ޓެކްސީ ސެންޓަރުތަކުން އަމިއްލަ އަށް ކަނޑައެޅި އަގުތަކަށް މިދިޔަ ހުކުރު ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ބައެއް ޑްރައިވަރުން ދަތުރުތައް ކޮށްދެމުން ދެމުން ދާއިރު ވެސް ފިޔަވަޅު އެޅުމުގެ ބަދަލުގައި އިންޒާރުގެ ނޫސްބަޔާނެއް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރެފި އެވެ.

ރާއްޖޭގެ ބާޒާރުގައި ވެސް ތެލުގެ އަގު ކައިރިކައިރީގައި ބޮޑުވަމުންދާތީ، ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކޮށްދިނުމަށް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ހުށަހެޅި ނަމަވެސް މިއަދާ ހަމައަށް އެ މިނިސްޓްރީން ދަނީ ހުރިހާ ގޮތަކުން ވެސް ފަހަތުފަޔަށް ބުރަވަމުންނެވެ. އެ މީހުންނަށް ޖަވާބެއް ނުދީ ގޮތެއް ކަނޑައެޅުން ލަސްކުރުމާއި އަދި ސަރުކާރުން އިއުލާން ކޮށްފައިވާ އަގުތަކަށް ޓެކްސީ ސެންޓަރުތަކުން ގޮންޖަހައި، އެ މީހުން ބޭނުން އަގެއް ނަގަމުންދާތާ ތިން ދުވަސް ވީއިރު ވެސް ފިޔަވަޅު ނާޅާކަމުގެ ޝަކުވާ ވަރަށް ބޮޑެވެ.

އެ މައްސަލައިގައި ސަރުކާރަށް ވެސް ފާޑުކިޔަމުން ދަނިކޮށް، ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެ މިނިސްޓްރީން ކަނޑައަޅާފައިވާ އަގަށް ވުރެ އިތުރަށް ފައިސާ ނަގާ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

ބަޔާން ނެރުމާ ގުޅިގެން، މިހާތަނަށް އެޅި ފިޔަވަޅަކީ ކޮބައިތޯ ބައެއް ނޫސްވެރިން ސުވާލުކުރުމުން މިނިސްޓްރީން ޖަވާބެއް ނުދެ އެވެ.

ސަރުކާރުގެ ބަޔާނުގައި ބުނީ ޓެކްސީ ހިދުމަތަކީ ރައްޔިތުންނާ ގުޅުން ހުރި އަސާސީ ކަމަކަށް ވާތީ، ހުރިހާ ގައުމެއްގައި ވެސް އެ ހިދުމަތް ރެގިއުލޭޓް ކުރާ ކަމަށެވެ. އަދި ބުނީ ޓެކްސީތަކަށް ހުއްދަ ދިނުމާއި ޓެކްސީ ދަތުރުކުރުމުގެ އަގު ކަނޑައެޅުމަކީ ހިދުމަތް ހޯދާ މީހުންނާއި ހިދުމަތް ދޭ ފަރާތުގެ ހައްގުތައް ހިމާޔަތް ކުރެވޭ ގޮތަށް ކަނޑައަޅާ ކަމެއް ކަމަށެވެ.

ތެލަށް އައި ބަދަލާ ގުޅިގެން ޓެކްސީ ދަތުރުތަކުގެ އަގަށް ބަދަލު ގެންނަން 16 ޓެކްސީ ސެންޓަރެއް ހިމެނޭ ގޮތަށް މިދިޔަ ހޯމަ ދުވަހު ސިޓީއެއް ހުށަހަޅާފައިވާކަން ފާހަގަކޮށް، އެ ސިޓީގައި ބަޔާންކޮށްފއިވާ ކަންކަމާ ގުޅުވައިގެން މިނިސްޓްރީން ބުނީ، ޓެކްސީ ހިދުމަތަކީ ހުރިހާ ރައްޔިތުންނާ ވެސް ގުޅޭ އަސާސީ ހިދުމަތަކަށް ވާތީ ދެ ފަރާތުގެ ހައްގު ހިމާޔަތް ކުރުމަކީ އެ އިދާރާގެ ޒިންމާއެއް ކަމަށެވެ. އަދި އަގު ކަނޑައެޅުމަކީ ޓެކްސީގެ ގަވާއިދުން ވެސް ޓެކްސީ ސެންޓަރުތަކަށް ލިބޭ ބާރެއް ނޫން ކަމަށާއި އެއީ މިނިސްޓްރީއަށް ލިބޭ ބާރެއް ކަމަށް އެ ބަޔާނުގައި ބުންޏެވެ.

