ޚިޔާލު ތަފާތުވުން އުފެދުމާ އެކު މެދު ޒިޔާރަތް ހުޅުވާނުލަން ނިންމައިފި

ރާއްޖެ އިސްލާމްވި ދުވަސް މި އަހަރު ފާހަގަކުރަން މެދު ޒިޔާރަތް އާއްމުންނަށް ހުޅުވާލައި އެތަނުގެ އެތެރެ ދައްކާލަން ސަރުކާރުން ނިންމުމުން ބައެއް އިލްމުވެރިން އެކަމާ ހިޔާލުތަފާތުވެ ފާޑުކިޔުމުން، އެތަން ހުޅުވާނުލާން ނިންމައިފި އެވެ.


މެދު ޒިޔާރަތަކީ ރާއްޖެ އިސްލާމްކުރެއްވި އަބްލް ބަރަކާތު ޔޫސުފުލް ބަރުބަރީ ފަސްދާނުލާފައި އޮތް ތަނެވެ.

އިސްލާމިކް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އާއި އިތުރު ބައެއް އިދާރާތައް ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވީ މިއަދުން ފެށިގެން ހަފުތާއެއްގެ މުއްދަތަށް، މެދު ޒިޔާރަތް ދައްކާލަން ހުޅުވާފައި ބަހައްޓާނެ ކަމަށެވެ.

އެތަން ރީތިކުރުމުގެ ގޮތުން ސިފައިން މިހާރު ގެންދަނީ އާބާތުރަ ވެސް ފިލުވަމުންނެވެ.

އެކަމަކު މިއަދު ސަލީމު ވިދާޅުވީ "ހިޔާލު ތަފާތުވުންތަކާ ހެދި ދެން އެތަން ހުޅުވާނުލާނެ" ކަމަށެވެ.

"އެކަމަކު އެއީ އިސްލާމީ ތާރީހާ ގުޅޭ ތަނަކަށް ވުމުން އެތަނާ ގުޅޭ މައުލޫމާތު އެ ސަރަހައްދުގައި ދޭނަން. އަޅުގަނޑުމެން މިހާރު ނިންމާފައި އޮންނާނީ އެތަން ހުޅުވާލައި މީހުންނަށް އެތަނަށް ވަނުމުގެ ފުރުސަތު ނުދޭން،" ސަލީމް ވިދާޅުވި އެވެ.

މެދު ޒިޔާރަތް އާންމުންނަށް ހުޅުވާލުމާ މެދު ޚިޔާލު ތަފާތުވި ބޭފުޅުންގެ ތެރޭގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ހިމެނިވަޑައިގަނެ އެވެ.

ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަގުބަރާތަކަކީ މުގައްދަސް ތަނެއް ނޫން ކަމަށެވެ. އަދި އެ ތަންތަނަށް ގޮސް، ކަންކަމުގައި ދެންނެވުމާއި ބަރަކާތް ހޯދުން ފަދަ ކަންކަމުން ދުރުވާން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ދީނީ ޖަމިއްޔާ، ޖަމިއްޔަތުއްސަލަފްގެ ނައިބު ރައީސް ޝައިހް ހަސަން މޫސާ ފިކުރީ ވިދާޅުވީ މެދު ޒިޔާރަތަކީ މާތް ތަނެއް ނޫން ކަމަށެވެ. އަދި އެތަން ބަލަން ދިޔުމަކީ ބިދުއައެއް އުފަން ކުރުމުގެ ފެށުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފިކުރީ ވިދާޅުވީ ޒިޔާރަތްތަކަށް ގޮސް ދުއާކޮށް އުޅުނު އުޅުން ރާއްޖެއިން ނެތިފައި ވަނިކޮށް، އަލުން އެކަން ދިރުވާ އާލާކުރުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.

"ގަބުރުތަކުގެ މަތީގައި ބިނާ ހެދުމަކީ ކީރިތި ރަސޫލާ ނަހީ ކުރައްވާފައިވާ ކަމެއް. ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމުގެ ނަމުގައި ހިންގާ މުންކަރާތްތަކާއި ބިދުއަތައް ހުއްޓާލަން ގޮވާލަން،" ކަމަށް ފިކުރީގެ ފޭސްބުކް ޕޭޖްގައި ލިއުއްވާފައިވެ އެވެ.

ދީނީ އިމްލުވެރިޔާ ޝޭހު އަލީ ޒާހިރު ވިދާޅުވީ މެދު ޒިޔާރަތް ޒީނަތްތެރިކޮށް، އާއްމުންނަށް ހުޅުވާލުމަކީ ތައުހީދުގެ ބިމުގައި އުވި ގޮސްފައިވާ ޝިރުކާއި ބިދުއަ އަލުން ދިރިގެން ހިނގައިދާނެ ކަމެއް ކަމަށެވެ.