އިސްލާމިކް މިނިސްޓްރީން އިންތިޒާމު ކޮށްގެން ރާއްޖޭގައި ބާއްވާ ގުރުއާން ހިފްޒުކުރުމުގެ ބައިނަލްއަގްވާމީ މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތައް ނިމިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު  ވިދާޅުވެއްޖެ އެވެ.

ފޭސްބުުކްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ ސައުތު އޭޝިއާގެ ގައުމުތަކަށް ހުޅުވާލައިގެން ބާއްވާ އެ މުބާރާތުގެ ފައިނަލް ތައްޔާރީތައް ނިމިފައިވާ ކަމަށެވެ. އެއީ އިސްލާމިކް މިނިސްޓްރީ އާއި ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީ ގުޅިގެން އިންތިޒާމު ކުރާ މުބާރާތެކެވެ. 

ޝަހީމް ވިދާޅުވި ގޮތުގައި އެ އިންތިޒާމުތަކުގައި ބައިވެރިވެ، ކަންކަން ފައިނަލްކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ވަނީ ސައުދީ މިނިސްޓްރީގެ ހާއްސަ މަންދޫބަކު ވެސް ރާއްޖެ ވަޑައިގެންފަ އެވެ. 

ހިފްޒުކުރުމުގެ ބައިނަލްއަގްވާމީ ގުރުއާން މުބާރާތުގެ ފަހުގެ ތައްޔާރީތަކާ ގުޅޭ ގޮތުން ސައުދީން ވަޑައިގެންނެވި މަންދޫބާ އެކު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މަޝްވަރާކުރައްވަނީ.
ހިފްޒުކުރުމުގެ ބައިނަލްއަގްވާމީ ގުރުއާން މުބާރާތުގެ ފަހުގެ ތައްޔާރީތަކާ ގުޅޭ ގޮތުން ސައުދީން ވަޑައިގެންނެވި މަންދޫބާ އެކު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މަޝްވަރާކުރައްވަނީ.

އެ މުބާރާތަށް ހަރަދު ކުރަނީ ސައުދީ ސަރުކާރުންނެވެ. އެހެންވެ، އެ ޕޯސްޓުގައި ޝަހީމް ވަނީ މުބާރާތް އިންތިޒާމުކުރުމުގައި އެ ގައުމުގެ ސަރުކާރުންދޭ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ. 

އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ އެ މުބާރާތުގައި ސައުތު އޭޝިއާގެ ގައުމުތަކުން ބައިވެރިން ވާދަކުރާނެ ކަމަށާއި އެއީ ގުރުއާން ހިފްޒުކުރާ ބައިވެރިން އެއް ތަނަަަކަށް ޖަމާވެ، ދާއިރާ ކުރިއެރުވުމަށް ލިބޭ ފުރުސަތެއް ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި އެ މުބާރާތުގެ ސަބަބުން އިސްލާމީ ތައުލީމުގެ ދާއިރާ ވަރުގަދަވެ، ސަރަހައްދީ ގުޅުން ވެސް ވަރުގަދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

ޝަހީމް ވިދާޅުވީ ގުރުއާން ތައުލީމު ކުރިއެރުވުމާއި ހާފިޒުންގެ ޖީލެއް ބިނާކުރުމަށް ބާއްވާ އެ މުބާރާތް ކޮންމެ އަހަރަކު ބޭއްވުމަށް އުއްމީދު ކުރައްވާ ކަަމަށެވެ. 

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިފްޒުކުރުމުގެ ބައިނަލްއަގްވާމީ މުބާރާތެއް ބާއްވަން ތައްޔާރުވަމުން އަންނައިރު ރާއްޖޭގައި 300 އަށް ވުރެ ގިނަ ހާފިޒުން މިހާރު ވެސް އެބަ ތިއްބެވެ. އަދި 1،800 އަށް ގިނަ މީހުން ގުރުއާން ހިތުދަސްކުރަމުން އެބަދެ އެވެ.