މި އަހަރު އިޓަލީ އަށް ކައިވެނިކުރަން ދާ މީހުންނަށް ކައިވެނީގެ ހުރިހާ ހަރަދެއް ހަމަޖައްސައިދޭ ކެމްޕެއިނެއް އެ ގައުމުން ފަށައިފި އެވެ.
އެއީ ކޮވިޑަށް ފަހު އިޓަލީގެ ޓޫރިޒަމް ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ދަށުން ފެށި ކެމްޕެއިނެކެވެ. އެ ފުރުސަތު ވަނީ އިޓަލީ އާއި އެހެން ގައުމުތަކުގެ މީހުންނަށް ވެސް ހުޅުވާލައިފަ އެވެ.
އިޓަލީގެ ވެރިރަށް ރޯމްގެ ސަރަހައްދެއް ކަމަށްވާ ލަޒިއޯ އިން އިސްވެ، އިންތިޒާމުކުރާ އެ ކެމްޕެއިންގައި އެ ސަރަހައްދަށް ކައިވެނިކުރަން ދާ ކޮންމެ ކަޕުލްއަކު، ކައިވެނީގެ ހަރަދުތައް ހަމަޖައްސަން، އަނބުރާ ލިބޭ ގޮތަށް 2،200 ޑޮލަރު ދޭން ޖެހެ އެވެ. ހަރަދުތައް އެއަށް ވުރެ އިތުރު ވިޔަސް، އަނބުރާ ލިބޭނީ ހަމަ އެވަރެވެ. އިތުރަށް ދާ ހަރަދު ހަމަޖައްސަން ޖެހޭނީ އަމިއްލަ އަށެވެ.
އިޓަލީގެ ކޮވިޑް ރިކަވަރީ ފަންޑުން މުޅި އެ ކެމްޕެއިނަށް ކަނޑައަޅާފައިވާ 11 މިލިއަން ޑޮލަރުގެ ބަޖެޓެކެވެ. އެ އަދަދު ހަމަވަންދެން މީހުންނަށް ފުރުސަތު ދޭނެ އެވެ.
އެ ފުރުސަތު ލިބިއްޖެ ނަމަ، ކައިވެނި ޕާޓީ އާއި ހަނީމޫނުގެ ހަރަދުތައް ވެސް އޭގެން ހަމަޖައްސައިދޭ ޕެކޭޖެއް ލިބޭނެ އެވެ. އެ ޕެކޭޖުގައި ވެޑިން އައުޓްފިޓް، އަނގޮޓި، މާ، ހެއާ އެންޑް މޭކަޕް، ފޮޓޯ، ވެނިއު އަދި ކޭޓަރިން ކަހަލަ ހުރިހާ ކަމެއް ވެސް ހިމެނެ އެވެ. ކޭޓަރިންނާއި ހަނީމޫނަށް އެ ބަޖެޓުން ހޭދަކުރެވޭނީ ގިނަވެގެން 770 ޑޮލަރެވެ.
ކައިވެނީގެ ހަފުލާ އިންތިޒާމުކުރުމުގެ ހުރިހާ ކަމެއް ވެސް ހަވާލުކުރެވޭނީ ލަޒިއޯގައި އެ މަސައްކަތް ކޮށްދޭ ފަރާތްތަކަށް އެކަންޏެވެ.
ހުރިހާ ޕޭމަންޓެއް ދައްކަން ޖެހެނީ "ފޭސް ޓު ފޭސް" ކޮށެވެ. އޮންލައިކޮށް އެއްވެސް ޕޭމަންޓެއް ބަލައެއް ނުގަންނާނެ އެވެ. ކައިވެންޏަށް ކުރާ ހަރަދު ކަށަވަރުކޮށްދިނުމުގެ ގޮތުން، ފައިސާ އަނބުރާ ހޯދަން ދާއިރު، އެއީ ކައިވެންޏަށް ކުރި ހަރަދުކަން އަންގައިދޭ ޓެކްސް އޮފިޝަލް އިންވޮއިސެއް ވެސް ހުށަހަޅަން ޖެހެ އެވެ. ދެއްކި ފައިސާ އަނބުރާ ލިބޭނީ އޭރުންނެވެ.
އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.