މިއަދު ވެސް މާލެ ސަރަހައްދުގައި ޓެކްސީ ދަތުރުތައް ނުކުރަން ނިންމައި މާލޭގައި އިހުތިޖާޖު ކުރަން ޓެކްސީ ޑްރައިވަރުން ނިންމައިފި އެވެ.
ތެލުގެ އަގު ކައިރިކައިރީގައި އުފެލުމުން ދާތީ، އިއްޔެއިން ފެށިގެން ޓެކްސީ ދަތުރުތައް ކޮށްދޭ އަގުބޮޑުކުރަން ސެންޓަރުތަކުން ނިންމައި މި ހަފުތާގައި ވަނީ އެކަން ޓްރާންސްޕޯޓް މިނިސްޓްރީ އަށް ވެސް އަންގައިފަ އެވެ. ނަމަވެސް ސަރުކާރުން ކަނޑައަޅާފައިވާ އަގެއްގައި ނޫނީ ދަތުރުތައް ނުކޮށްދެވޭތީ، މިހާރު އާއްމުކޮށްފައިވާ އަގުތައް މުރާޖައާ ކޮށްދިނުމަށް ޓެކްސީ ސެންޓަރުތަކުން ސަރުކާރުގައި އެދުނެވެ.
އެކަމަކު، ސަރުކާރުގެ ރަސްމީ ގަޑި އިއްޔެ ހަމަވި އިރު ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަކި ޖަވާބެއް ނުދިނުމުން ހުޅުމާލޭގައި ޓެކްސީ ޑްރައިވަރުން އިހުތިޖާޖެއް ފެށި އެވެ. އަދި ރޭ 8 ގެ ފަހުން އެ ހަރަކާތް ފުޅާކޮށް، އަޑުގަދަކުރާ ބޭނުންކޮށްގެން ބައެއް ޑްރައިވަރުން އަޑުއުފުލި އެވެ.
ހުޅުމާލޭގެ ރުއްގަނޑު ދޭއް ސަރަހައްދުގައި ބޭއްވި އެ އިހުތިޖާޖުގައި ވާހަކަ ދެއްކި މީހުން ވަނީ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާގެ އިސްތިއުފާ އަށް ގޮވައި، އެ މީހުންގެ ހައްގުތައް ހޯދައި ދިނުމަށް އިލްތިމާސްކޮށްފަ އެވެ.
މިއަދު މާލޭގައި އިހުތިޖާޖުކުރަން ނިންމާފައި ވިޔަސް، އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.
އެ އިހުތިޖާޖުގައި އިސްކޮށް ހަރަކާތްތެރިވާ ޑްރައިވަރަކު ބުނީ ޓެކްސީ ދަތުރުތަކުގެ އަގުތަކާ ގުޅޭގޮތުން އަންނަ ހަފުތާގައި ޖަވާބެއް ދެވޭތޯ ބަލާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ރޭ އެންގި ކަމަށެވެ. ނަމަވެސް އަގުތަކަށް އެދެވޭ ބަދަލެއް ގެނެސްގެން ނޫނީ އިހުތިޖާޖު ހުއްޓާ ނުލާނެ ކަމަށް އޭނާ ބުންޏެވެ.
ހުޅުމާލޭގައި އިހުތިޖާޖުކުރުމަށް ފަހު، ޓެކްސީ ޑްރައިވަރުން ނިންމީ މާލެ ގޮސް ހުރިހާ ޓެކްސީތަކުން އެއް ސަފެއްގައި ތިބެގެން ބުރެއް އަޅައިލުމަށެވެ. އެކަމަކު، މާލެ ދިއުމަށް ސިނަމާލެ ބްރިޖަށް އަރަން ދިޔަ ޓެކްސީތައް ފުލުހުން ނުކުމެ ހުއްޓުވުމުން ޑްރައިވަރުން ވަނީ އަނބުރާ ހުޅުމާލޭގައި އިހުތިޖާޖު އަލުން ފަށައިފަ އެވެ. އެންމެފަހުން، ހުޅުމާލޭގައި ޓްރެފިކް ތޮއްޖެހި، ސިނަމާލެ ބްރިޖަށް ދާން އޮންނަ ހައިވޭގެ ޓްރެފިކް ފްލޯ ވެސް ރޭ ގިނައިރުތަކެއް ވަންދެން ބަންދުވި އެވެ.
އެ ހަރަކާތުގެ ތެރެއިން މިހާރު ވަނީ ޓެކްސީ ހޯދަން ބޭނުންކުރާ މޮބައިލް އެޕްލިކޭޝަންތައް ޑައުންކޮށް، ޓެކްސީ ސެންޓަރުތައް ވެސް ބަންދުކޮށްފަ އެވެ.
ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރުމާ ގުޅޭ ގޮތުން ޓެކްސީ ސެންޓަރުތަކުން ވަނީ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާއާ ވެސް މިދިޔަ ބުދަ ދުވަހު ބައްދަލުކޮށްފަ އެވެ. އެކަމަކު، އެ ބައްދަލުވުމުން ވެސް ކުރިއެރުމެއް ނުލިބުނު ކަމަށް ޑްރައިވަރުން ބުނެ އެވެ. ސަރުކާރުން ބުނަނީ ކަމާ ގުޅޭ އިދާރާތަކާ މަޝްވަރާ ކުރުމަށް ފަހު ވަކި ގޮތެއް ނިންމާނެ ކަަމަށެވެ.