"... އަދި ޓެކްސީ ސެންޓަރުތަކުން ހުށަހެޅުއްވި އެހެނިހެން ކަންކަމުގައި ވަގުތުން ވަގުތަށް ފިޔަވަޅު އަޅައި ދެވެން ހުރި ކަންކަމަށް ފިޔަވަޅު އަޅައިދޭނެ ކަމަށާއި އެހެން ކަންކަން ހައްލު ކޮށްދެއްވުމަށް ދެ ފަރާތުން މަޝްވަރާ ކޮށްގެން ގޮތެއް ހޯދާނެ ކަމަށެވެ،" ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި ވަނީ ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކުން އެ މީހުންގެ ޑިމާންޑްތަކާއެކު، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގަނޑު ހުޅުމާލެ އާއި މާލެއާ ގުޅޭ ހައިވޭ މަގު ބަންދުވާ ގޮތަށް އަމަލުކުރިކަން ފާހަގަކޮށްފަ އެވެ. ޑްރައިވަރުންގެ އެ އަމަލުގެ ސަބަބުން އާންމު ދަތުރުތައް ވެސް ހުއްޓާލުމުގެ ސަބަބުން އެތައް ބަޔަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވިކަން ވެސް ބަޔާނުގައި ބުންޏެވެ.

އިހުތިޖާޖުކުރުމަށް މާލެ އައުމަށް ތައްޔާރުވިތަނާ ހުޅުމާލެއިން ބްރިޖަށް އަރާ ސަރަހައްދުން ޓެކްސީތައް ހުއްޓުވާފައި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އިހުތިޖާޖުކުރުމަށް މާލެ އައުމަށް ތައްޔާރުވިތަނާ ހުޅުމާލެއިން ބްރިޖަށް އަރާ ސަރަހައްދުން ޓެކްސީތައް ހުއްޓުވާފައި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"ޓެކްސީ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު އަގެއް ނުނެގުމަށާއި ޓެކްސީގެ ހިދުމަތަށް ބުރޫ ނާރާނެ ގޮތަށް ޓެކްސީ ހިދުމަތް ދިނުމަށް މިނިސްޓްރީން އިލްތިމާސްކުރަމެވެ،" ބަޔާނުގައި ވެ އެވެ.

"ގަވާއިދުން ބާރު ލިބިގެން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑު އަގު ނަގާ ޓެކްސީ ޑްރައިވަރުންނާއި އަދި ސެންޓަރުތަކާ މެދު ވެސް ޓެކްސީ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ."

ޓެކްސީ ސެންޓަރުތަކުން ބޭނުންވި އަގުތަކަށް ޓްރާންސްޕޯޓް މިނިސްޓްރީ އަށް ގޮތެއް ނުނިންމި ލަސްވާތީ، ބައެއް ޑްރައިވަރުން ދަތުރުތައް ހުއްޓާލައި މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 އިން އެ ރޭގެ 9:30 ހާއިރު ހުޅުމާލޭގައި އިހުތިޖާޖު ކުރި އެވެ. އަދި އެ އިހުތިޖާޖު ނިންމާލައި، އެ ހަރަކާތުގައި ބައިވެރިވި ޑްރައިވަރުން އެ މީހުންގެ ޓެކްސީތަކުގައި އެއް ވަގުތެއްގައި މާލެ އަންނަން ސިނަމާލެ ބްރިޖަށް އަރަން ދަނިކޮށް، ފުލުހުން ހުއްޓުމުން ބްރިޖް ސަރަހައްދުގެ ޓްރެފިކް ދެ ގަޑިއެއްހާއިރަށް ބަންދުވެ އެތައް ބަޔަކަށް އުނދަގޫތަކެއް ކުރިމަތިވި އެވެ.

ސެންޓަރުތަކުން ކަނޑައެޅި އަގުތަކުގައި މިދިޔަ ހުކުރު ދުވަހުން ފެށިގެން ބައެއް ޑްރައިވަރުން ދަތުރުކުރާއިރު، އެ ދުވަހު މާލޭގައި އިހުތިޖާޖު ކުރަން ނިންމި އެވެ. އެކަމަކު، ވަކި ހިސާބަކުން އިހުތިޖާޖު ކުރުމުގެ ވިސްނުން ދޫކޮށްލައި، ސެންޓަރުތަކުން އަމިއްލަ އަށް ކަނޑައެޅި އަގުތަކަށް ދަތުރުކުރަން ފެށީ އެވެ.