އެވެ.

އެ ހަރަކާތުގެ ތެރެއިން މިހާރު ވަނީ ޓެކްސީ ހޯދަން ބޭނުންކުރާ މޮބައިލް އެޕްލިކޭޝަންތައް ޑައުންކޮށް، ޓެކްސީ ސެންޓަރުތައް ވެސް ބަންދުކޮށްފައިވެ އެވެ.

ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރުމާ ގުޅޭ ގޮތުން ޓެކްސީ ސެންޓަރުތަކުން ވަނީ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާއާ ވެސް އިއްޔެ ބައްދަލުކޮށްފަ އެވެ. އެކަމަކު، އެ ބައްދަލުވުމުން ވެސް ކުރިއެރުމެއް ނުލިބުނު ކަމަށް ޑްރައިވަރުން ބުނެ އެވެ. ސަރުކާރުން ބުނަނީ ކަމާ ގުޅޭ އިދާރާތަކާ މަޝްވަރާ ކުރުމަށް ފަހު ވަކި ގޮތެއް ނިންމާނެ ކަަމަށެވެ.