ރުގުޔާ ކުރުމުގެ ނަމުގައި ގަބުރުސްތާނަށް ވަދެ، މަހާނަތައް ނަގައި ނުވަތަ ކޮނެގެން ސިހުރު ހޯދުމުގެ ނަމުގައި ހިންގާ އަމަލުތަކަކީ ހަރާމްކަމެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ ޝަރުއީ ރުގުޔާ ކުރުމުގެ ނަމުގައި ގަބުރުސްތާނަށް ވަދެ މަހާނަ ކޮށްނަ ކަމުގެ މައުލޫމާތު ބައެއް ފަހަރު ލިބޭ ކަމަށާއި އެއީ ޤުރުއާނާ ސުންނަތުން ސާބިތުވާ ކަމެއް ނޫން ކަމަށެވެ. 

ރުގުޔާއަކީ ބަލިމީހާއަށް ޝިފާއަށް އެދިގެން ޤުރުއާން ކިޔަވައި، އޭނާގެ ގަޔަށް ފުމުން ނުވަތަ ފެނަށް ކިޔަވައި ފެން ބޯން ދިނުން ނުވަތަ ޝިފާއަށް އެދި އެކަމުގައި ސުންނަތުން ސާބިތުވެފައިވާ ދުއާތައް ކިއުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޝަރުއީ ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ކޮށްނަކަމުގެ މައުލޫމާތު ވެސް ބައެއް ފަހަރު ލިބޭ. މިއީ ހުއްދަ ކަންކަމެއް ނޫން. ޝަރުއީ ރުޤްޔާކުރުމުގައި އެފަދަ އެއްވެސް އަމަލެއް ހިންގުމަކީ ޤުރްއާނާއި ސުންނަތުން ސާބިތުވާ ކަމެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

"މިހެންކަމުން ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމްވެގެންވާ ޢަމަލުތަކެއް."

މިނިސްޓަރު ވިދާޅުވި ގޮތުގައި ރުގުޔާ ކުރުމުގެ ނަމުގައި ޝަރުއީ ގޮތުން ހުއްދަ ނޫން ނޭދެވޭ އަމަލުތައް ބައެއް މީހުން ހިންގަމުންދާކަން މިފަހުން ވަނީ ސަމާލުކަމަށް އައިސްފަ އެވެ.  އެ ކަންކަމާ މެދު ރައްކާތެރިވާން އެދިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބަލިތަކަށް ޝިފާ ދެއްވަނީ މާތް ﷲ އެވެ. ދުއާ ކުރުމާއި ބޭސް ބޭނުންކުރުން ފަދަ ސަބަބުތަކުގައި ހިފުމަކީ އިސްލާމްދީން އަންގަވާފައިވާ ގޮތެވެ،" ޝަހީމް ވިދާޅުވި އެވެ.